ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އެއްވެއުޅުމުގެ ހައްގު ބޭނުންކުރާއިރު، އެހެން މީހުންގެ ހައްގުތައް ނުގެއްލޭ ގޮތަށް މުޒާހަރާކުރަން ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން އިލްތިމާސްކޮށްފިއެވެ.

އެޗްއާރްސީއެމުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުން ފެށިގެން މަޖީދީ މަގުގައި ކުރިއަށްދާ ސިލްސިލާ މުޒާހަރާތައް އެ ކޮމިޝަނުން މޮނިޓާކުރަމުންދާ ކަމަށެވެ.

އެޗްއާރްސީއެމުން ބުނީ ގާނޫނުއަސާސީން ލިބިދޭ އެއްވެއުޅުމުގެ މިނިވަންކަމާއި މަދަނީ އަދި ސިޔާސީ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ މުއާހަދާ (އައިސީސީޕީއާރް)އާއި އެ މުއާހަދާގެ 21 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ހައްގާ އެއްގޮތްވާގޮތުގެ މަތިން ސުލްހަވެރި އެއްވުންތަކާއި އަދި އެފަދަ އެއްވުންތަކުގައި ގިނަ ޒުވާނުން ބައިވެރިވެ އުޅުމަކީ ބަލައިގަންނަ ކަމަށެވެ.

އެފަދަ އެއްވުންތައް ބާއްވާއިރު ދަތުރުފަތުރުކުރާ މީހުންނާއި ހިނގާބިގާވާ މީހުންނާއި އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކާއި ވިޔަފާރިތަކަށް ދަތިނުވާނެ ގޮތަކަށް އެއްވުންތައް ހަމަޖެއްސުމަށް އިލްތިމާސްކުރާ ކަމަށް އެޗްއާރްސީއެމުން ބުންޏެވެ.

"ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު ރައްޔިތުންނަށް ދީފައިވާ އިރު، ހައްގުގެ ބޭނުން ކުރުމުގައި އެއްބަޔަކު އަނެއްބައެއްގެ ހައްގަށް އަރައިނުގަނެ ހައްގުތަކަށް އިހުތިރާމްކުރުމަކީ މުޖުތަމައުގެ ހަމަޖެހުމަށްޓަކައި މުހިންމުކަމެކެވެ" އެޗްއާރްސީއެމުން ބުންޏެވެ.

"މި ދުވަސްވަރަކީ ޖީސީއީ އޯލެވެލް އިމްތިހާނު ދުވަސްވަރުކަމުން، މަގުތަކުގައި އަޑުގަދަނުކޮށް މިފަދަ އެއްވުންތަކުގައި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ އިމުގެ ތެރެއިން ކުރިއަށް ގެންދިޔުމަށް ކޮމިޝަނުން އިލްތިމާސްކުރަމެވެ. އަދި އާންމު އިޖްތިމާއީ މިންގަނޑާއި ހިލާފު ނުވާނެހެން މުޒާހަރާ ކުރިއަށް ގެންދިއުމަށް މި ކޮމިޝަނުން ގޮވާލަމެވެ"

އެ ކޮމިޝަނުން ބުނީ ފުލުހުން މުޒާހަރާ ރޫޅާލުމުގައި ގާނޫނާއި ގަވާއިދުގެ ތެރެއިން އަމަލުތައް ބެހެއްޓުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ފުލުހުން އިޖުރާއަތްތަކާ އެއްގޮތަށް އަމަލުކުރުމަށް ގޮވާލާ ކަމަށް އެޗްއާރްސީއެމުން ބުންޏެވެ.

އެފަދަ އެއްވުންތައް ރޫޅާލުމުގައި ސުލްހަވެރިކަން އިސްކުރުމަށްވެސް ގޮވާލާ ކަމަށް ވެސް އެޗްއާރްސީއެމުން ބުންޏެވެ.