ރާއްޖޭގެ ޕޭމަންޓް ސިސްޓަމް ތަރައްގީކޮށް އާންމުންނާއި ވިޔަފާރިތަކަށް ބޭނުންކުރަން ފަސޭހަ ޕޭމަންޓް ހިދުމަތްތަކެއް، މިހާރަށްވުރެ ހަލުވިކޮށް ތައާރަފުކުރެވޭނެ ފަދަ އިންފްރާސްޓްރަކްޗާއެއް ގާއިމުކުރުމުގެ މަގުސަދުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން "ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" (ޕޭމަންޓް މޯލްޑިވްސް) ގެ ނަމުގައި ކުންފުންޏެއް އުފައްދައިފިއެވެ.
ބާސެލޯ ނަސަންދުރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޕޭމަންޓް މޯލްޑިވްސް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރެވެ.
އެމްއެމްއޭ އިން ބުނީ ޕޭމަންޓް މޯލްޑިވްސް ވެގެންދާނީ ރާއްޖޭގައި ހިންގާ ރީޓެއިލް ޕޭމަންޓް ސިސްޓަމްތައް ހަރުދަނާ ގޮތެއްގައި ހިންގުމުގެ އިތުރުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އާ އިޖާދީ ޕޭމަންޓް ހިދުމަތްތައް ތައާރަފުކުރުމަށް މަގުފަހިކޮށްދޭ ކުންފުންޏަކަށް ކަމަށެވެ. އަދި ރާއްޖޭގައި މާލީ ބައިވެރިވުން އިތުރުކުރުމަށްޓަކައި އިގުތިސާދުގައި ހަރަކާތްތެރިވާ އެކި ސެގްމަންޓްތަކަށް ބޭނުންވާ ޕޭމަންޓް ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް އެ މަސައްކަތްތައް ވިލަރެސްކުރާ މައިގަނޑު މުއައްސަސާއަށް ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
ޕޭމަންޓް މޯލްޑިވްސް ވެގެންދާނީ އެމްއެމްއޭގެ މަސްއޫލިއްޔަތާއި ވަކިކުރެވި، ފަވަރަ އާއި އޮޓޯމޭޓެޑް ކްލިއަރިން ހައުސް (އޭސީއެޗް) ފަދަ ރީޓެއިލް ޕޭމަންޓް ސިސްޓަމްތައް މެދުވެރިކޮށް ދެވޭ ހިދުމަތްތައް ވަކި މެނޭޖްމަންޓެއްގެ ދަށުން ކުރިއެރުވުމުގެ ޒިންމާ މަތިކުރެވިފައިވާ ކުންފުންޏަކަށް ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
އެމްއެމްއޭ އިން ބުނީ ޕޭމަންޓް މޯލްޑިވްސްގެ ސަބަބުން މުޅި ޕޭމަންޓް އިންފްރާސްޓްރަކްޗާގެ ތަރައްގީގެ މަސައްކަތްތަކުގެ ދުވެލި އަވަސްވެގެންދާނެ ކަމަށެވެ. އޭގެ އިތުރުން، މާލީ ހިދުމަތްދޭ ފަރާތްތަކުގެ ބައިވެރިވުމާއެކު އެފަދަ މަޝްރޫއުތައް ހިންގުމުން، އާ އީޖާދީ ހިދުމަތްތައް ތައާރަފުކުރުމުގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އެ ފަރާތްތަކުގެ އެއްބާރުލުން ލިބުމުގައި ފަސޭހަވެގެންދާނެ ކަމަށްވެސް އެމްއެމްއޭ އިން ބުންޏެވެ.
