އުމުރުން 26 އަހަރުގެ އިންގްލެންޑް ޑިފެންޑަރު، ޓްރެންޓް އެލެކްސެންޑާ-އާނޯލްޑް މި ސީޒަނަށްފަހު ލިވަޕޫލް ދޫކޮށްލާނެކަން ރަސްމީކޮށް އިއުލާނުކޮށްފިއެވެ.
އާނޯލްޑް، ލިވަޕޫލާއެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެއެވެ. އެ އެއްބަސްވުން ހަމަވުމާއެކު އޭނާ އެ ކްލަބު ދޫކޮށްލާނީ ހިލޭ ޓްރާންސްފާއެއްގައެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި އާނޯލްޑް މިހާރު ވަނީ ރެއާލް މެޑްރިޑަށް ބަދަލުވާން ހުރިހާ ކަމެއް ނިންމައި، އެއްބަސްވުމަކަށް ގޮސްފައެވެ.
ލިވަޕޫލް ދޫކޮށްލިކަން އިއުލާނުކުރަމުން އާނޯލްޑް ބުނީ 20 އަހަރު ފަހުން ކްލަބެއް ދޫކޮށްލުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި، ލޯބިވާ ކްލަބު ދޫކޮށްލަން ނިންމި ނިންމުމަކީ ހަޔާތުގައި ނިންމި އެންމެ އުނދަގޫ ނިންމުން ކަމަށެވެ.
އާނޯލްޑަކީ އިނގިރޭސިވިލާތުގެ ލިވަޕޫލަށް އުފަން ކުޅުންތެެރިއެކެވެ. އޭނާ ވަނީ އެ ކްލަބަށް 352 މެޗު ކުޅެފައެވެ. 2016 ވަނަ އަހަރުން ފެށިގެން އާނޯލްޑް ލިވަޕޫލަށް ކުޅެފައިވާ އިރު، އޭނާއަކީ ސައިޑް ބެކެއް ނަމަވެސް މުހިންމު ގޯލުތަކެއް ޖަހައިދިން ކުޅުންތެރިއެކެވެ.
އެގޮތުން އާނޯލްޑް ވަނީ 23 ގޯލު ޖަހައި 86 އެސިސްޓް ފުރިހަމަކޮށްފައެވެ.
އާނޯލްޑް ވަނީ 2019-20 ވަނަ އަހަރުވެސް ލިވަޕޫލާއެކު ލީގު ކާމިޔާބުކޮށް، މި ސީޒަނުގެ ލީގުވެސް ކާމިޔާބުކޮށްފައެވެ. އޭގެ އިތުރުން 2018-19 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގާއި 2022 ވަނަ އަހަރު އެފްއޭ ކަޕްވެސް އާނޯލްޑް ވަނީ ލިވަޕޫލާއެކު ކާމިޔާބުކޮށްފައެވެ.
މުޙައްމަދު ޝަމްޢޫން
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް