ހުއްޓިފައި އޮތް ރާއްޖޭގެ ކްލަބު ފުޓުބޯޅަ އަލުން ފެށުމަށް އެފްއޭއެމްއިން ކަލަންޑަރުން ބޭރުން ރޭވި އެފްއޭއެމް ލީގު ކަޕް ފެށުމަށް ރޭ ކުޅުނު މެޗުގައި އޮޑި ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބު ވާދަކުރި މެޗު ގޯލެއް ނުޖެހި އެއްވަރުވެއްޖެއެވެ.
އެފްއޭއެމްއިން ލީގު ކަޕް ރާވާފައި ވަނީ ރާއްޖޭގެ ކްލަބު ފުޓުބޯޅަ އަލުން ފެށުމަށް ކުރި މަސައްކަތުގައި، މުބާރާތެއް ބާއްވަން މަޖުބޫރު ހާލަތަށް ގޮސްފައި އޮއްވައެވެ. 2023 ވަނަ އަހަރު ފުޓުބޯޅަ ހުއްޓާލިފަހުން، މިދިޔަ އަހަރު ކްލަބު ފުޓުބޯޅަ އޮތީ ހުއްޓުމެއްގައެވެ.
އެފްއޭއެމްގެ މާލީ މައްސަލަތައް ގޯހުން ގޯހަށް ގޮސް، އެ އިދާރާގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުވެ، ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ސަސްޕެންޑްވެސް ކުރި އިރު، އޭނާގެ މައްސަލަތަކެއް ކޯޓުގައިވެސް ހިނގަމުން ދެއެވެ.
އެހިސާބަށް ކަންތައް ދިޔުމުން އެ މައްސަލަތައް ހައްލުކޮށް، އަސާސީ ގަވާއިދަށް ބަދަލު ގެނައުމާއެކު އަލުން އިންތިހާބެއް ބާއްވަން ފީފާއިން އައްޔަންކުރީ ނޯމަލައިޒޭޝަން ކޮމިޓީއެކެވެ. އަދިވެސް އެ ކޮމިޓީގެ އަތްދަށުގައި ފުޓުބޯޅަ އޮތް އިރު، އެފްއޭއެމްއިން ފުރަތަމަ ބެލީ ލީގު ފެށުމަށެވެ.
އެހެންނަމަވެސް، އެ މަސައްކަތް ހުއްޓުވާލައި، ފީފާއިން އެންގީ އަސާސީ ގަވާއިދު ބަދަލުކުރުމާއި އިންތިހާބު ބާއްވަން ފޯކަސް ބަހެއްޓުމަށެވެ. އެހެން އެންގުމުން ކްލަބުތަކަށް ގެއްލުން ވާނެތީ މުބާރާތެއް ބާއްވަން ފީފާގެ ހުއްދަ ހޯދައިން އެފްއޭއެމްއިން ލީގު ކަޕް އިއުލާނުކުރި އިރު، އެ މުބާރާތުގައި ޖުމުލަ ވާދަކުރަނީ ފަސް ޓީމެކެވެ. އެއީ އެއްވަނަ ޑިވިޝަނާއި ދެވަނަ ޑިވިޝަން އެކުވެގެން، މުބާރާތުގައި ބައިވެރިވި އަދަދެވެ.
މުބާރާތް ފެށުމަށް ރޭ ކުޅުނު މެޗުގައި، ދެޓީމުގެ ފަރާތުންވެސް ރަނގަޅު ސްކޮޑެއް ފެނިގެން ގޮސްފައިވާ އިރު، މެޗު އެއްވަރުވީ ދާދި ހަމަހަމަ ކުޅުމަކަށްފަހުއެވެ.
އޮޑިއިން އަލަށް ފުރުތަމަ ޑިވިޝަނަށް ނުކުމެ، އަދި ލީގު މެޗެއް ނުކުޅެ އޮތް އިރު، ރޭ ކުޅުނު މެޗަކީ ސީނިއާ ލެވެލްގައި އެޓީމު ކުޅުނު ފުރަތަމަ މެޗެވެ. އޮޑިއަކީ އެންމެފަހުގެ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަން ޓީމެވެ.
އެފްއޭއެމް ލީގު ކަޕްގެ މެޗެއް މިއަދު ހަވީރު 4:00 ގައިވެސް އޮންނާނެއެވެ. އެ މެޗުގައި ވާދަކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ.
އެފްއޭއެމް ލީގު ކަޕް
އެފްއޭއެމް ލީގު ކަޕް
އެފްއޭއެމް ލީގު ކަޕް
އެފްއޭއެމް ލީގު ކަޕް