ސިޔާސީ މަގާމުތަކަށް ހަރަދުކުރެވޭނެ އަދަދު ގާނޫނުން ކަނޑައަޅަން، ރައްޔިތުންގެ މަޖިލީހަށް ބިލު ހުށަހެޅުއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ އެ ބިލުގައި ދައުލަތުގެ ބަޖެޓުން ސިޔާސީ މަގާމުތަކަށް ހަރަދުކުރެވޭނެ އަދަދު ބަޔާންކުރުމުގެ އިތުރުން ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކުރެވޭނެ އަދަދުވެސް ހިމަނާނެ ކަމަށެވެ.
"ސިޔާސީ މަގާމުތަކަށް ދައުލަތުގެ ބަޖެޓުން ހަރަދު ކުރެވޭނީ ގިނަވެގެން ކިހާ މިންވަރެއްކަން ގާނޫނުގައި ބަޔާންކުރުން. އެންމެ ގިނަވެގެން އައްޔަން ކުރެވޭނެ ސިޔާސީ މަގާމުތަކުގެ އަދަދު، މަޖިލީހުން ކަނޑައަޅާ ގޮތަށް ގާނޫނު ބަދަލުކުރުން،" ރައީސް ވިދާޅުވިއެވެ.
"ސިޔާސީ މަގާމުތަކުގައި ތިބޭ ފަރާތްތަކުގެ ތަފްސީލު މަޖިލީހާ ހިއްސާކުރަން ޖެހޭ ގޮތަށް ބަދަލުކުރުން އެހެންވީމަ ޗެކް އެންޑް ބެލެންސް ނިޒާމެއްގެ ތެރެއަށް ސިޔާސީ މަގާމުތައް އައްޔަންކުރުން، ވަކިކުރުން ލާގޮތަށް"
އެ މަނިކުފާނު ވިދާޅުވީ ސިޔާސީ މަގާމުތައް ގިނަވުމަކީ ރައްޔިތުންގެ ކަންބޮޑުވުން އޮންނަކަމެއް ކަމަށެވެ.
ރައީސް ވިދާޅުވީ ދައުލަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދަކީ ގާތްގަނޑަކަށް 49،000 ކަމަށެވެ. އެ މުވައްޒަފުންނަށް މުސާރަ ދިނުމަށް މަހަކު 997،000،000 މިލިއަން ރުފިޔާ ހަރަދުވާ ކަމަށެވެ.
އޭގެ ތެރެއިން ސިޔާސީ މަގާމުތަކުގައި ތިބި މީހުންނަށް މުސާރަ ދިނުމަށް މަހަކު ހަރަދުވަނީ 32،000،000 ރުފިޔާކަމަށް ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ 2،130 މަޝްރޫއުގެ މަސައްކަތް ނުވަތަ ވައުދު ފުއްދުމަށް މަސައްކަތް ކުރާއިރު އެކަންކަން ބަލަހައްޓައި ލީޑުކުރާނެ ވޯކްފޯސްއެއް ބޭނުންވާނެ ކަމަށެވެ.
"އެހެންވީމާ ނަތީޖާ ނެރުމަށްޓަކައި ވޯކްފޯސްއެއް މިގެންނަނީ. ނަތީޖާ ނެރެދިނުމަށް އެހީތެރިކަން ދިނުމަށްޓަކާ ލީޑްކޮށް ދިނުމަށްޓަކާ. ބޭކާރު ގޮތުގައި ބަޔަކު އައްޔަން ނުކުރާނެ" ރައީސް ވިދާޅުވިއެވެ.
ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ ވޯކް ޕާފޯމެންސް ބެލޭނެ އުސޫލެއް މުޅިން އަލަށް ހަމަޖައްސާފައިވާ ކަމަށާއި ކޮންމެ ތިން މަހަކުން ތިން މަހަކުން އެ މީހުންގެ ވޯކްޕާފޯމެންސް ރިޕޯޓް އެ މަނިކުފާނަށް ލިބިވަޑައިގަންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މަގާމުތަކުގައި ތިބި މީހުންގެ ތެރެއިން މަސައްކަތަށް ފަރުވާކުޑަ މީހުން މަގާމުން ވަކިކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު