އިންޑިއާގެ އަރުނާޗަލް ޕްރަދޭޝްގައި ބާއްވަން ތައްޔާރުވެފައިވާ ސާފް 19 އަހަރުން ދަށުގެ މުބާރާތަށް ދާ ދިވެހި ޓީމަކީ ހުނަރުގެ ގޮތުން ވަރުގަދަ، މަސައްކަތުގެ ރޭޓް ރަނގަޅު ޓީމެއް ކަމަށާއި އެޓީމަށް އުންމީދު ބޮޑު ކަމަށް ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) ބުނެފިއެވެ.

ސާފް ޗެމްޕިއަންޝިޕްގެ 19 އަހަރުން ދަށުގެ މުބާރާތް، އިންޑިއާގައި އޮންނާނީ މިމަހުގެ ނުވަޔަކުން 18 އަށެވެ. ޖުމުލަ ހަ ޓީމުން މުބާރާތުގައި ބައިވެރިވާ އިރު، ރާއްޖެ ހިމެނެނީ ގްރޫޕް އޭގައެވެ. އެއީ އެންމެފަހުގެ ޗެމްޕިއަން ބަންގްލަދޭޝާއި ބޫޓާނާއެކުގައެވެ. ދެން އޮތް ގްރޫޕްގައި ހިމެނެނީ މުބާރާތް ތިން ފަހަރު ކާމިޔާބުކޮށްފައިވާ އިންޑިއާއާއި ދެ ފަހަރު ތަށި ހޯދާފައިވާ ނޭޕާލް އަދި ސްރީ ލަންކާއެވެ.

ސާފް 19 އަހަރުން ދަށުގެ ޓީމަށް ސްކޮޑު ފައިނަލްކޮށް، މުބާރާތަށް ޓީމު ތައްޔާރުވެފައިވާ އިރު، އެކަމާ ގުޅިގެން ޕީއެސްއެމްގެ ކުޅިވަރު ފައިލް ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ޝާކިއްޓެ ބުނީ، ތާރީހަށް ބަދަލުތަކެއް އައުމުން އައި ޗެލެންޖާއި، އޯލެވެލްގެ ސަބަބުން ކުރިމަތިވި ޗެލެންޖް އެބައޮތް ކަމަށެވެ.

"މި މުބާރާތަކީ (ސާފް 19 އަހަރުން ދަށުގެ މުބާރާތަކީ) ކުރިން މިއަހަރުގެ ފަހު ކޮޅަށް ތާވަލުކޮށްފައި އޮތް މުބާރާތެއް. އެހެން ނަމަވެސް، ފަހުން ސާފުން ކަލަންޑަރު ފައިނަލްކޮށް އިއުލާނުކުރިއިރު މުބާރާތް މިއޮތީ މޭ މަހުގެ ނުވަޔަކުން 18 އަށް ބަދަލުވެފައި. ދެން އެކަމަށް ތައްޔާރުވާން އެންމެ ފުރަތަމަ ކުރިކަމަކީ 19 އަހަރުން ދަށުގެ ޗެމްޕިއަންޝިޕް ފެބްރުއަރީ މަހު ބޭއްވީ. އޭގެން ބޮޑަށް ކުދިން މި ނެގީ ގައުމީ ޓީމަށް،" ޝާކިއްޓެ ފާހަގަކުރިއެވެ.

ރާއްޖޭގެ ގައުމީ 19 އަހަރުން ދަށުގެ ޓީމުން ޓީސީއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގެ ތެރެއިން --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

"އެ ސްކޮޑު ނެގިއިރުވެސް ދިމާވި ދަތިތަކެއް. އެއީ 19 އަހަރުން ދަށުގައި މި ކުޅެނީ 2007، 2008 އަދި 2009 ވަނަ އަހަރު އުފަންވެފައިވާ ކުޅުންތެރިން. މީގެ ތެރެއިން 2008 އަދި 2009 ވަނަ އަހަރު އުފަންވެފައިވާ ކުޅުންތެރިންނަށް މިއީ އޯލަވެލް ދުވަސްކޮޅު. އެއީ މޭމަހު މުބާރާތް އޮންނާތީ ބައެއް ކުޅުންތެރިންގެ ޓެސްޓާ އެބަ ދިމާވޭ މުބާރާތް،" ޝާކިއްޓެ އިތުރަށް ބުންޏެވެ.

ޝާކިއްޓެ ބުނީ މިދިޔަ އަހަރު 17 އަހަރުން ދަށުގެ ޓީމުގައި ކުޅުނު ވަރުގަދަ ސްކޮޑު އޮތްގޮތަށް، 19 އަހަރުން ދަށުގެ ޓީމަށް ނެގެން ނެތުމުން، މިފަހަރު ސްކޮޑަކީ "އަލުން ބަލުން" ނަގާފައިވާ ސްކޮޑެއް ކަމަށެވެ.

ރާއްޖޭގެ 19 އަހަރުން ދަށުގެ ޓީމުން ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ފެށީ ރޯދަ މަހު ފަހުންނެވެ. ޓީމުން އެހިސާބުން ފެށިގެން ފަރިތަކުރަމުން އައިސް، ރޭ ފަރިތަކުރުންތައް ނިންމާލީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ.

ޝާކިއްޓެ އިތުރަށް ފާހަގަކުރީ އެ އުމުރުފުރާގައި ތިބި ކުޅުންތެރިންނަކީ މޮޅުވާން ބޭނުންވެގެން އަބަދުވެސް ކުޅެމުންދާ ކެރެކްޓާއެއްގެ ކުދިން ކަމަށާއި، ހުނަރުވެސް އެ އުމުރުފުރާގެ ކުޅުންތެރިންގެ ރަނގަޅު ކަމަށެވެ.

ކޯޗު ޝާކިއްޓެ ފާހަގަކުރީ ޓާގެޓަކީ ފައިނަލަށް ގޮސް ތަށި ހޯދުން ކަމަށާއި، އެ ނޫން ގޮތަކަށް އެއްވެސް ހާލަތެއްގައި ކުޅުންތެރިންނަށް އިރުޝާދުވެސް ނުދޭނެ ކަމަށެވެ.

ރާއްޖެއިން މުބާރާތް ފަށާނީ ބަންގްލަދޭޝްއާ ދެކޮޅަށް ނުވަވަނަ ދުވަހު ހަވީރު ކުޅޭ މެޗުންނެވެ.