ކުޅުދުއްފުށީގައި ގައުމީ ބީޗް ހޭންޑްބޯލް ޓީމުގެ ޓްރަޔަލްތައް ބާއްވާ، އެ ސިޓީން ގައުމީ ޓީމު އެކުލަވާލުމުން ދައްކުވައިދިނީ ކުޅިވަރު ލާމަރުކަޒު ކުރެވިދާނެކަން ކަމަށާއި އެ ނަމޫނާގައި ހުރިހާ އެސޯސިއޭޝަނުންވެސް ހިފަން ޖެހޭ ކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވިއެވެ.
ރާއްޖޭގެ ގައުމީ ބީޗް ހޭންޑްބޯލް ސްކޮޑް ކުޅުދުއްފުށީގައި އެކުލަވާލައި، އެޓީމުން ވަނީ އޮމާނުގައި އޮންނަ 10 ވަނަ އޭޝިއަން ބީޗް ހޭންޑްބޯލް މުބާރާތަށް ފުރަން ތައްޔާރުވެފައެވެ. އެ ޓީމާ ޖާޒާ ހަވާލުކުރުމަށް ރޭ ބޭއްވި ހާއްސަ ހަފުލާގައި، މިއަހަރު ސެޕްޓެމްބަރު މަހު ކުޅުދުއްފުށީ ސިޓީގައި ކޮމަންވެލްތުގެ ފުރަތަމަ ބީޗް ހޭންޑްބޯލް މުބާރާތް ހޯސްޓް ކުރަން ލިބިފައިވާކަންވެސް އިއުލާނު ކޮށްފައިވެއެވެ.
އެ އިވެންޓްގައި ވާހަކަ ދައްކަވަމުން އާތިފް ވިދާޅުވީ ހޭންޑްބޯލް އެސޯސިއޭޝަނުން ދައްކައިދިނީ ކުޅިވަރު ލާމަރުކަޒު ކުރެވޭނެކަމުގެ މިސާލެއް ކަމަށެވެ.
"ދިވެހި ބީޗް ހޭންޑްބޯލް ޓީމެއް އެކުލަވާލެވިގެން ދިޔަ އިރު، އެޓީމު އެކުލަވާލެވުމުގެ މަސައްކަތް ކުޅުދުއްފުށީގައި ކުރެވިގެން ދިޔަކަމީ އަޅުގަނޑުމެންނަށް ލިބިދެން ޝަރަފެއް. އެކަމަށްޓަކައި ކުޅިވަރު ވުޒާރާގެ މިނިސްޓަރި ރާފިއުގެ އިތުރުން އަޅުގަނޑުމެންގެ އެކުވެރި އެސޯސިއޭޝަންގެ ރައީސް މުޖޭއަށް ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރަން. ފާހަގަކޮށްލަން އޮތް އަނެއް ކަމަކީ، މީގެން އެނގިގެން މިދަނީ ރާއްޖޭގައި ކުޅިވަރުވެސް ލާމަރުކަޒު ކުރެވޭނެކަން. ހަމައެކަނި ވަކި ސަރަހައްދެއްގައި ނޫންކަން ހުނަރުހުރީ،" މޭޔަރު އާތިފް ފާހަގަކުރެއްވިއެވެ.
މޭޔަރު އިތުރަށް ފާހަގަކުރެއްވީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުޅުދުއްފުށީގައި ގައުމީ ޓީމަށް ކުޅުންތެރިން ހޮވި އިރު، އެޓީމަށް ކުޅުދުއްފުށިން ގިނަ ކުޅުންތެރިންތަކެއް ހޮވިފައިވުމަކީ ކުޅިވަރުގެ ހުނަރު އެ ސިޓީގައި އޮތްކަމުގެ ހެއްކެއް ކަމަށެވެ.
އާތިފް ވިދާޅުވީ ބީޗް ހޭންޑްބޯލް ޓީމު އެކުލަވާލުން ކުޅުދުއްފުށީގައި ކުރިއަށް ގެންގޮސް، ހޭންޑްބޯލް އެސޯސިއޭޝަނުން، އެހެން އެސޯސިއޭޝަންތަކަށް ދައްކައިދިނީ ރީތި ނަމޫނާއެއް ކަމަށެވެ. އެ ނަމޫނާއަށް އެހެން އެސޯސިއޭޝަންތަކުން އަމަަލުކުރުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.
އާތިފް ވިދާޅުވީ ކޮމަންވެލްތު ފަދަ ގިނަ ގައުމުތަކެއް ރަމްޒުކުރާ ޖަމިއްޔާއެއްގެ ބޮޑު މުބާރާތެއް ކުޅުދުއްފުށީގައި ބޭއްވުމަކީ ލިބޭ ބޮޑު ފުރުސަތެއް ކަމަށާއި އެކަހަލަ ބޮޑު މުބާރާތަކަށް ކުޅުދުއްފުށީގެ ޖަމިއްޔާތަކާއި އިދާރާތަކުގެ ތަޖުރިބާ ހުންނާނެ ކަމަށެވެ. އަދި އެކަމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށާއި ތައްޔާރީތައްވުމަށް ރައްޔިތުންގެ އެއްބައިވަންތަކަން ހުންނާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ކުޅުދުއްފުށީގައި ބައިނަލްއަގުވާމީ މުބާރާތެއް ބާއްވަން ނިންމާފައިވާ އިރު، ރާއްޖޭ ލެވެލްގެ ބޮޑެތި ކުޅިވަރު އިވެންޓްތަކެއް މީގެ ކުރިންވެސް އެސިޓީގައި ހޯސްޓް ކޮށްފައިވެއެވެ.
ހޭންޑްބޯލް
ހޭންޑްބޯލް
ހޭންޑްބޯލް
ހޭންޑްބޯލް