ރާއްޖޭގެ ސްޕެޝަލް އިކޮނޮމިކް ޒޯން (އީއީޒެޑް)ގެ ތެރެއިން ގެއްލުނުކަމަށް ބުނާ ކަނޑުގެ ސަރަހައްދު ހޯދުމުގެ މަސައްކަތަށް ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރު، ހިމެނޭހެން ބައިނަލްއަގުވާމީ ވަކީލުންގެ ޓީމެއް، އެޓާނީ ޖެނެރަލް އޮފީހުން އައްޔަންކޮށްފިއެވެ.
އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރާއްޖެއާއި މޮރިޝަސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމާފައިވާ ނިންމުން ދިރާސާކޮށް، ގެއްލިފައިވާ ކަނޑުގެ ސަރަހައްދު ހޯދުމަށް ކުރަންޖެހޭ މަސައްކަތަށް ޑރ. މުނައްވަރާއި ކަނޑުތަކާ ބެހޭ ގާނޫނާ ބެހޭ އިތުރު ދެ ބައިނަލްއަގުވާމީ ތަޖުރިބާކާރަކު އައްޔަންކޮށްފައިވާ ކަމަށެވެ. އެއީ އިނގިރޭސިވިލާތުގެ ކިންގްސް ކައުންސެލްއަކާއި މޯލްޓާގެ ތަޖުރިބާކާރެއް ކަމަށް އޭޖީ އޮފީހުން ބުންޏެވެ.
މުނައްވަރަކީ 1993 ވަނަ އަހަރުން ފެށިގެން 2003 ވަނަ އަހަރުގެ ނިޔަލަށް އެޓާނީ ޖެނެރަލްގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. ރާއްޖޭގެ ކަނޑުތަކާ ބެހޭ ގާނޫނު ޑްރާފުޓު ކުރެއްވީ ވެސް މުނައްވަރެވެ. މުނައްވަރު ގާނޫނީ ދާއިރާއިން ޕީއެޗްޑީ ހާސިލުކުރެއްވީ ބައިނަލްއަގުވާމީ ކަނޑުތަކާބެހޭ ގާނޫނުގެ ދާއިރާއިންނެވެ. މުނައްވަރު ވަނީ ދަ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ސީ (އަންކްލޮސް، ޔޫއެންސީއެލްއޯއެސް) އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދާ ގުޅޭގޮތުން ގިނަ ގާނޫނީ މަސައްކަތްތަކެއް ކުރައްވައިފައެވެ. އަދި ވަނީ ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފްއާ ގުޅިގެން ރާއްޖެއިން 2010 ވަނަ އަހަރު ކޮމިޝަން އޮފް ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފު (ސީއެލްސީއެސް) އަށް ވެސް މައްސަލަ ހުށަހެޅުމުގައި އިސްދައުރެއް އަދާކުރައްވައިފައެވެ.
ދެން އައްޔަންކުރި ބޭރުގެ ދެ ވަކީލުންނަކީ ވެސް ބައިނަލްއަގުވާމީ ކަނޑާ ބެހޭ މުއާހަދާގެ ދެ މާހިރުންނެވެ. އެ ދެ ބޭފުޅުންނަށް ހަވާލުކޮށްފައިވާ މައިގަނޑު މަސައްކަތަކީ އިޓްލޮސްގެ ނިންމުން ދިރާސާކުރުމާއި، އެ މައްސަލަ އިޓްލޮސްގައި ކުރިޔަށްދިޔައިރު ރާއްޖެއިން ހުށަހަޅާފައިވާ ހުށަހެޅުންތަކާއި، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީއާ ގުޅިގެން، އެ ބޭފުޅުންގެ ނަޒަރުގައި އެ މައްސަލައިގައި ރާއްޖެއިން ނެގެން ހުރި ދިފާއުތަކަކީ ކޮބައިތޯ ބެލުން ކަމަށް އޭޖީ އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން މިދިޔަ މަހުގެ 19 ވަނަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ އީއީޒެޑްގެ ތެރެއިން ގެއްލުނުކަމަށް ބުނާ ކަނޑުގެ ސަރަހައްދު ހޯދުމުގެ މަސައްކަތަށް ހާއްސަ ކޮމިޓީއެއް އެޓާނީ ޖެނެރަލް އޮފީހުން އެކުލަވާލާފައިވާ ކަމަށެވެ.
އެ ކޮމިޓީގެ މަސައްކަތް ހިނގަމުންދާނީ ކުރީގެ އެޓާނީ ޖެނެރަލް މުހައްމަދު އަނިލްގެ ބެއްލެވުމުގެ ދަށުން ކަމަށެވެ. ދެން އެ ކޮމިޓީގައި ތިއްބަވާނީ ޑިފެންސް މިނިސްޓްރީގެ ފަރާތުން އައްޔަންކުރައްވާފައިވާ ކާނަލް އަހުމަދު މުޖުތަބާ އަދި ފޮރިން މިނިސްޓްރީގެ ފަރާތުން އައްޔަންކުރައްވާފައިވާ ސެކްރެޓަރީ މަލްޓިލެޓްރަލް އަހުމަދު ޝިއާންއެވެ. އަނިލް މަސައްކަތް ކޮށްދެއްވާނީ ހިލޭ ސާބަހަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެއީ ކަނޑުގެ މައްސަލަ ދިރާސާކުރުމަށާއި މަސައްކަތް ވިލަރެސް ކުރުމަށްޓަކައި އެކުލަވާލި ކޮމިޓީއެއް ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
އެ މައްސަލައަށް ހާއްސަ ވަކީލުންގެ ޓީމުގައި މުނައްވަރު ހިމަނާފައި މިވަނީ، އެކަމާ ގުޅޭގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ފާޑު ވިދާޅުވެފައިވަނިކޮށެވެ. މި ހަފުތާގައި ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ބޭއްވި ބައްދަލުވުމެއްގައި ރައީސް ޔާމީން ވަނީ މުނައްވަރުގެ އެހީތެރިކަން އެ މައްސަލައިގައި ބޭނުންކުރަން ނިންމާފައި ނުވުމުން ސުވާލުތަކެއް އުފައްދަވައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީން، އަންނަ އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގައި ވަނީ ގެއްލުނު ކަމަށް ބުނާ ކަނޑުގެ ސަރަހައްދު ހޯދުމުގެ މަސައްކަތްތަކަށް 10 މިލިއަން ރުފިޔާ ހިމަނައިފައެވެ. އިޓްލޮސްގެ ހުކުމް އިސްތިއުނާފުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ.
ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުން ބެހުމުގެ މައްސަލައިގައި ރާއްޖޭން ވަކާލާތުކުރި ގޮތަށް ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށް އިޓްލޮސްއިން މައްސަލަ ނިންމީ މިއަހަރުގެ އެޕްރީލް މަހުގެ 28 ވަނަ ދުވަހުއެވެ.
މޮރިޝަސް އިން ހުށަހަޅާފައިވަނީ ފުށުއަރާ 95،600 އަކަ ކިލޯމީޓަރު ދެ ބަޔަށް ބަހާލުމަށެވެ. އޭރުން ރާއްޖެއަށް 47،172 އަކަކިލޯމީޓަރު އަދި މޮރިޝަސްއަށް 48،458 އަކަ ކިލޯމީޓަރު ލިބޭނެއެވެ. މޮރިޝަސް އިން ވަކާލާތުކުރީ ޗާގޯސް އާކިޕެލެގޯގެ އައްޑުއާ އެންމެ ކައިރިން އޮންނަ ބެހިމް ފަރުގެ އުތުރުކޮޅުން ފެށިގެން 200 މޭލަކީ އެ ގައުމުގެ އީއީޒެޑްގެ ތެރޭގައި ހިމެނޭ ބައެއް ކަމަށެވެ. އެ މިން ފަށަން ޖެހޭނީ އައްޑުއާ އެންމެ ކައިރިއަށް އޮންނަ ބެހިމް ފަރުގެ އުތުރުކޮޅުން ކަމަށެވެ.
ނަމަވެސް ރާއްޖޭން ބުނަނީ އެއީ މޮރިޝަސްގެ އައްސޭރި ފަށުގެ ބައެއް ނޫން ކަމަށެވެ. ރާއްޖޭން ބުނަމުންދިޔައީ އެއީ ހަމައެކަނި ހިކި ދިޔަވަރުގައި ފެންނަ ފަރެއް ކަމަށާއި އެ ފަރަކީ ބޮޑު ދިޔައިގައި ވެސް ފެނުން މަތީގައި އޮންނަ ތަނެއް ނޫން ކަމަށެވެ. އަދި އެއީ ޗާގޯސްގެ ސީދާ ބައެއް ވެސް ނޫން ކަމަށާއި އެ ފަރުން ފެށިގެން 200 ނޯޓިކަލް މޭލު ބަލާ ނަމަ، މޮރިޝަސްއަށް ނުހައްގުން 4،690 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބޭނެ ކަމަށެވެ.
ރާއްޖެ އާއި ޗާގޯސްއާ ދެމެދުގައިވާ ފުށުއަރާ ކަނޑުގެ ސަރަހައްދު ބެހުމުގައި ބަލަން ޖެހޭނީ ރާއްޖޭން ވަކާލާތުކުރި ގޮތަށް ޗާގޯސްގެ އައްސޭރިފަށުން ފެށިގެން ކަމަށެވެ.
އެ ނިންމުމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑުބައެއް ގެއްލިފައިވާކަމަށް ޕީޕީއެމް/ޕީއެންސީން ވަނީ ބުނެފައެވެ. އަދި ރާއްޖެއިން ގެއްލުނު ކަނޑުގެ ސަރަހައްދަކީ ކުރީ ސަރުކާރުން ވިއްކާލި ބައެއް ކަމަށް އެ ކޯލިޝަނުން ވަނީ ތުހުމަތުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު