ރިޔާސީ ކޮމިޝަނަށް ރައްޔިތުންގެ އިތުބާރު ހޯދައިދީ، މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު، 21އ، ވެއްޓުނު މައްްސަލައިގެ ތަހުގީގަށް ފިސާރި އަވަހަށް ނިންމާލާނެ ކަމަށް އެ މައްސަލައިގެ ތަހުގީގަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަންގެ ރައީސް ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

ހައްވާ ޔުމްނު، 21އ، ވެއްޓުނު މައްްސަލައިގެ ތަހުގީގަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ ކޮމިޝަނެއް އުފައްދަވާފައިވަނީ މިދިޔަ އާދިއްތަ ދުވަހުގައެވެ.

ރައީސް އޮފީހުގައި އެ ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުނައްވަރު ވިދާޅުވީ އެ ކޮމިޝަނަށް އާންމުންގެ އިތުބާރު ނެތްކަން އޭނާއަށް ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ. އެކަން އެގޮތަށް މެދުވެރިވީ މީގެކުރިން އުފެއްދި ކޮމިޝަންތަކުން އެކަށީގެންވާ ގޮތެއްގައި މަސްއޫލިއްޔަތު އަދާނުކުރުމުގެ ސަބަބުންކަމަށް މުނައްވަރު ވިދާޅުވިއެވެ. ނަމަވެސް މި ކޮމިޝަނުން މަސައްކަތް ކުރާނީ ދެފުށް ފެންނަ ގޮތެއްގައި ވީހާވެސް އަވަހަކަށް މި މައްސަލަ ތަހުގީގުކޮށް ނިންމުމަށް ކަމަށެވެ.

"އުންމީދެއް ނުކުރަން މާ ގިނަ ދުވަސްތަކެއް މިކަމުގައި ހޭދަވެގެންދާނެ ކަމަށް. ބަލަންޖެހޭ ކަންކަން ބަލައި ކަނޑައަޅަން ޖެހޭ ކަންކަން ކަނޑައަޅައި ލަފާ އަރުވަންޖެހޭ ފަރާތްތަކަށް ލަފާއެރުވުމަށް މާގިނަ މުހްލަތުތަކެއް ބޭނުންވާނެ ކަމަށް ނުވަތަ ހޭދަވާނެ ކަމަށް ގަބޫލެއް ނުކުރަން." މުނައްވަރު ވިދާޅުވިއެވެ.

މުނައްވަރު ވިދާޅުވީ ޕޯޓަލް ހެދިނަމަވެސް މައްސަލައިގެ ތަހުގީގާ ގުޅުން ހުންނަ ހައްސާސް މައުލޫމާތު އާންމުނުކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން ކުރާ މަސައްކަތްތައް ދުވަހުން ދުވަހަށް ފެންނަ ގޮތަށް ކުރިއަށް ގެންދާނީ. މި ޒަމާނުގެ ޓެކްނޮލަޖީގައި އެކަން އެ ލެވެލްއަށް ކުރެވެން ޖެހޭނެ،" މުނައްވަރު ވިދާޅުވިއެވެ.

މީގެ އިތުރުން މުނައްވަރު ވިދާޅުވީ ކޮމިޝަންގެ މަސައްކަތަށް އެއްވެސް ފަރާތެއްގެ ނުފޫޒު ނޯންނާނެ ކަމަށެވެ. ކޮމިޝަންގެ މަސައްކަތައް އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވަން އުޅޭނަމަ އެކަމެއް ހާމަކޮށް، އިސްތިއުފާ ދެއްވާނެ ކަމަށް މުނައްވަރު ވިދާޅުވިއެވެ.

އަދި ވިދާޅުވީ ކޮމިޝަނުން ކުރާ މަސައްކަތައް އެއްބާރުލުން ނުދޭ ފަރާތްތަކުގެ މައުލޫމާތު ހާމަކޮށް ފިޔަވަޅު އަޅާނެ ކަމަށެވެ.