ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަނބަލުން ޔާސްމީން މުހައްމަދު މުއިއްޒުއާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ފަތުރަމުންދަނީ ފޭކް ސްކްރީންޝޮޓެއް ކަމަށް ރައީސްގެ އާއިލާގެ ގާނޫނީ ވަކީލު، ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރު ވިދާޅުވެއްޖެއެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހު މާލޭގެ އިމާރާތެއްގެ ނުވަވަނަ ބުރިން ގަރާޖެއްގެ މައްޗަަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދު (21އ) އިންސާފު ހޯދުމަށް ގޮވާލައި ކޮންމެ ރެއަކު ކުރަމުންދާ މުޒަހާރަގެ ތެރެއިން ފުލުހުން ވަނީ ރޭ ނ. ކުޑަފަރި، އަބްދުﷲ މަހުޒޫމް މާޖިދު (28އ) އަދި، މ. ހަސްތީ / މާލެ، އާއިޝަތު ޝިމަން އަހުމަދު (19އ) ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން ޝިމަން އޭނާގެ އެކްސް އެކައުންޓުގެ ޔޫޒާ ނޭމަކަށް ޖަހާފައިވަނީ "ދޮންކެޔޮ" އެވެ.
ސޯޝަލް މީޑިއާގައި މިއަދު ވަނީ ޔާސްމީންގެ އިންސްޓަގްރާމް އެކައުންޓު ކަމަށް ބުނާ އެކައުންޓެއްގެ ސްޓޯރީއަށް ލައިފައިވާ ޕޯސްޓެއް ދައުރުވާން ފަށަައިފިއެވެ. އެ ޕޯސްޓުގައި "ދޮންކެޔޮ ހައްޔަރުކޮށްފި ކަމަށާއި ޕަޖާމާ ލައިގެން އުޅޭ މީހުން ދެން ނޫޅޭނެ،" ކަމަށެވެ.
އާޒިމާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޔާސްމީންގެ އެކައުންޓުގެ ސްކްރީންޝޮޓެއް ކަމަށް ބުނެ މިހާރު ދައުރުވަމުންދަނީ ޔާސްމީންގެ ނަމުގައި ހަދާފައިވާ ފޭކް ސްކްރީންޝޮޓެއްގެ ފޮޓޯއެއް ކަމަށެވެ.
ރައީސްގެ އާއިލާގެ ފަރާތުން އެދެނީ އެފަދަ ފޭކް ސްކްރީންޝޮޓްތައް ދައުރު ނުކުރުމަށް ކަމަށް އާޒިމާ ވިދާޅުވިއެވެ.
ފުލުހުންވަނީ ރޭ ޒުވާނުން ކުރަމުންދިޔަ މުޒާހަރާ ރޫޅާލައިފައެވެ. މަހްޒޫމް އާއި ޝިމަން ހައްޔަރުކުރީ މުޒާހަރާ ރޫޅާލުމުގެ ތެރެއިންނެވެ.
ފުލުހުން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މަހްޒޫމް ހައްޔަރުކުރީ ފުލުހަކަށް ހަމަލާ ދިނުމުގެ ސަބަބުން ކަމަށެވެ. ޝިމަން ހައްޔަރުކުރީ ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސް އެޅުމުގެ ސަބަބުން ކަމަށެވެ.
މުހައްމަދު އިޝާން
އާޒިމާ ޝުކޫރު
އާޒިމާ ޝުކޫރު
އާޒިމާ ޝުކޫރު