މަސްވެރިންގެ ގައުމީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންނަށް އަންނަ މަހުން ފެށިގެން ލޯނާއި ފައިނޭންސިން ދޫކުރުމަށް ފިޝަރީޒް މިނިސްޓްރީ އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެއްބަސްވުމުގައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަހުމަދު ޝިޔާމެވެ. ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފެވެ.

ބީއެމްއެލް އިން ބުނީ، އެ އެއްބަސްވުމުގެ ދަށުން މަސްވެރިންނަށް އެ މީހަކަށް ލިބޭ އާމްދަނީއަށް ބިނާކޮށް ޕާސަނަލް ފައިނޭންސިން، ކްރެޑިޓް ކާޑު އަދި ގެދޮރުގަތުމާއި އިމާރާތްކުރުމާއި މަރާމާތުކުރުން ފަދަ އެކި ބޭނުންތަކަށް ކްރެޑިޓް ފެސިލިޓީ ލިބޭނެ ކަމަށެވެ.

އަދި ޝަރުތު ހަމަވާ މަސްވެރިންނަށް ރަހުނަކާ ނުލައި އަދި އިކުއިޓީ (އަމިއްލައަށް ހަރަދުކުރަންޖެހޭ ފައިސާ) ނުލައި 300,000 ރުފިޔާއާ ހަމައަށް ޕާސަނަލް ފައިނޭންސިން ނެގޭނެ ކަމަށްވެސް ބުންޏެވެ.

ބީއެމްއެލް އިން ވަނީ މަސްވެރިކަމުގެ މޫސުމަށް އަންނަ ބަދަލުތަކާއެކު އާމްދަނީއަށް ރިއާޔަތްކޮށް އަނބުރާ ފައިސާ ދެއްކުމަށް ލުއިފަސޭހަ ގޮތްތަކެއްވެސް ހަމަޖައްސައިދޭން ނިންމައިފައެވެ. އެއީ އެފަދަ ނިންމުމެއް ނިންމާ ފުރަތަމަ ފަހަރެވެ.

"މި އެއްބަސްވުމުގެ މަގުސަދަކީ މަސްވެރިންނަށް ފައިނޭންސް ހޯދުމުގެ ފުރުސަތުތައް ފަހިކޮށް އިތުރުކޮށްދިނުން. މިގޮތުން މަސްވެރިންނަށް އާމްދަނީ ލިބޭ ގޮތާއި މޫސުމީ ގޮންޖެހުންތަކަށް ރިއާޔަތްކޮށް، އެ ފަރާތްތަކުގެ ދިރިއުޅުމަށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންވާ މާލީ ހައްލުތައް ފޯރުކޮށްދެވޭނެ." ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވިއެވެ.