ކޮމަންވެލްތުގެ ފުރަތަމަ ބީޗް ހޭންޑްބޯލް މުބާރާތް، އަންނަ ސެޕްޓެމްބަރު މަހު ރާއްޖޭގެ ކުޅުދުއްފުށީ ސިޓީގައި ބާއްވަން ނިންމާފައިވާ ކަމަށް ހޭންޑްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިއުލާނުކޮށްފިއެވެ.
ރާއްޖޭގައި ކޮމަންވެލްތު ބީޗް ހޭންޑްބޯލް މުބާރާތް ބާއްވަން ނިންމާފައިވާކަން ރޭ އިއުލާނުކުރީ އެކަމަށްޓަކައި ބޭއްވި ހާއްސަ ޕްރެސް ކޮންފަރެންސްގައެވެ.
ކޮމަންވެލްތު ބީޗް ހޭންޑްބޯލް ގޭމްސްއެއް ފުރަތަމަ ބާއްވަން މަސައްކަތް ކުރީ ޕާކިސްތާނުގައެވެ. އެއީ 2024 ވަނަ އަހަރުއެވެ. އެފަހަރު ޕާކިސްތާނުގައި މުބާރާތް ބާއްވަން ތާވަލުކުރެވުނު ނަމަވެެސް، އެކިއެކި ސަބަބުތަކާއެކު ޕާކިސްތާނުގައި މުބާރާތް އޮތީ ނުބޭއްވިއެވެ.
އެހިސާބުން ރާއްޖެއިން އެ މުބާރާތް ރާއްޖޭގައި ބޭއްވުމަށް މަސައްކަތް ފެށި ކަމަށް އެސޯސިއޭޝަންގެ ރައީސް އަހުމަދު މުޖުތަބާ (މުޖޭ) ވިދާޅުވިއެވެ.
މުޖޭ ވިދާޅުވީ، ރާއްޖެއިން އެ މުބާރާތަށް ދާން މަސައްކަތް ކުރި ނަމަވެސް، މުބާރާތް ނެތުމާއެކު ރާއްޖެއިން އޭގެފަހުން ދެން ވިސްނީ 10 ވަނަ އޭޝިއަން ބީޗް ހޭންޑްބޯލް މުބާރަށެވެ. އޮމާނުގައި އޮންނަ އެ މުބާރާތަށް ދާން ޓީމުން އިއްޔެ ވަނީ ކުޅުދުއްފުށިން ފުރައިފައެވެ.
"ޕާކިސްތާނުގައި ކޮމަންވެލްތު މުބާރާތް ނުބޭއްވުނު ހިސާބުން އަޅުގަނޑުމެން މަސައްކަތް ކުރިން އެ މުބާރާތް ބޭއްވުމަށް. އެހިސާބުން އޭޝިއަން ހޭންޑްބޯލް ފެޑަރޭޝަންގެ ސެކްރެޓަރީ ޖެނެރަލްއާ ގުޅިގެން އަޅުގަނޑުމެން މިނިސްޓަރާވެސް ގުޅިގެން މަސައްކަތްތަކެއް ކުރިން،" މުޖޭ ރޭގެ ޕްރެސްގައި ވިދާޅުވިއެވެ.
މުޖޭ ވިދާޅުވީ ޕްރޮޕޯސަލް ލިބުމާއެކު ވިސްނީ ރާއްޖޭގައި ސާވޭއެއް ހެދުމަށް ކަމަށާއި ސާވޭ ހެދި އިރު، އެމްއޯސީގެ އިތުރުން މިނިސްޓްރީގެ އިސް ބޭފުޅުންނާއި ކުޅުދުއްފުށީ ސިޓީ ކައުންސިލް އަދި އެކިއެކި ފަރާތްތަކާ ވާހަކަ ދެއްކި ކަމަށެވެ. އެ ސާވޭއިން އެނގުނު ގޮތުގައި ރާއްޖެއަށް ފުރަތަމަ ވިސްނި ވިސްނުމަށްވެސް މުބާރާތް ބާއްވަން އެކަށީގެންވާ ތަނެއްކަން އެނގިގެން ދިޔަ ކަމަށްވެސް މުޖޭ ފާހަގަ ކުރެއްވިއެވެ.
"ރާއްޖެއަކީ ވޯލްޑް ކަޕް ބާއްވާ ވެނިއުއަކަށްވުރެ ފެންވަރު ރަނގަޅު ތަނެއް ކަމަށް އެބޭފުޅުން ފާހަގަކުރެއްވި. ރާއްޖޭގައި ތަންކޮޅެއް ވަސީލަތްތައް މަދީއޭ. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ވަސީލަތްތައް ގާއިމުކުރެވިދާނެ ކަމަށް އެބޭފުޅުން ފާހަގަކުރެއްވި،" މުޖޭ ފާހަގަކުރެއްވިއެވެ.
ރާއްޖެއިން މާޗު މަހު މަސައްކަތް ފަށައިގެން ކުރި މަސައްކަތުގައި ބިޑްކޮށް، އެ ބިޑް ކާމިޔާބުކޮށްފައިވާ އިރު، މުޖޭ ފާހަގަކުރެއްވީ ބީޗް ހޭންޑްބޯލް މުބާރާތުން ރާއްޖޭގެ ރީތި ގޮނޑުދޮށްތައް ވިއްކާލަން ފަހި ފުރުސަތެއް ލިބޭނެ ކަމަށް މިނިސްޓަރުވެސް ގަބޫލުކުރައްވާ ކަމަށެވެ.
ކޮމަންވެލްތުގެ ފުރަތަމަ ބީޗް ހޭންޑްބޯލް މުބާރާތް ރާއްޖޭގެ ކުޅުދުއްފުށި ސިޓީގައި އޮންނާނީ ސެޕްޓެމްބަރު 18 އިން 22 އަށެވެ. މިހާތަނަށް ކޮމަންވެލްތުގެ ދައުވަތު ގަބޫލުކޮށް، ހަތަރު ގައުމަކުން މުބާރާތުގައި ބައިވެރިވެފައިވާ އިރު، އަދި އިތުރު ގައުމުތަކުންވެސް މުބާރާތުގައި ބައިވެރިވާނެ ކަމަށް އެސޯސިއޭޝަނުން މައުލޫމާތު ދީފައިވެއެވެ.
ރޭގެ ޕްރެސްގައި މިނިސްޓަރު ރާފިއު ވިދާޅުވީ ހޭންޑްބޯލް އެސޯސިއޭޝަނުން، މުބާރާތް ރާއްޖެ ގެންނަން ކުރި މަސައްކަތަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި ހޭންޑްބޯލްއަކީ ރާއްޖޭގައި އަންހެން އަދި ފިރިހެނުންވެސް ފޯރިއާއެކު ކުޅެމުންދާ ކުޅިވަރެއް ކަމުން، އެ ކުޅިވަރުން މުޅި ރާއްޖެ ތަމްސީލުކުރެވިދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ޕްރެސްގައި ވާހަކަ ދައްކަވަމުން ކުޅުދުއްފުށި ސިޓީ ކައުންސިލުގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ، ކޮމަންވެލްތު ބީޗް ހޭންޑްބޯލް މުބާރާތް ކުޅުދުއްފުށީގައި ބެއްވުމަކީ މުޅި ރާއްޖެއަށްވެސް އޭގެ ފައިދާ އޮތް ކަމެއް ކަމަށެވެ. އަދި، ރާއްޖޭގެ ރީތިކަން ބޭނުންކޮށްގެން ނަފާހޯދޭނެ ގިނަ ގޮތްތަކެއް އެބަހުރި ކަމަށާއި ސްޕޯޓްސް ޓޫރިޒަމް ތެރެއިން ހުރި ފުރުސަތުތަކަކީ ރާއްޖޭން ބޭނުންހިފަން ޖެހޭ ކަމެއް ކަމަށް އާތިފް ވިދާޅުވިއެވެ.
ހާއްސަކޮށް ކުޅިވަރު މުބާރާތްތައް ރާއްޖޭގެ ރީތި ދޮންވެލި ގޮނޑުދަށް ތަކުގައި ކުޅެލުމަކީ ލިބޭނެ ޝަރަފެއް ކަމަށާއި، ކުޅުދުއްފުށިން މުބާރާތަށް ފުރިހަމައަށް ތައްޔާރުވާނެކަމުގެ ޔަގީންކަން ދޭނެ ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.
އޮލިމްޕިކް ކޮމިޓީގެ ރައީސް، މުހައްމަދު އަބްދުއްސަައްތާރު (ޗަމްޕި) ކޮމަންވެލްތު ބީޗް ހޭންޑްބޯލް މުބާރާތް ރާއްޖޭގައި ބޭއްވުމަކީ ހެޔޮ ފާލެއް ކަމަށާއި މުބާރާތް ރަނގަޅަށް އިންތިޒާމު ކުރެވިއްޖެނަމަ، ރާއްޖޭގައި މުބާރާތްތައް ބޭއްވިދާނެކަމުގެ ޔަގީންކަން ކޮމަންވެލްތަށް ލިބިގެންދާނެ ކަމަށެވެ.
"މިކަން (ބީޗް ހޭންޑްބޯލް މުބާރާތް) ރަނގަޅަށް ކުރިއަށް ގެންދެވިއްޖެނަމަ، އެކަން ވެގެންދާނީ ކޮމަންވެލްތަށް ރާއްޖެއާ ދޭތެރޭ ލިބޭނެ ވަރަށް ބޮޑު ޔަގީންކަމަކަށް. ކޮމަންވެލްތުން ވަރަށް ބޮޑަށް ބޭނުންވޭ ރާއްޖެ މި ގޭމްސް ތެރޭގައި އޮންނަން. އަޅުގަނޑުމެން އޮލިމްޕިކް ކޮމިޓީން މިތިބީ ސްޕޯޓްސް ކުރިއެރުވުމުގައި ދެވެން އޮތް އެއްބާރުލުމެއް ދޭން. އަދި އިތުރު މިކަހަލަ މުބާރާތްތަކަށް ފުރުސަތުވެސް ފަހިކޮށްދޭން ތައްޔާރަށް މިތިބީ. އެކަމުގައި ސްޕޯޓްސް މިނިސްޓްރީން ކުރައްވާ ބުރަ މަސައްކަތަށް ޝުކުރުވެސް އަދާކުރަން،" ސައްތާރު ފާހަގަކުރެއްވިއެވެ.
ކޮމަންވެލްތު ބީޗް ހޭންޑްބޯލް މުބާރާތް
ކޮމަންވެލްތު ބީޗް ހޭންޑްބޯލް މުބާރާތް
ކޮމަންވެލްތު ބީޗް ހޭންޑްބޯލް މުބާރާތް
ކޮމަންވެލްތު ބީޗް ހޭންޑްބޯލް މުބާރާތް