ވިހިވަނަ ޕްރިމިއާ ލީގު ތަށްޓާއެކު އުފާފާޅުކުރުމުގެ ގޮތުން ބާއްވާ އޯޕަން ބަސް ޓްރޮފީ ޕެރޭޑް އަންނަ މަހުގެ 26 ވަނަ ދުވަހުގައި ބާއްވަން އެކްލަބުން ނިންމައިފިއެވެ.
މިހަފުތާގައި ޓޮޓެންހަމްއާ ދެކޮޅަށް ކުޅެ، 5-1 ގެ ނަތީޖާއަކުން މޮޅުވެ ލިވަޕޫލުން ވަނީ ލީގު ތަށި ޔަގީން ކޮށްފައެވެ.
އެޓީމުން 30 އަހަރު ލީގު ތަށްޓަކަށް ކުރަމުން އައި އިންތިޒާރު ނިންމާލީ 2019-20 ވަނަ އަހަރު ސީޒަނުގެ ތަށި ހޯދައިގެންނެވެ. އެފަހަރު ހޯދި ތަށްޓާއި މިފަހަރު ހޯދި ތަށި ތަފާތު ވާނެ އެއް ސަބަބަކީ ސަޕޯޓަރުން ކުރިމަތީގައި ތަށި އުފުލާލަން ފުރުސަތު ލިބުމެވެ. އޭރު ކޮވިޑް 19 ގެ ހާލަތާ ހެދި ލިވަޕޫލުން އުފާފާޅުކުރީ ހުސް ދަނޑެއްގައެވެ. އަދި ސަޕޯޓަރުންނަށް އުފާފާޅުކުރުމަށް މާ ބޮޑު ފުރުސަތެއްވެސް ނުލިބުނެވެ.
ލިވަޕޫލަކީ ދުނިޔޭގެ އެންމެ ވަރުގަދަ ސަޕޯޓަރުން ބޭސްއެއް އޮތް އެއް ކްލަބަށްވީ އިރު، ތަށްޓާއެކު އުފާފާޅުކުރަން އެކްލަބުގެ ސަޕޯޓަރުން ތިބީ ކެތްމަދުވެފައެވެ. ލީގު ތަށި ޔަގީންވި މެޗާއެކުވެސް އެތައް ބަޔަކު ވަނީ މަގުތަކަށް ނުކުމެ، އުފާފާޅުކޮށްފައެވެ.
މިފަހަރު އުފާފާޅުކުރުމަށް ހުރަހެއް ނެތުމާއެކު، ލިވަޕޫލުން ވަނީ 15 ކިލޯމީޓަރުގެ ޕެރޭޑެއް ރާވާފައެވެ. ލިވަޕޫލުން ބުނީ ތަށްޓާއެކު އުފާފާޅުކުރުން އިންތިޒާމުކުރާނީ ލިވަޕޫލް ސިޓީ ކައުންސިލުން ކަމަށާއި، ލިވަޕޫލްގެ ކާމިޔާބީއަކީ މުޅި ސިޓީގެ އުފަލެއް ކަމަށެވެ.
މިފަހަރުގެ އިވެންޓަށް ކައުންސިލުން ދެމަހެއް ކުރީ ތައްޔާރުވާން ފަށާފައިވާ އިރު، އިވެންޓްގެ އިންތިޒާމުތައް ފުރިހަމަވާނެ ކަމަށްވެސް ކައުންސިލުން ވަނީ ބުނެފައެވެ.
ލިވަޕޫލުން 20 ވަނަ ލީގު ތަށި ހަމަކުރި އިރު، އެންމެ ގިނައިން އިނގިރޭސި ލީގު ކާމިޔާބުކޮށްފައިވާ ދެޓީމަކީ ލިވަޕޫލާއި ޔުނައިޓެޑެވެ. އެ ދެޓީމުންވެސް ވަނީ 20 ލީގު ތަށި ހޯދައިފައެވެ.
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް