އަލަށް ފުރަތަމަ ޑިވިޝަނަށް ތައްޔާރުވި އޮޑި ސްޕޯޓްސް ކްލަބަށް ގެނައި އޮސްޓްރޭލިއާގެ ތަޖުރިބާކާރު ކޯޗު، އިއަން އެންޑްރޫ ގިލަންއަށް އާއިލީ ސަބަބެއް ދިމާވެ، ކްލަބު ދޫކޮށް ދާން ޖެހިއްޖެއެވެ.

އޮޑި ފުރަތަމަ ޑިވިޝަނަށް ނުކުމެ، މިވަގުތު ދަނީ އެފްއޭއެމް ލީގު ކަޕްގައި ވާދަކުރަމުންނެވެ. އެޓީމުން ލީގު ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބު ކައިރިން 0-0 އިން އެއްވަރުވެފައިވާ އިރު، ކޯޗު ޓީމު ދޫކޮށް ދިޔައީ ދެފަރާތުން އެއްބަސްވެގެން، ހެދިފައިވާ އެއްބަސްވުން އުވާލާފައެވެ.

އިއަންއަކީ އޮސްޓްރޭލިއާ ރަށްވެއްސެއް ނަމަވެސް، އޭނާއަކީ ސްކޮޓްލޭންޑަށް އުފަން ކޯޗެކެވެ. އޮޑިން ބުނީ އިއަން އެނބުރި ދިޔައީ ސްކޮޓްލޭންޑަށް ކަމަށެވެ.

އޮޑިން ނެރުނު ހާއްސަ ބަޔާނެއްގައި ބުނީ އިއަންއާއެކު މަސައްކަތް ކުރުމަށް ކުޅުންތެެރިންނަށް ލިބުނީ މަދު ދުވަސްކޮޅެއް ނަމަވެސް، އޭނާގެ ސަބަބުން ޓީމަށް މުހިއްމު ކަންތައްތަކެއް ދަސްވެފައިވާ ކަމަށެވެ. އަދި އާއިލާއަށް އުނދަގޫ ހާލަތެއް ދިމާވި ދަނޑިވަޅުގައި، އެކަމަށް މުހިއްމުކަން ދިނުމަށް އިއަން ނިންމި ނިންމުމަށް އިހުތިރާމް ކުރާ ކަމަށްވެސް އޮޑިން ބުނެފައިވެއެވެ.

އެނގިފައިވާ ގޮތުގައި އިއަން އޮޑި ދޫކޮށް ދާން ޖެހުނީ ބައްޕައަށް ކެންސަރު ޖެހުމުގެ ސަބަބުންނެވެ.