ކާނީވާ ސަރަހައްދު، އިންޑަސްޓްރިއަލް ޒޯން އަދި އުސްފަސްގަނޑު ފިޔަވައި އެހެން ތަންތަނުގައި ބާއްވާ އެއްވުންތައް ރޫޅާލާނެކަމުގެ އިންޒާރު ފުލުހުން މިރޭ ދީފިއެވެ.
މީގެ ކުރިން 31 އޮގަސްޓް 2016 ވަނަ އަހަރުގެ އޭރުގެ މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ގެޒެޓުގައި ކުރި އިއުލާނެއްގައި ބުނެފައިވަނީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ޅ) ގެ ދަށުން ފުލުހުން ލިޔުމުން ދޭ ހުއްދައަކާއެކު ފިޔަވައި، ރާއްޖޭގެ ވެރިކަންކުރާ ރަށް ކަމުގައިވާ މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ، ހެންވޭރު ކާނިވާ ސަރަޙައްދުގައި އެކަންޏެވެ.
ހޯމްލޭންޑް މިނިސްޓްރީން މިއަދު ގެޒެޓުގައި ކުރި އިއުލާނެއްގައި އެ ގާނޫނުގެ ދަށުން މިހާރު ކަނޑައަޅާފައިވަނީ އެންމެ ސަރަހައްދެއް ކަމުގައިވާތީ، މާލޭގައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ފުރުސަތު އިތުރަށް ފަހިކުރުމުގެ ގޮތުން، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ޅ) ގެ ދަށުން ފުލުހުން ލިޔުމުން ދޭ ހުއްދައަކާއެކު ފިޔަވައި، މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނެ ސަރަހައްދުތަކުގެ ގޮތުގައި އިތުރު ސަރަހައްދުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.
އެގޮތުން ކާނިވާ ސަރަހައްދުގެ އިތުރުން ރަސްފަންނާއި މާލޭ އިންޑަސްޓްރިއަލް ޒޯނު އަދި އުސްފަސްގަނޑު ސަރަހައްދުގައި ފުލުހުންގެ ހުއްދަ ހޯދުމަކާ ނުލައި ސުލްހަވެރި އެއްވުންތައް މީގެފަހުން ކުރިއަށް ގެންދެވޭނެ ކަމަށް ހޯމްލޭންޑުން ބުންޏެވެ.
ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ގާނޫނުއަސާސީގެ 32 ވަނަ މާއްދާގައި ކަށަވަރުކޮށްދީފައިވާ އަދި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ކަށަވަރުކޮށްދީފައިވާ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ހައްގު، އެއްވެސް ތަފާތުކުރުމެއްނެތި ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ލިބޭކަން ކަށަވަރުކުރުމުގައި ފުލުހުން ދެމި ތިބޭނެ ކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް ހޯމްލޭންޑް މިނިސްޓްރީން މިއަދުކުރި އިއުލާނުގައި ފުލުހުންގެ ހުއްދަ ހޯދުމެއްނެތި ސުލްހަވެރި އެއްވުންތައް ބޭއްވޭނެ ކަމަށް ކަނޑައެޅި ސަރަހައްދުތައް ފިޔަވައި އެހެން ތަންތަނުގައި ބާއްވާ އެއްވުންތަކަށް ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ބުންޏެވެ.
"އިއުލާނުގައި ކަނޑައަޅާފައިވާ ތަންތަންކަމުގައިވާ ހެންވޭރު ކާނިވާ ސަރަހައްދާއި ރަސްފަންނު ސަރަހައްދާއި މާލޭ ހުޅަނގު ދެކުނު ހިއްކި ސަރަހައްދު (އިންޑަސްޓްރިއަލް ޒޯނުގެ ގޮތުގައި ކަނޑައެޅި) އާއި އުސްފަސްގަނޑު ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި، އާންމު ރައްޔިތުންގެ އަސާސީ އެހެނިހެން ހައްގުތަކަށް އުނިކަން އަންނަ ގޮތަށް ބާއްވާ އެއްވުންތަކަށް ދިވެހި ފުލުހުންގެ ހިދުމަތުން ފުރުސަތު ނުދޭނެ ވާހަކަ ދަންނަވަމެވެ. އެގޮތުން، ގާނޫނާ ހިލާފަށް ބާއްވާ އެއްވުންތައް ރޫޅާލުމަށް ގާނޫނީ ބާރުގެ ބޭނުންކޮށް، އެއްވުން އިންތިޒާމުކުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅައި އާންމު މަސްލަހަތު ރައްކާތެރިކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް ދިވެހި ފުލުހުންގެ ހިދުމަތުން އަޅަމުންގެ ގެންދާނެ ވާހަކަވެސް ދަންނަވަމެވެ،" ފުލުހުން ބުންޏެވެ.
