މެލޭޝިއާގެ ވިޔަފާރިވެރިން ރާއްޖޭގައި އިންވެސްޓުކުރަން މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް އެދިވަޑައިގެންފިއެވެ.

ބޮޑުވަޒީރު އަންވަރު މިއަދު ވަނީ ރާއްޖޭގައި ހުރި އިންވެސްޓްމަންޓުތަކާ ގުޅޭ މައުލޫމާތު މެލޭޝިއާގެ އިންވެސްޓަރުންނާ ހިއްސާކުރުމަށް ބޭއްވި "މޯލްޑިވްސް-މެލޭޝިއާ ބިޒްނަސް ފޯރަމް 2025" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވައިފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އަންވަރު ވިދާޅުވީ ރާއްޖެއާއި މެލޭޝިއާއަކީ ޒަމާނުއްސުރެ އެކުވެރި ދެ ގައުމު ކަމަށެވެ. އަންވަރު ވިދާޅުވީ އެފަދަ ޒަމާންވީ އެކުވެރިކަމުގެ ގުޅުންތަކުގެ މުހިންމުކަން މިހާރު މާބޮޑު ކަމަށާއި ސަބަބަކީ ޖިއޯޕޮލިޓިކްސްއަށް އަންނަމުން މިދާ ބަދަލުތައް ކަމަށެވެ. އަންވަރު ވިދާޅުވީ މެލޭޝިއާގެ ވިޔަފާރިތަކާއި އިންވެސްޓަރުންނާއެކު އެމެރިކާއިން ގާތް ގުޅުމެއް ބާއްވަމުން އައި ނަމަވެސް އެމެރިކާއިން މި ފަހުން ވަނީ ޓެރިފް ބޮޑުކޮށްފައި ކަމަށެވެ.

އެހެންވެ މެލޭޝިޔާގެ ވިޔަފާރިތަކުން ސަރަހައްދީ އަދި އެކުވެރި ގައުމުތަކާ އެކު ގުޅުންތައް ފުޅާކުރުން މުހިންމުކަމަށް ވިދާޅުވިއެވެ.

"ރާއްޖޭއަކީ ސިޔާސީ ގޮތުން ހަމަޖެހުން ގާއިމުވެފައިވާ ގައުމެއް. އަދި ސިޔާސަތެއް ބަދަލުވިޔަސް އިންވެސްޓަރުންނަށް ގެއްލުމެއް ނޯންނާނެކަމުގެ ޔަގީންކަން ރާއްޖޭގައި އޮންނާނެ. މިހާރު ރާއްޖެއިން މަސައްކަތްކުރަނީ ތިމާވެއްޓާ ރަށްޓެހި އިގުތިސޯދެއް ބިނާކުރަން. އަޅުގަނޑުމެން ދެގައުމުގެ ރައްޔިތުން ދެގައުމުގެ ދެމެދު އެބަ ދަތުރުކުރަން. އަޅުގަނޑުމެންގެ ހާރިޖީ ގުޅުން ވަރުގަދަ. އެހެންވީމާ މި ގުޅުން އިތުރު ހަރުފަތަކަށް ގެންދަން އަޅުގަނޑު ބޭނުން. މެލޭޝިއާގެ ވިޔަފާރިވެރިން ރާއްޖެ ވަޑައިގެންނާއި މިތަނުގައި މިތިބި މިނިސްޓަރުންނާ ވާހަކަދައްކައިގެން ވިޔަފާރީގެ ޕޮޓެންޝިއަލް ދެނެގަތުން އަޅުގަނޑު އެދެން. ރާއްޖޭގައި ވިޔަފާރި ކުރިއެރުވޭނެކަން އަޅުގަނޑަށް ޔަގީން،" އަންވަރު ވިދާޅުވިއެވެ.

އަންވަރު ވިދާޅުވީ ރާއްޖޭގެ މިސްރާބު އެހުރީ އާ ދިމާލަކަށް ކަމަށެވެ. މެލޭޝިއާ އާއި ރާއްޖެއަކީ ޒަމާންވީ އެކުވެރި ދެ ގައުމުކަން އަނެއްކާވެސް ފާހަގަކުރައްވައި އަންވަރު ވިދާޅުވީ ރާއްޖޭގެ ޕޮލިސީތަކަށް މެލޭޝިއާ ފަރިތަވާނެ ކަމަށެވެ.

މިފަދަ ވިޔަފާރި ފޯރަމްތަކުގައި ރަސްމީ ދަތުރުފުޅެއްގައި ބައިވެރިވެވަޑައިނުގަންނަވާ ކަމަށާއި ނަމަވެސް މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވަނީ މިއީ ވަރަށް މުހިންމު ފޯރަމަކަށް ވުމުން ކަމަށްވެސް އަންވަރު ވިދާޅުވިއެވެ.