އެގޮތުން ކުންފުނީގެ މަސައްކަތް ފެށިގެންދާއިރު ފަވަރަ އާއި އޮޓޯމޭޓެޑް ކްލިއަރިން ހައުސް (އޭސީއެޗް) ގެ ހިންގުން ޕޭމަންޓް މޯލްޑިވްސްގެ ދަށަށް ބަދަލުކުރެވިގެންދާ އިރު، ޕޭމަންޓް ސިސްޓަމް ތަރައްގީކުރުމުގެ ގޮތުން މިހާރުވެސް ފެށިގެން ކުރިއަށްދާ މުހިންމު މަޝްރޫއުތައް ކަމުގައިވާ ފަވަރަ އާއި އިންޑިއާގެ ޔޫޕީއައިއާ ގުޅާލައި ކްރޮސް ބޯޑާ އިންޓަގްރޭޝަން ގާއިމުކުރުމުގެ މަޝްރޫއުގެ އިތުރުން، ޕޭއެމްވީ ކިއުއާރު ކޯޑު ތަންފީޒު ކުރުމުގެ މަސައްކަތްވެސް ދެން ކުރިއަށްގެންދާނީ ޕޭމަންޓް މޯލްޑިވްސް އިން ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
ޕޭމަންޓް މޯލްޑިވްސް އަކީ އެމްއެމްއޭގެ އިސްނެގުމާއެކު، އެ ފަރާތުގެ 60 ޕަސަންޓު ހިއްސާ ހިމެނޭހެން އުފައްދާފައިވާ ކުންފުންޏަކަށްވިޔަސް، އެ ކުންފުނި ހިންގުމަށް ނިންމާފައިވަނީ ވަކި މެނޭޖްމަންޓެއްގެ ދަށުންނެވެ. އޭގެ ސަބަބެއް ކަމަށް އެމްއެމްއޭއިން ހާމަކުރަނީ، ދުނިޔޭގެ ޕޭމަންޓް ޓެކްނޮލޮޖީއަށް އަންނަމުންދާ ބަދަލުތަކާއި ކުރިއެރުންތަކުގެ ދިރާސާތައްކޮށް އެއާ ގުޅޭ މަޝްރޫއުތަކުގެ ކަންކަން އެކަމަށް ހާއްސަވެގެން ތިބޭ މުވައްޒަފުންނާއެކު ކުރިއަށްގެންދިއުމެވެ.
އެގޮތުން އިނޮވޭޝަނާއި، ޕްރޮޑްކަޓް ޑިވެލޮޕްކުރުމާއި، އިންފޮމޭޝަން ޓެކްނޮލޮޖީގެ އިތުރުންވެސް ކަމާގުޅޭ ދާއިރާތަކުގެ ފަންނީ ތަޖުރިބާ ލިބިފައިވާ މުވައްޒަފުންނާއެކު ޕޭމަންޓު މޯލްޑިވްސް ހިންގުމުގެ ސަބަބުން، އާ އީޖާދީ ހިދުމަތްތައް ކަސްޓަމަރުންނާ ހަމައަށް ތައާރަފުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އަވަސް ދުވެއްޔެއްގައި ގެންދިއުމުގެ އިތުރަށް، މިހާރު އޮޕަރޭޓް ކުރަމުންދާ ސިސްޓަމުތަކުގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް އެމްއެމްއޭ އިން ދެކެއެވެ.
އެމްއެމްއޭ އިން ބުނީ ވަކި މެނޭޖްމަންޓެއްގެ ދަށުން ހިންގަމުންގެންދިޔަ ނަމަވެސް، ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނުގެ މައިގަނޑު މަގުސަދު ކަމުގައިވާ ރައްކާތެރި އަދި ހަރުދަނާ ޕޭމަންޓް ސިސްޓަމްގެ ނިޒާމެއް ގާއިމުކުރުމާއި ރާއްޖޭގައި މާލީ ބައިވެރިވުން އިތުރުކުރުމުގެ މަގުސަދު ހާސިލުވާކަން ކަށަވަރުކުރުމުގެ ގޮތުން ހިއްސާގެ އިންސައްތައެއް އެމްއެމްއޭގައި ބޭއްވުމަށް ރާވާފައިވާ ކަމަށެވެ.
މިފަދަ ކުންފުނިތަކަކީ ދުނިޔޭގެ ކާމިޔާބު މޮޑެލްއެއް
މި މޮޑެލް އަކީ ދުނިޔޭގެ ކުރިއަރާފައިވާ އެހެނިހެން ގައުމުތަކުގައިވެސް ކާމިޔާބުކަމާއެކު ތަންފީޒުކޮށްފައިވާ މޮޑެލްއެކެވެ. އިންޑިއާ، އޮސްޓްރޭލިއާ، ތައިލެންޑް އަދި ޖޯޑަން ފަދަ ގައުމުތަކުން މިފަދަ މޮޑެލްތައް ކާމިޔާބުކަމާއެކު ތަންފީޒުކޮށް، އެ ގައުމުތަކުގެ މާލީ ނިޒާމުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވެއެވެ.
