ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ ގައުމީ ހައިސިއްޔަތު ވަގުތީ ގޮތުން ނަގާފައިވާ ކަަމަށް ސްޕޯޓްސް މިނިސްޓްރީން އަންގައިފިއެވެ.
ބެޑްމިންޓަން އެސޯސިއޭޝަންގެ ހާލަތު ގޯހުން ގޯހަށް ގޮސް، އިންތިހާބެއް ނުބޭއްވި އެތައް ދުވަހެއް ވަނީ ވޭތުވެ ގޮސްފައެވެ. މިދިޔަ އަހަރު މާޗު މަހުގެ 11 ވަނަ ދުވަހަށް އެ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގެ ދައުރު ހަމަވެފައިވާ އިރު، އިންތިހާބެއް ނުބޭއްވި މިހާރު ވަނީ އަހަރެއް ވެފައެވެ.
އޭގެ އިތުރުން އެސޯސިއޭޝަނުގެ ހިންގާ ގަވާއިދަށް ބަދަލު ގެންނަންވެސް ކޮމިޝަނާ އޮފް ސްޕޯޓްސްއިން އަންގާފައިވެއެވެ. އެއީ އިންތިހާބަށް ނުފޫޒު ފޯރުވޭނެ މަގުތައް، އަސާސީ ގަވާއިދުގައިވާ ކަމަށް ފާހަގަކޮށެވެ. އޭގެ އިތުރުން އެސޯސިއޭޝަނުގެ ކޮރަޕްޝަނުގެ މައްސަލަތައް އޭސީސީންވެސް ބަލަމުންދާ އިރު، އެކި މައްސަލަތަކުގައި ކޯޓަށްވެސް އެސޯސިއޭޝަނުން ގޮސްފައިވެއެވެ.
މައްސަލަތައް ހައްލުކުރުމަށް ކޮމިޝަނަރު އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް ކުރެއްވި ބައެއް މަސައްކަތްތަކުގެ ތެރެއިން އެސޯސިއޭޝަންގެ ހިންގުން އެ އިދާރާގެ މުއައްސިސް، ސްޕޯޓްސް ކައުންސިލާ ހަވާލުކުރަންވެސް ކުރިން ނިންމިއެވެ.
އެ މައްސަލައިގައި ބެޑްމިންޓަން ދުނިޔޭގެ ފެޑެރޭޝަނަށް، އެސޯސިއޭޝަނުން ދިން މައުލޫމާތަށް ދުނިޔޭގެ ފެޑަރޭޝަނުންވެސް ވަނީ ރާއްޖޭގެ ބެޑްމިންޓަން ސަސްޕެންޑް ކުރާނެ ކަމަށް އަންގައިފައެވެ. އެ މައުލޫމާތުތައް ބީޑަބްލިޔުއެފްއަށް ދިނީ މުއްދަތު ހަމަވުމަށްފަހުވެސް އެކްސްކޯގައި ތިބި ބައެއް މެމްބަރުންނެވެ.
އެކަމުގައި ފަހުން ކުޅިވަރާބެހޭ ގައުމީ މަޖިލީހާއި އޮލިމްޕިކްސް ކޮމިޓީ އެކުވެގެންވެސް ބީޑަބްލިޔުއެފްގެ ބަހަކަށް މަސައްކަތް ކުރި ނަމަވެސް، އެކަމުގައި ކުރިއެރުން ނުލިބި، އެސޯސިއޭޝަން ސަސްޕެންޑް ކުރީ އިއްޔެއެވެ.
މިނިސްޓްރީގެ އިއުލާނުގައި ވަނީ ބީއޭއެމްގެ ގައުމީ ހައިސިއްޔަތު ނެގީ ހިންގާ ގަވާއިދަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ގެނެސް އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އިންތިހާބު ކުރެވެންދެން ކަމަށެވެ.
"ދައުރު ހަމަވެފައިވާ ހިންގާ ކޮމިޓީގެ އެއްވެސް މެންބަރަކަށް މިއަދުން ފެށިގެން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނަމުގައި އެއްވެސް މުއާމަލާތެއް ކުރުން މަނާވާނެކަމާއި އެފަދަ އެއްވެސް މުއާމަލާތެއް އެ ކޮމިޓީގެ އެއްވެސް މެންބަރަކު ކުރިނަމަވެސް އެއީ ސައްހަ މުއާމަލާތެއްގެ ގޮތުގައި ބަލައިނުގަނެވޭނެކަންވެސް އިއުލާނު ކުރަމެވެ. އެހެންނަމަވެސް، ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިންނާއި އޮފިޝަލުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ގައުމު އަދި އެސޯސިއޭޝަން ތަމްސީލު ކުރުމަށް ހުރަހެއް ނޯންނާނެ ވާހަކަވެސް ދެންނެވީމެވެ." މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.
މިނިސްޓްރީން ބުނީ ހިންގާ ގަވާއިދަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އިންތިހާބު ކުރުމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ބެލުމުގެ ދަށުން ތިން މެންބަރުންގެ މައްޗަށް އެކުލެވޭ އެޑް-ހޮކް ކޮމިޓީއެއް އެކުލަވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެކޮމިޓީގެ މަސައްކަތް ކޮމިޓީ އެކުލަވާލާ ތާރީހުން ފެށިގެން 45 ދުވަސް ތެރޭގައި ނިންމައި އަލަށް އިންތިހާބު ކުރެވޭ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީއާއި އެއެސޯސިއޭޝަން ހަވާލު ކުރެވޭނެ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.
ބެޑްމިންޓަން
ބެޑްމިންޓަން
ބެޑްމިންޓަން
ބެޑްމިންޓަން