މަޖީދީ މަގުގައި ބައެއް ޒުވާނުން މިހާރު ކުރިއަށްގެންދާ އިހުތިޖާޖުގެ ސަބަބުން އެ މަގު ބަންދުވެ، އާންމު ދަތުރުފަތުރަށް ހުރަސް އެޅި، ދުއްވާ އެއްޗެހީގައި ދަތުރުކުރާ މީހުންނަށާއި އެމަޖެންސީ ހިދުމަތްތަކުގެ އިތުރުން އެ މަގުގައި ހުންނަ ވިޔަފާރިތަކަށާއި ޖީސީއީ އޯލެވެލް އިމްތިނާނުތަކަށް ތައްޔާރުވަމުންދާ ދަރިވަމުންނަށް އުނދަގޫތަކެއް ކުރިމަތިވެ އެކަމުގެ ޝަކުވާ ލިބެމުންދާކަމަށް ފުލުހުން ބުންޏެވެ.
އެކަން ފާހަގަކޮށް ފުލުހުން ބުނީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން އެއްވުންތަކާއި ހިނގާލުންތައް ނުވަތަ މުޒާހަރާތައް އިންތިޒާމުކުރާ ފަރާތްތަކުގެ މައްޗަށް، އާންމު ރައްކާތެރިކަން ދެމެހެއްޓުމާއި އެހެން ފަރުދުންނަށް ލިބިދޭ މަގު ބޭނުންކުރުމާއި ދަތުރުފަތުރުކުރުމާއި އަދި އެކަންކަމާ ގުޅިފައިވާ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކުރުމުގެ ޒިންމާ އެޅިފައިވާ ކަމަށެވެ.
އެހެންވެ އެފަދަ އަސާސީ ހައްގުތަކަށް އުނިކަން ނާންނާނެ ފަދަ ގޮތަކަށް، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގުގެ ބޭނުން ކުރުމަށް ގޮވާލާކަމަށް ފުލުހުން ބުންޏެވެ.
"އާންމު ރައްޔިތުންގެ އަސާސީ އެހެނިހެން ހައްގުތަކަށް އުނިކަން އަންނަ ގޮތަށް ބާއްވާ އެއްވުންތަކަށް ދިވެހި ފުލުހުންގެ ހިދުމަތުން ފުރުސަތު ނުދޭނެ ވާހަކަ ދަންނަވަމެވެ. އެގޮތުން، ގާނޫނާ ހިލާފަށް ބާއްވާ އެއްވުންތައް ރޫޅާލުމަށް ގާނޫނީ ބާރުގެ ބޭނުންކޮށް، އެއްވުން އިންތިޒާމުކުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅައި އާންމު މަސްލަހަތު ރައްކާތެރިކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް ދިވެހި ފުލުހުންގެ ހިދުމަތުން އަޅަމުންގެ ގެންދާނެ ވާހަކަވެސް ދަންނަވަމެވެ،" ފުލުހުން ބުންޏެވެ.
މީގެ އިތުރުން ފުލުހުން ބުނީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ބާއްވާ ސުލްހަވެރި އެއްވުންތަކަށް ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން ފުލުހުން ފޯރުކޮށްދޭނެ ކަމަށެވެ.
އެފަދަ އެއްވުންތައް ބާއްވާ ސަރަހައްދުތަކުގެ މަގުތަކާއި އެއްވުން ނުވަތަ ހިނގާލުން ކުރިއަށް ގެންދިއުމަށް ބޭނުންވާނެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ އިންތިޒާމު ފުލުހުން ހަމަޖައްސައިދޭނެކަމުގެ ޔަގީންކަންވެސް ދޭކަމަށް ފުލުހުން ބުންޏެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް