ކައުންސިލްތަކަށް ދޭ ހިލޭ އެހީ ހަރަދުކުރާގޮތް ބެލޭނެ ބާރު ފިނޭންސް މިނިސްޓަރަށް ދޭގޮތަށް އިސްލާހު ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވަނީ މި އަހަރުގެ ތެރޭގައި ގާނޫނުތަކަށް ހުށައަޅަން ނިންމާފައިވާ އިސްލާހުތަކުގެ ތަފްސީލު ހިއްސާކުރައްވާފައެވެ.

އިސްލާހުތައް ހުށަހަޅައިގެން ސަރުކާރުން ގެންނަވާ ބަދަލުތައް:

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުން

ރިޔާސީ އިންތިހާބު ދެވުނު ބުރު ނޯންނަ ގޮތަށް ބޭއްވުން

ރިޔާސީ ދައުރު ފެށޭ ދުވަހަކީ 11 ނޮވެންބަރުކަމަށް ކަނޑައެޅުން

މަޖިލީހުގެ މެންބަރުން 93 ގައި ހިފެހެއްޓުމަށް އިސްލާހެއް

އަތޮޅު ކައުންސިލްތައް އުވާލުން

ސިޔާސީ މަގާމުތަަކަށް ދައުލަތުގެ ބަޖެޓުން ހަރަދުކުރެވޭ މިންވަރު ކަނޑައެޅުން

ސިޔާސީ މަގާމުތަކުގެ އަދަދު މަޖިލީހުން ކަނޑައަޅާ ގޮތަށް ހެދުން

ސިޔާސީ މަގާމުތަކުގައި ތިބޭ ފަރާތްތަކުގެ ތަފްސީލު މަޖިލީހާ ހިއްސާކުރަން ޖެހޭ ގޮތް ހެދުން

2000 މީހުންނަށްވުރެ މަދު އާބާދީއެއްގައި ނަމަ ތިން ކައުންސިލަރުން އަދި 2000 އަށްވުރެ އާބާދީ ގިނަ ނަމަ ފަސް ކައުންސިލަރުން ތިބޭ ގޮތަށް ކަނޑައެޅުން

2000 މީހުންނަށްވުރެ މަދު އާބާދީއެއްގައިނަމަ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ތިން މެންބަރުން އަދި 2000 އަށްވުރެ އާބާދީ ގިނަ ނަމަ ފަސް މެންބަރުން ތިބޭ ގޮތަށް ކަނޑައެޅުން

ސިޓީ ކައުންސިލަރުންގެ އަދަދު މިހާރު ހުރި މިންވަރަށްވުރެ އިތުރުނުވާނެހެން ކަނޑައެޅުން

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސަކީ ސީދާ ވޯޓަކުން ހޮވާ ފަރާތެއްކަމުގައި ކަނޑައެޅުން

ކައުންސިލްތަކުގައި އަންހެނުންނަށް ހާއްސަކުރެވޭ އިންސައްތަ 33 އިންސައްތައިން 40 އިންސައްތަ އަށް ބަދަލުކުރުން

ބްލޮކް ގުރާންޓް ބޭނުންކުރަނީ ކައުންސިލްތަކުގެ މައްޗަށް ގާނޫނުން ލާޒިމުކުރާ ޒިންމާތައް އަދާކުރުމަށް އެކަނިކަން ކަށަވަރުކުރުމުގެ އިހުތިޔާރާއި ބާރު ފިނޭންސް މިނިސްޓަރަށް ދިނުން

1 ނޮވެންބަރުން ފެށިގެން ޓީޖީއެސްޓީގެ ވަކި އިންސައްތައެއް ކައުންސިލްތަކަށް ދިނުން

ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ގޮތުން 43 ބިލެއް އެކުލަވާލައިފައި ކަމަށެވެ. ރައީސް ވިދާޅުވީ އޭގެ ތެރެއިން 40 ބިލެއް، ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަޅާފައިވާ ކަމަށާއި މަޖިލީހުން ވަނީ އޭގެ ތެރެއިން 31 ބިލެއް ފާސްކޮށްފައި ކަމަށެވެ.