ހުޅުމާލޭގައި މީހުން އާބަދުވިތާ 21 އަހަރު ފުރުމުގެ މުނާސަބާގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށްގެންދާ ފޮޓޯ އަދި ވީޑިއޯ ނެގުމުގެ މުބާރާތުގައި ބައިވެރިވުމަށް ހުލުވާލައިފިއެވެ.

އެޗްޑީސީން ބުނީ އެ މުބާރާތުގައި ބައިވެރިވުމަށް، ހުޅުމާލޭގެ ރީތިކަމާއި ރަށުތެރޭގެ އާންމު ދިރިއުޅުން ދައްކުވައިދޭ ފޮޓޯއެއް ނުވަތަ ކުރު (އެއް މިނެޓަށްވުރެ ދިގު ނޫން) ވީޑިއޯކޮޅެއް ހުށަހަޅަންޖެހޭނެ ކަމަށެވެ.

ފޮޓޯ ނުވަތަ ވީޑިއޯ އެ މީހެއްގެ އަމިއްލަ ސޯޝަލް މީޑިއާއަށް އަޕްލޯޑް ކުރާ އިރު، @hdcmaldives އަދި @myhulhumalemv ޓެގް ކުރުމުގެ އިތުރުން #LifeinHML ހޭޝްޓެގް ބޭނުންކުރަން ޖެހޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެ މުބާރާތަށް ފޮޓޯއާއި ވީޑިއޯ ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ އަށްވަނަ ދުވަހެވެ.

ވަނަތަކަށް ދާ ފަރާތްތަކަށް ފައިސާގެ އިނާމު ލިބޭގޮތަށް ކުރިއަށްގެންދާ އެ މުބާރާތުގައި ވަނަ ހޮވާނީ ފޮޓޯއާއި ވީޑިއޯތައް ވަކިންނެވެ. އެގޮތުން، މި މުބާރާތުން އެއްވަނައަށްދާ ވީޑިއޯއަކަށް 8،000 ރުފިޔާ، ދެވަނައަށް 5،000 ރުފިޔާ އަދި ތިންވަނައަށް 3،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވެއެވެ.

އެޗްޑީސީން އިތުރަށް ބުނީ އެ މުބާރާތުގެ އެންމެ މޮޅު ފޮޓޯ ނަގާ ފަރާތަކަށް 5،000 ރުފިޔާ، ދެވަނައަށް ދާ ފަރާތަކަށް 3،000 ރުފިޔާ އަދި ތިންވަނައަށް 2،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ މުބާރާތާއެކު، ހުޅުމާލޭގެ 21 ވަނަ އަހަރީ ދުވަހާ ގުޅިގެން ކުލަގަދަ ފެސްޓިވަލެއް ބޭއްވުމަށް ވަނީ ނިންމައިފައެވެ. "މައި ހުޅުމާލޭ ފެސްޓިވަލް" ގެ ނަމުގައި ފޯރިގަދަ ހަރަކާތްތަކާއެކު ބާއްވާ އެ ފެސްޓިވަލް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ދިހަވަނަ ދުވަހުން ފެށިގެން ހަފުތާއަކަށް ދިގުދެމިގެންދާ ގޮތަށެވެ.

އެޗްޑީސީން ބުނީ އެކި ދުވަސްތަކަށް ބަހާލައިގެން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދާ އެ ފެސްޓިވަލްގައި ހުރިހާ އުމުރުފުރާއެއްގެ ފަރާތްތަކަށް ހާއްސަ ހަރަކާތްތައްވެސް ހިމެނޭނެ ކަމަށެވެ.

އަހަރީ ދުވަހުގެ ބައެއް ހަރަކާތްތައް:

  • ފޮޓޯގްރަފީ ކޮމްޕެޓިޝަން
  • ފެމިލީ ކާނިވަލް
  • ހުޅުމާލޭ ޑިސްކައުންޓް ވީކް
  • ހެލްތު ކޭމްޕް
  • ހުޅުމާލޭ ސްޓޯރީ ފޮޓޯ ވޯކް
  • މަސްރޭސް
  • ސައިކްލިން ޗެމްޕިއަންޝިޕް
  • ބީޗް ފެސްޓް

ހުޅުމާލޭގައި ރަސްމީކޮށް މީހުން އާބާދުވެފައިވަނީ 2004 ވަނަ އަހަރުގެ މެއި 12 ގައެވެ.