އިންޑިއާގެ ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިޔާ (އެންޕީސީއައި) - ރިޒާވް ބޭންކް އޮފް އިންޑިއާ އަދި އިންޑިއަން ބޭންކްސް އެސޯސިއޭޝަނާ ގުޅިގެން ތަރައްގީކުރި ކުންފުނިން ޔޫޕީއައި ފަދަ ޕްލެޓްފޯމްތައް މެދުވެރިކޮށް ރިއަލްޓައިމް ޑިޖިޓަލް ޕޭމަންޓްތައް ފޯރުކޮށްދެއެވެ. އޮސްޓްރޭލިއާގެ އެންޕީޕީ އޮސްޓްރޭލިއާ އުފެއްދީ ރިޒާވް ބޭންކް އޮފް އޮސްޓްރޭލިއާ އަދި ބޮޑެތި ބޭންކުތަކުގެ އެހީތެރިކަމާއެކު، އޮސްޓްރޭލިއާގެ ހުރިހާ ރައްޔިތުންނަށް ރިއަލްޓައިމް އިންފްރާސްޓްރަކްޗާ ފޯރުކޮށްދިނުމަށެވެ. ޖޯޑަން އަދި ތައިލެންޑުންވެސް ވަނީ މިފަދަ ކުންފުނިތަކެއް އުފައްދައިފައެވެ.
ޕޭމަންޓް މޯލްޑިވްސްއާއެކު މާލީ ނިޒާމަށް ބޮޑު ބަދަލެއް
ޑިޖިޓަލް-ފަސްޓް މާލީ ނިޒާމަކާ ދިމާއަށް ޕޭމަންޓް މޯލްޑިވްސް ތައާރަފުކުރުމަކީ ޑިޖިޓަލް ރާއްޖެއެއްގެ ދަތުރުގައި އެޅުނު މުހިންމު ފިޔަވަޅެކެވެ. ގިނަ ދިވެހިން ޑިޖިޓަލް ޕޭމަންޓު ބޭނުންކުރަން ފެށުމާއެކު، ހަރުދަނާ، ރައްކާތެރި، އަދި އެންމެންނަށް ބައިވެރިވެވޭ އިންފްރާސްޓްރަކްޗާއެއްގެ ބޭނުން އިތުރުވެފައިވެއެވެ.
އެމްއެމްއޭ އިން ދެކޭގޮތުގައި ޕޭމަންޓް މޯލްޑިވްސްއަކީ މިހާރުގެ ނިޒާމުތަކަށް އެހީތެރިވުމުގެ އިތުރުން، ކުރިމަގުގެ ބޭނުންތަކަށް ތައްޔާރުވެ އެ ބޭނުންތައް ފުއްދައިދޭނެ ޕްލެޓްފޯމެވެ.
ޕޭމަންޓް މޯލްޑިވްސްގެ ސަބަބުން އާންމު ރައްޔިތުންނަށް ލިބޭނެ ފައިދާތަކުގެ ތެރޭގައި:
- އަވަސް އަދި ފަސޭހަ ޕޭމަންޓް ހިދުމަތްތައް
- އިތުރު ރައްކާތެރިކަމާއެކު މާލީ މުޢާމަލާތްތައް ކުރުމުގެ ފުރުސަތު
- އާ އީޖާދީ މާލީ ހިދުމަތްތަކަށް ފަސޭހައިން ވާސިލުވުމުގެ ފުރުސަތު
- މާލީ ޝާމިލުވުން އިތުރުވެ، އިތުރު ބަޔަކަށް ރަސްމީ މާލީ ނިޒާމުގެ ތެރެއަށް ވަނުމުގެ ފުރުސަތު ލިބުން
ވިޔަފާރިތަކަށް ލިބޭނެ ފައިދާތަކުގެ ތެރޭގައި:
- ޕޭމަންޓް ޕްރޮސެސިސިން ހަރަދުތައް ކުޑަވުން
- އާ ޓެކްނޮލޮޖީތަކާއި ހިދުމަތްތަކަށް ފަސޭހައިން އަހުލުވެރިވުމުގެ ފުރުސަތު ލިބުން
- ބައިނަލްއަގުވާމީ ވިޔަފާރީގެ ފުރުސަތުތައް އިތުރުވުން
އެމްއެމްއޭ އިން ބުނީ ޖުމުލަކޮށް ބަލާއިރު، ޕޭމަންޓް މޯލްޑިވްސް ވެގެންދާނީ ރާއްޖޭގެ މާލީ ދާއިރާގެ މުސްތަގުބަލަށް އެޅޭ މުހިންމު ފިޔަވަޅަކަށް ކަމަށާއި އެ ފިޔަވަޅުގެ ސަބަބުން ރާއްޖޭގެ މާލީ އިންފްރާސްޓްރަކްޗާ ހަރުދަނާވެ، އާ އީޖާދުތަކަށް މަގުފަހިވެ، އަދި ޑިޖިޓަލް އިގުތިސާދަކާ ދިމާއަށް ދަތުރުކުރުމަށް ބާރު ލިބިގެންދާނެ ކަމަށެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން، ދިވެހި ރައްޔިތުންނަށާއި ވިޔަފާރިތަކަށް އިތުރު ފުރުސަތުތަކާއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރެވޭ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