ރައީސް ޑރ. މުހައްމަދު މުއިއްޒު، މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވަ ރާއްޖެ ވަޑައިގެންފިއެވެ.
ރައީސްގެ މި ދަތުރުފުޅަކީ މެލޭޝިއާގެ ބޮޑުވަޒީރު ޔާންގް އަމަތް ބާހޮމަތް ޑާޓޯ ސެރި އަންވަރް ބިން އިބްރާހީމްގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.
ރައީސް އޮފީހުން މިއަދު ބުނީ ރައީސްގެ އެދަތުރުފުޅުގެ މައިގަނޑު އަމާޒަކީ، ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުން ކަމަށެވެ.
މެލޭޝިއާއަށް ރައީސް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުޙަބާ ދަންނަވާފައި ވަނީ ޕުތްރަޖާޔާގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ދެގައުމުގެ މެދުގައި ބޭއްވި ރަސްމީ މަޝްވަރާތައް ބާއްވާފައިވަނީ ޕުތުރާ ޕަރްދާނާގައެވެ. އަދި މަޝްވަރާތަކުގައި ދެގައުމުގެ ދޭދޭ ގުޅުންތައް އިތުރަށް ބަދަހިކުރެވޭނެ ފުރުސަތުތަކާ މެދު މަޝްވަރާކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ދަތުރުފުޅުގެ ތެރެއިން ދިވެހި ސަރުކާރާއި މެލޭޝިއާ ސަރުކާރާ ދެމެދު އެއްބާރުލުންދިނުމާއި ގުޅުންހުރި ފަހުމުނާމާތަކުގައި ސޮއިކުރައްވައި އެކްސްޗޭންޖް އޮފް ނޯޓްސް (އީއޯއެން) ވަނީ ބަދަލުކޮށްފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީގެ އިތުރުން ރައީސް ވަނީ މޯލްޑިވްސް- މެލޭޝިއާ ބިޒްނަސް ފޯރަމް 2025ގައި ވާހަކަފުޅު ދައްކަވައި ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުސަތުތައް މެލޭޝިއާގެ އިންވެސްޓަރުންނަށް ވިދާޅުވެދެއްވައިފައެވެ.
ރައީސްގެ މިދަތުރުފުޅުގައި، މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާވެސް ބައްދަލުކުރެއްވިއެވެ. އަދި ރައީސް ވަނީ ދިވެހި ޕާސްޕޯޓާއި އައިޑީކާޑުގެ ހިދުމަތް މެލޭޝިއާގައި ރަސްމީކޮށް ފައްޓަވައިދެއްވައި "މޯލްޑިވިއަން ސްޓޫޑަންޓްސް އެސޯސިއޭޝަން" އިފުތިތާހުކޮށްދެއްވައިފައެވެ.
މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ (އައިއައިޔޫއެމް) ގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް، "އިސްލާމިކް ލީޑަރޝިޕް އެންޑް މަދަނީ ޑިވެލޮޕްމަންޓް" ގެ ދާއިރާއިން ޑޮކްޓަ އޮފް ފިލޯސަފީގެ އޮނޮރަރީ ޑިގްރީއެއްވެސް މި ދަތުރުފުޅުގެ ތެރެއިން އަރުވައްފާއިވެއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު