ރެއާލް މެޑްރިޑްގެ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ ކަކުލުގެ ސާޖަރީއެއް ކޮށްގެން ރަނގަޅުވަމުން އަންނަ އިރު، އޭނާއަށް ހަ މެޗުގެ ސަސްޕެންޝަނަކާ ކުރިމަތިވެއްޖެއެވެ.

ރެއާލާއި ބާސެލޯނާއިން ވާދަކުރި ކޮޕާ ޑެލް ރޭ ފައިނަލުގައި ރެއާލް ބަލިވި ހިސާބުން އެޓީމުގެ ބެންޗުން ވަރަށް ބޮޑަށް ރެފްރީއަށް ނުރުހުން ފާޅުކޮށްފައިވެއެވެ. އެ ނުރުހުން ފާޅުކުރުމުގެ ތެރެއިން ރުޑިގާ ވަނީ ރެފްރީއާ ދިމާލަށް އައިސް ކިއުބެއް އެއްލައިފައެވެ.

އެ މައްސަލަ ބަލައި ސްޕެއިންގެ އެފްއޭއިން ނިންމާފައި ވަނީ ހަ މެޗަށް އޭނާ ސަސްޕެންޑް ކުރުމަށެވެ. އެއީ ރުޑިގާ އެކަމަށް މައާފަށް އެދުމާ އެކު އަދަބު ލުއިކުރުމަށްފަހު ދީފައިވާ ސަސްޕެންޝަނެކެވެ.

ރުޑިގާގެ އިތުރުން ލޫކަސް ވަޒްކޭޒްއަށްވެސް ފިޔަވަޅު އަޅާފައިވެއެވެ. އޭނާއަށް ރަތް ކާޑާއެކު ދެ މެޗުގެ ސަސްޕެންޝަނެއް އައިސްފައިވެއެވެ.

އުމުރުން 32 އަހަރުގެ ޖަރުމަނު ޑިފެންޑަރު، ކޮޕާ ޑެލް ރޭ ފައިނަލަށްފަހު ވަނީ ކަކުލުގެ އޮޕަރޭޝަނެއް ކޮށްފައެވެ. އެއާއެކު އޭނާ މިވަގުތު ރިކަވަރީ ހަދަމުންދާ އިރު، ރުޑިގާ ބުނެފައި ވަނީ ހަތް ވަރަކަށް މަސް ވަންދެން އޭނާ ކުޅެމުން ދިޔައީ ތަދާއެކުގައި ކަމަށެވެ.

ރުޑިގާ ބުނީ ކުރިއަށް އޮތް ނޭޝަންސް ލީގު މެޗުތަކުގެ އިތުރުން ކްލަބު ވޯލްޑް ކަޕްގައި ކުޅެން ބޭނުންވިޔަސް، ބޭނުން ވަނީ މަޑުމަޑުން ރިކަވަރީގެ މަސައްކަތް ކުރަން ކަމަށެވެ.