ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފާހަގަކުރުމަށް، އެޗްޑީސީ އާއި އުރީދޫ މޯލްޑިވްސް ގުޅިގެން މަސްރޭހެއް ބޭއްވުމަށް ނިންމައިފިއެވެ.

އެޗްޑީސީން މިއަދު ބުނީ އެ މަސް ރޭހުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކަށް އޮންލައިންކޮށް ރަޖިސްޓާ ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށާއި މަސްރޭހުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ސުންގަޑިއަކީ އަންނަ ބުދަ ދުވަސް ކަމަށެވެ.

ހުޅުމާލޭގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްގެންދާ އެ މަސްރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ގައެވެ. ހުޅުމާލޭގެ ފެރީ ޓާމިނަލް ޕާކު ކައިރިން ފަށާ އެ ރޭސް ކުރިއަށްދާނީ އެ ދުވަހުގެ ހަވީރު 04:00 އިން ރޭގަނޑު 10:00 އަށް ކަމަށްވެސް އެޗްޑީސީން ބުންޏެވެ.

ރޭހުގައި ބައިވެރިވެގެން އެންމެ ގިނަ މަސް ބާނާ ޓީމަކަށް 21،000 ރުފިޔާގެ ފައިސާގެ އިނާމަކާއި އެންމެ ބޮޑު މަސް ބާނާ ފަރާތަކަށް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް އަދި އެންމެ މޮޅު ކެޔޮޅަށް ވެސް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.

މި މަހުގެ 12 ވަނަ ދުވަހު ފާހަގަކުރާ ހުޅުމާލޭގެ 21 ވަނަ އަހަރީ ދުވަހާ ގުޅިގެން ކުލަގަދަ ފެސްޓިވަލެއް ބޭއްވުމަށްވެސް އެޗްޑީސީން ވަނީ ނިންމައިފައެވެ. އެގޮތުން، ހަފުތާއަކަށް ދިގުދެމިގެންދާ ގޮތަށް ކުރިއަށްގެންދާ މި ފެސްޓިވަލްގެ ހަރަކާތްތައް އެކި ދުވަސްތަކަށް ބަހާލައިގެން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އޮންނާނެއެވެ.