ރާއްޖޭގެ ލީގު ނުފެށި ގިނަ ދުވަސްތަކެއްވެފައި ވުމާއެކު ކްލަބުތަކަށް ބާއްވަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކްލަބުތަކަށް ބާއްވާ އެފްއޭއެމް ލީގު ކަޕް ފެށުމުގެ ގޮތުން ކުޅޭ ފުރަތަމަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބާއި އޮޑި ސްޕޯޓްސް ކްލަބު ވާދަކުރަން ޖެހިއްޖެއެވެ.

އެފްއޭއެމް ލީގު ކަޕްގެ ގުރު ނެގީ އިއްޔެއެވެ. ލީގު ކަޕްގައި ބައިވެރިވާން ފުރަތަމަ ފުރުސަތު ދީފައި ވަނީ ފުރަތަމަ ޑިވިޝަނުގެ ކްލަބުތަކަކަށެވެ. އެހެން ނަމަވެސް، ބައެއް ކްލަބުތަކުން ވަނީ އެ މުބާރާތާ ދެކޮޅު ހަދައިފައެވެ. އެގޮތުން ފުރަތަމަ ޑިވިޝަނުން ލީގު ކަޕް ގައި ވާދަކުރަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ޓީސީގެ އިތުރުން އޮޑިއެވެ.

ދެން މުބާރާތުގައި ވާދަކުރާ އަނެއް ދެ ކްލަބަކީ ދެވަނަ ޑިވިޝަނުގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މަހިބަދޫ ސްޕޯޓްސް ކްލަބެވެ.

އިއްޔެ ބޭއްވި އެފްއޭއެމް ލީގު ކަޕް ގުރުގެ ތެރެއިން ސައްޖަ އާއި ޝާކިއްޓެ --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

ޖުމުލަ ފަސް ޓީމާއެކު މުބާރާތް ފަށަން ތައްޔާރުވެފައިވާ އިރު، ފުރަތަމަ މެޗު އަންނަ އާދީއްތަ ދުވަހުގެ ރޭ 9:00 ގައި އޮންނާނީ ގައުމީ ދަނޑުގައެވެ. އެމެޗުގައި ޓީސީއާއި އޮޑި ވާދަކުރާ އިރު، ދެވަނަ މެޗުގައި އަނެއް ދުވަހު ހަވީރު މާޒިޔާއާއި ނިއު ރޭޑިއަންޓް ނުކުންނާނީ 4:00 ގައެވެ.

އޭގެފަހުން އަނެއްކާވެސް މެޗުތައް އޮންނާނީ އަނެއް ހަފުތާގައެވެ.

ލީގު ބުރަކަށްފަހު މުބާރާތުގެ ސެމީ ފައިނަލް ދެމެޗު މިމަހުގެ 25 ވަނަ ދުވަހު އޮންނަ އިރު، ފައިނަލް އޮންނާނީ 28 ވަނަ ދުވަހުގެ ރޭގައެވެ.