އޭނާއަށް ނުފޫޒެއް ނުފޯރުވޭނެ ކަމަށާއި ރިޔާސީ ކޮމިޝަނަށް ރައްޔިތުންގެ އިތުބާރު ހޯދައިދޭނެ ކަމަށް މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު، 21އ، ވެއްޓުނު މައްްސަލައިގެ ތަހުގީގަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަންގެ ރައީސް ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ހައްވާ ޔުމްނު، 21އ، ވެއްޓުނު މައްްސަލައިގެ ތަހުގީގަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ ކޮމިޝަނެއް އުފައްދަވާފައިވަނީ މިދިޔަ އާދިއްތަ ދުވަހުގައެވެ.
ރައީސް އޮފީހުގައި އެ ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުނައްވަރު ވިދާޅުވީ އެ ކޮމިޝަނަށް އާންމުންގެ އިތުބާރު ނެތްކަން އޭނާއަށް ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ. އެކަން އެގޮތަށް މެދުވެރިވީ މީގެކުރިން އުފެއްދި ކޮމިޝަންތަކުން އެކަށީގެންވާ ގޮތެއްގައި މަސްއޫލިއްޔަތު އަދާނުކުރުމުގެ ސަބަބުންކަމަށް މުނައްވަރު ވިދާޅުވިއެވެ. ނަމަވެސް މި ކޮމިޝަނުން މަސައްކަތް ކުރާނީ އެގޮތަށް ނޫންކަމަށް މުނައްވަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މަސައްކަތް މިކުރަނީ މި ތަފާތުކޮށް ގެންދެވޭތޯ، މާނައަކީ ނަތީޖާއެއް ނެރެވޭތޯ. ނަތީޖާ ނެެރެވުމަކީ މި މުއައްސަސާއަށް ރައްޔިތުން އެދޭފަދަ އިންސާފަކަށް ވާސިލުވުމުން. އެކަމަށްޓަކައި ކުރެވެން ހުރިހާ ހުރިހާ ކަމެއް ކުރާ ވާހަކަ މިދެންނެވީ" މުނައްވަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކޮމިޝަނުން ކުރާ ތަހުގީގަށް އިދާރާތަކުން އެއްބާރުލުން ނުދޭނަމަ އެކަން ހާމަކޮަށް، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
މުނައްވަރު ވިދާޅުވީ ކޮމިޝަންގެ މަސްއޫލިއްޔަތު އަދާކުރުމަށް އޭނާއަށް އެއްވެސް ނުފޫޒެއް ނުފޯރުވޭނެ ކަމަށެވެ. ކޮމިޝަންގެ މަސައްކަތައް ނުފޫޒު ފޯރުވަން މަސައްކަތްކުރާ ހިސާބުން އެކަން އާންމުންނާ ހަމައަށް ތިލަކޮށް އިސްތިއުފާ ދެއްވާނެކަމަށް މުނައްވަރު ވިދާޅުވިއެވެ.
"މިނިވަންކޮށް މިކަން ނުގެންދެވޭ ކަމަށްވަންޏާ، އެއްވެސް ފަރާތެއްގެ ނުފޫޒަށް، އަޅުގަނޑުމެންނަށް ފެންނަ ގޮތަށް ނޫން ގޮތަށް ނުފޫޒަށް ކަމެއް ނިންމަން ޖެހޭ ގޮތަށް ޕްރެޝަރެއް އަތުވެއްޖެއްޔާ އަޅުގަނޑު އިސްތިއުފާ ދޭނަން ވަގުތުން،" މުނައްވަރު ވިދާޅުވިއެވެ.
މީގެ އިތުރުން މުނައްވަރު ވިދާޅުވީ ޔުމްނު ވެއްޓުނު މައްސަލައިގެ މައުލޫމާތު ހިއްސާކުރުމަށް ޕޯޓަލެއް ތައާރަފުކުރާނެ ކަމަށެވެ. ޕޯޓަލެއް ތައާރަފުކުރަނީ މިއީ އާންމުގެ ކަންބޮޑުވުންހުރި ހައްސާސް މައްސަލައަކަށްވުމުން ކަމަށެވެ.
މުހައްމަދު އިޝާން
ޑރ. މުހައްމަދު މުނައްވަރު
ކޮންމެ މީހަކުވެސްބުނަނީ ނުފުޒެއް ނުފޯރުވޭނެ އާހިރުގައި އޮންނަނީ ވާނުވާޖެހިފައި
ަުފެންސިރުބެ - 1 އަހަރު ކުރިން