އިންތިހާބީ މަގާމުތަކުގައި ތިބޭ މީހުން "ރިކޯލް" ވޯޓަކުން ވަކިކުރެވޭގޮތަށް ގާނޫނު އިސްލާހުކުރަން ބިލު ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ގޮތުން 43 ބިލެއް އެކުލަވާލައިފައި ކަމަށެވެ. ރައީސް ވިދާޅުވީ އޭގެ ތެރެއިން 40 ބިލެއް، ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަޅާފައިވާ ކަމަށާއި މަޖިލީހުން ވަނީ އޭގެ ތެރެއިން 31 ބިލެއް ފާސްކޮށްފައި ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ މިއަހަރުގެ ތެރޭގައި ސަރުކާރުގެ ފަރާތުން އިތުރު 30 ބިލެއް މަޖިލީހަށް ފޮނުވާނެ ކަމަށެވެ. އޭގެ ތެރޭގައި ގާނޫނުއަސާސީއަށް ގެންނަ އިސްލާހުތަކެއްވެސް ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ.

"ގާނޫނުއަސާސީއަށް ގެނައުމަށް ވިސްނާފައިވާ އިސްލާހުތަކުގެ ތެރޭގައި ރިކޯލް ވޯޓެއް ނަގައި ވަކިކުރަން ފާސްވެއްޖެ ނަމަ އިންތިހާބީ މަގާމުތަކުގައި ތިބޭ ފަރާތްތައް ވަކިކުރެވޭ ނިޒާމެއް ތައާރަފުކުރުން ހިމެނޭ. މީގައި ހުރިހާ އިންތިހާބީ މަގާމުތަކެއް ހިމެނޭނެ. ކައުންސިލަރުން އެމްޕީން އަދި ހުރިހާ އިންތިހާބީ މަގާމުތަކުގައި ތިބި މީހުން. އެ މީހުން އިންތިހާބުކުރި ދާއިރާއަށް ގޮސް ނަގާނީ ރިކޯލް ވޯޓެއް. އެހާ ހިސާބަށް ދާން ޖެހިއްޖިއްޔާ. ރިކޯލް ވޯޓެއް ނަގައި އޭގެން ފާސްވީ އިތުބާރެއް ނެތް ކަމަށް، އޭރުން ގޮނޑި ގެއްލޭނެ." ރައީސް ވިދާޅުވިއެވެ.

ގާނޫނު މިހާރު އޮންނަ ގޮތުގެ ސަބަބުން މަޖިލީހުގެ މެންބަރުންނާއި ކައުންސިލް މެންބަރުން މަގާމުން ވަކިކުރެވޭނެ ގޮތެއް ނޯންނަ ކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރުގެ ވިސްނުމަކީ ރީކޯލް ވޯޓަކުން މަޖިލިސް މެންބަރުންނާއި ކައުންސިލަރުން ވަކިކުރުމުގެ ބާރު، އެ މަޖިލިސް މެންބަރަކު އަދި ކައުންސިލަރަކު ނިސްބަތްވާ ދާއިރާގެ ރައްޔިތުންނަށް ދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.

އެއީ ރައްޔިތުން ބާރުވެރި ކުރުވުމަށް މުހިންމު އިސްލާހަކަށް ވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.