އިނގިރޭސި ޕްރިމިއާ ލީގުގެ ދެވަނަ މަގާމުގައި އޮތް އާސެނަލުން ރޭ ކުޅުނު މެޗުގައި ބޯންމައުތު ކައިރިން ބަލިވެއްޖެއެވެ.

އާސެނަލަށް މި ސީޒަނުގެ ލީގުވެސް ގެއްލިފައިވާ އިރު، ލިވަޕޫލުން ވަނީ މިދިޔަ ހަފުތާގައި ލީގު ޔަގީންކޮށްފައެވެ. ތަށްޓަކާއެކު ސީޒަން ނިންމާލުމަށް އާސެނަލުން ކުރަމުންދާ މަސައްކަތުގައި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލާ ހަމައަށް ދަތުރު ކޮށްފައިވާ އިރު، ފުރަތަމަ ލެގުގައި ޕީއެސްޖީ ކައިރިން ބަލިވެފައި އޮތީ 1-0 ގެ ނަތީޖާއަކުންނެވެ.

އެ ބައްޔާއެކު ޗެމްޕިއަންސް ލީގުގެ ނަތީޖާ އަނބުރާލަން އާސެނަލަށް މަޖުބޫރުވެފައި އޮތް ނަމަވެސް، ރޭ ބޯންމައުތާ ދެކޮޅަށްވެސް އާސެނަލް ނުކުތީ ވަރުގަދަ 11 އަކާއެކުގައެވެ.

އެއީ މެޗުގެ ކުރިން ލީގުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން އެއްވަރުވެ، ދެވަނަ މަގާމު ގެއްލުމުގެ މިސްރާބުގައި އޮތުމުންނެވެ.

ރޭ 2-1 އިން ބަލިވުމާއެކު، އާސެނަލް ދެވަނައިގައި އޮތީ 35 މެޗުން 67 ޕޮއިންޓާއެކުގައެވެ. ތިންވަނައިގައި މެންޗެސްޓާ ސިޓީ އޮތީ 35 މެޗުން 64 ޕޮއިންޓާއެކުގައެވެ. ސިޓީން އާސެނަލާ ގާތްކޮށްފައިވާ އިރު، ހަތަރުވަނައިގައި އޮތް ނިއުކާސަލް ވަނީ 34 މެޗުން 62 ޕޮއިންޓް ހޯދައިފައެވެ. އަދި ޗެލްސީ ފަސްވަނައިގައި އޮތީ 34 މެޗުން 60 ޕޮއިންޓާއެކުގައެވެ.

އެހެންކަމުން، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ހޯދުމަށް އާސެނަލުން ފޯމު ރަނގަޅުކުރަން ޖެހެއެވެ.

ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އާސެނަލުން ލީޑު ނެގިއެވެ. މާޓިން އޮޑެގާޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި އާސެނަލަށް ލީޑު ނަގައިދިނީ ޑެކްލަން ރައިސްއެވެ. ރޭގެ މެޗަކީ ރައިސް، އާސެނަލް ޖާޒީގައި ކުޅުނު 100 ވަނަ މެޗެވެ.

އެ ގޯލާއެކު ލީޑުގައި އޮވެ ދެވަނަ ހާފަށް ނުކުތް އާސެނަލް ކައިރިން ބޯންމައުތު ނަތީޖާ އަނބުރާލީ 67 ވަނަ މިނެޓުގައި ޑިއާން ހުއިސެން ޖެހި ގޯލިގެ އިތުރުން އެވަނިލްސަން ޖެހި ގޯލުންނެވެ.

ރޭގެ މޮޅާއެކު ބޯންމައުތު ވަނީ އަންނަ ސީޒަނުގެ ޔޫރަޕް ފުޓުބޯޅައަށް އުންމީދެއް ހޯދައިފައެވެ. އެޓީމު އަށްވަނައިގައި އޮތީ 35 މެޗުން 53 ޕޮއިންޓާއެކުގައެވެ. ހަތްވަނައިގައި އޮތް އެސްޓަން ވިލާއާއި ހަވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓަށްވެސް ލިބިފައި ވަނީ 60 ޕޮއިންޓެވެ.