މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް، ރާއްޖެ ވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދައުވަތު ދެއްވައިފިއެވެ.

ރައީސް އެ ދައުވަތު ދެއްވީ އަންވަރުގެ ދައުވަތަކަށް މިހާރު މެލޭޝިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދެ ގައުމު ގުޅިގެން ދެއްވި ޕްރެސްގައެވެ.

އެ ޕްރެސްގައި ރައީސް ވިދާޅުވީ އެ މަނިކުފާނު، މެލޭޝިއާއަށް ވަޑައިގަތުމުން ދެއްވި ހޫނު މަރުހަބާއަށް ޝުކުރު އަދާކުރައްވާ ކަމަށާއި އެއީ ރާއްޖެއާއި މެލޭޝިއާ ދެމެދު އޮތް ގާތް ރަހުމަތްތެރިކަން ދައްކުވައިދޭ ރަމްޒެއް ކަމަށެވެ. އަދި މެލޭޝިއާގެ ބޮޑުވަޒީރާއެކު މިއަދު ކާމިޔާބު މަޝްވަރާތަކެއް ކުރައްވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި އަހަރަކީ ރާއްޖެއާއި މެލޭޝިއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 57 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ފާއިތުވި އަހަރުތަކުގައި މެލޭޝިއާ އިން ރާއްޖެއަށް ވެދީފައިވާ އެހީތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި މެލޭޝިއާއަކީ ރާއްޖޭގެ އިންސާނީ ތަރައްގީއަށް މުހިންމު ދައުރެއް އަދާކުރާ ގައުމެއް ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ދައުވަތު ދެއްވަން ޕްރައިމް މިނިސްޓަރު ރަސްމީ ދަތުރުފުޅެއްގައި، ޕްރައިމް މިނިސްޓަރަށް ފަސޭހަފުޅު ދަނޑިވަޅެއްގައި ރާއްޖެ ވަަޑައިގަތުމަށް. އަޅުގަނޑުމެން އިންތިޒާރު ކުރާން، އަޅުގަނޑުމެންގެ ރީތި ގައުމުން މަރުހަބާ ދެންނެވުމަށް" ރައީސް ވިދާޅުވިއެވެ.

މެލޭޝިއާ އިން ވަނީ ދިވެހި ސަރުކާރުގެ ސިވިލް ސާވެންޓުން އަދި ތައުލީމީ ދާއިރާ އިން މީހުން ބިނާކުރުމަށް ގިނަ އެހީތަކެއް ވެދީފައިވާކަން ފާހަގަކުރައްވައި ރައީސް ވަނީ މެލޭޝިއާގެ މަތީ ތައުލީމު ފޯރުކޮށްދޭ އިންސްޓިޓުއުޝަންތަކުން ދިވެހި ދަރިވަރުންނަށް ދޭ 600 ސްކޮލާޝިޕް ފުރުސަތަށްވެސް ޝުކުރު އަދާކުރައްވައިފަ އެވެ.

ރައީސް އިތުރަށް ވިދާޅުވީ، ރާއްޖެއާއި މެލޭޝިއާ ދެމެދު އިންވެސްޓްމެންޓުގެ ދާއިރާއިން ގުޅުން ފުޅާކުރަން ބޭނުންފުޅުވާ ކަމަށާއި އެހެންވެ ރާއްޖޭގެ ސްޕެޝަލް އިކޮނޮމިކް ޒޯންގައި އިންވެސްޓް ކުރުމަށް މެލޭޝިއާގެ ވިޔަފާރިވެރިންނަށް ދައުވަތު ދެއްވާ ކަމަށެވެ.