މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ހިޔާނާތުގެ ތެރެއިން ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާތަކާ ގުޅިގެން ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ޔޫތް މިނިސްޓަރުގެ އެޑްވައިޒަރު އަހުމަދު ނަރީޝް، މި މައްސަލައިގައި ހެކިބަސް ނުދެއްވާނެކަން އަންގައިފިއެވެ.
ފުއްގިރި ހިޔާނާތުގެ މައްސަލައިގައި ޔާމީންގެ މައްޗަށް ދެ ދައުވާއެއް އުފުލާފައިވެއެވެ. އެއީ މަނީ ލޯންޑަރިންގެ ދައުވާއަކާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ. އެ ހިޔާނާތާ ގުޅިގެން ސަންގެ ދެ ކުންފުނީގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާވެސް ވަނީ އުފުލައިފައެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުއެވެ. އެ ފަހުން މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 20 ވަނަ ދުވަހަށް އެ މައްސަލައިގެ އަޑުއެހުމެއް ތާވާލުކުރި ނަމަވެސް އެ އަޑުއެހުމަށް ދައުލަތުގެ ހެކިވެރިޔާ ހާޒިރުކުރެވިފައިނުވާތީ އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލަ އަޑުއެހުން ފަށައިދެއްވުމަށްފަހު މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ ޔާމީންގެ ފަރާތުން ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ދެ ހެކިވެރިން ކަމަށްވާ ނަރީޝް އަދި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު ޝުއާއުﷲ ސައީދު މި މައްސަލައިގައި ހެކިބަސް ދިނުމަށް އުޒުރުވެރިވާކަން އަންގައި ކޯޓަށް މެއިލްއެއް ފޮނުވާފައިވާ ކަމަށެވެ.
ދިފާއީ ދެ ހެކިން މައްސަލައިގައި ހެކިބަސް ދޭން އިއުތިރާޒު ކުރުމުން ގާޒީ ވަނީ އެ ދެ މީހުން ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރުކުރަން ބޭނުންވޭތޯ ޔާމީންއާ ސުވާލު ކުރައްވައިފައެވެ. ޔާމީން ވިދާޅުވީ އެ ދެ މީހުން ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރަން ބޭނުންނުވާ ކަމަށެވެ.
އެ މަނިކުފާނު ދެން މި މައްސަލައިގައި ކުރިއަށް ދާން ބޭނުންވަނީ އެ ދެ ހެކިވެރިންނާ ނުލައި ކަމަށް ޔާމީން ވިދާޅުވިއެވެ. ހެކިބަސް ދިނުމަށް މަޖުބޫރުކުރާ މޭރުމަކުން އެ ދެ މީހުންގެ ފަރާތުން ދިފާއުގައި ހެކިބަހެއް ބޭނުންނުވާ ކަމަށް ޔާމީން ވިދާޅުވިއެވެ.
މި މައްސަލައިގައި ދެން ޔާމީންގެ ފަރާތުން ހުށަހަޅާފައިވާ ހެކިވެރިޔާ ކޯޓަށް ހާޒިރުވެފައެއް ނުވެއެވެ.
ފުއްގިރި ހިޔާނާތާ ގުޅޭ ގޮތުން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނާ ގޮތުން، ޔާމީން ވަނީ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 އެމެރިކާ ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށް ޓަކައި ފަށަލަކޮށްފައެވެ.
އެ މައްސަލައިގެ ތެރެއިން ޖުމުލަ 38،334،560 އެމެރިކާ ޑޮލަރު ދައުލަތަށް އަނބުރާ ހޯދަން މަސައްކަތް ކުރާނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
އެއީ ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 އެމެރިކާ ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 އެމެރިކާ ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 އެމެރިކާ ޑޮލަރެވެ.
ފުއްގިރި މައްސަލައިގައި ޔާމީނަށް ކުރާ ދެ ދައުވާ ރިވިއުކޮށްދިނުމަށް ވެސް އެ މަނިކުފާނުގެ ފަރާތްޕުޅުން ވަނީ ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފަށް ހުށަހަޅުއްވައިފައެވެ.
ޝަރީއަތުގެ އަޑުއެހުމެއް މިމަހުގެ 28 ވަނަ ދުވަހު ބާއްވަން ކުރިމިނަލް ކޯޓުން ނިންމައިފިއެވެ.
މުހައްމަދު އިޝާން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން