ޓޫރިޒަމް ވިޔަފާރިތަކުން ޑޮލަރު މާރުކުރަން މަޖުބޫރުކުރުމުން 200 މިލިއަނަށްވުރެ ގިނަ ޑޮލަރު މާރުކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖޭގެ މާލީ ހާލަތަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅު މިސްރާބަކަށް މިހާރު ގެނެވިފައިވާ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކުން ރާއްޖޭގެ ބޭންކުތަކައް ޑޮލަރު މާރުކުރަން ފެށުމުން ބޭރު ފައިސާ ލިބުމަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ.
"އަޅުގަނޑުމެން އަލަށް ފާސްކުރި ބޭރުފައިސާއާބެހޭ ގާނޫނުގެ ނަތީޖާއެއްގެ ގޮތުން އަމަލުކުރަން ފެށުމާއެކީގަ ބޭންކުތަކުން މިހާރު މާރުކޮށްފި 214 މިލިއަން ޑޮލަރު މާރުކުރައްވައިފި" ރައީސް ވިދާޅުވިއެވެ.
ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިންގެ ފަރާތުން އެކަމުގައި ވަރަށް ރަނގަޅު އެއްބާރުލުމެއް ލިބިގެންދާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ރިޒާވް މަތިވަމުންދަނީ ރަނގަޅު ޓްރެންޑެއްގައި ކަމަށެވެ. އަދި ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކަށް ދައްކަންޖެހޭ ލޯނުތަކަށް މިއަހަރުގެ މިހާތަނަށް 2.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ކުރިން ނަގާފައިވާ ލޯނުތައް ދެއްކުމަށް ކަމަށާއި އޭގެ ތެރޭގައި 100 މިލިއަން ޑޮލަރު ދައްކަންޖެހޭ ލޯނެއްވެސް ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ.
މިއަހަރުގެ ޖެނުއަރީ ފެށިގެން މިމަހުގެ 24 ވަނަ ދުވަހާ ހަމައަށް އައިރު ރާއްޖޭގެ ލިބުނު ހިލޭ އެހީއާއި އެހެނިހެން އާމްދަނީގެ އަދަދަކީ 12.4 ބިލިއަން ރުފިޔާ ކަމަށާއި ހަރަދަކީ 10.5 ބިލިއަން ރުފިޔާ ކަމަށެވެ.
ބަޖެޓް ސާޕްލަސްއަކީ 1.9 ބިލިއަން ރުފިޔާ ކަމަށާއި ޕްރައިމަރީ ބެލެންސްއަކީ 3.5 ބިލިއަން ރުފިޔާގެ ސާޕްލަސްއެއްކަމަށް ރައީސް ވިދާޅުވިއެވެ.
"ލޯނު އަނބުރާ ދެއްކުމަށްޓަކައި މިއަހަރުގެ މިހާތަނަށް 2.5 ބިލިއަން ރުފިޔާ އަޅުގަނޑުމެންވާނީ ހަރަދުކޮށްފަ" ރައީސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު