މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރީ ސަރުކާރުން ފެށި، ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން، ގުޅިފަޅުން ގޯތި ދިން ކަމުގެ ލިޔުން ލިބިފައިވާ ފަރާތްތަކަށް އަންނަ މެއި މަހުގެ ތެރޭގައި ގޯތި ހަވާލު ކުރަން ފައްޓަވާނެ ކަަމަށް ހައުސިން މިނިސްޓަރު ޑރ. އަބުދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މުއްތަލިބު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. ނާޒިލް މުއްތަލިބާ ސުވާލު ކުރެއްވީ، ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ހަވާލުކުރަން ލިޔުން ލިބިފައިވާ ބިންތަކުގެ ތެރެއިން ހަވާލު ނުކުރެވި ހުރީ ކިތައް ބިންތޯ އާއި ހަވާލުނުކޮށް ހުރި ބިންތައް ހަވާލުކުރުން ލަސްވަނީ ކީއްވެތޯއެވެ.
އެ ސުވާލާ ގުޅިގެން މުއްތަލިބް ވިދާޅުވީ، ބިންވެރިޔާ ސްކީމްގެ ދަށުން ޖުމުލަ 9031 ގޯތި ދޫކުރަން ނިންމާފައި އޮތް ކަމަށެވެ. އެއީ ހުުމާލެއިން 1407 ގޯއްޗާއި ގުޅީފަޅުން 2438 ގޯއްޗާއި ގިރާވަރުން 5186 ގޯތި ކަމަށް ވިދާޅުވި އެވެ.
ސަރުކާރު ބަދަލުވިއިރު، ބިން ހަވާލުކުރަން ފަށާފައި އޮތީ ހުޅުމާލެ ފޭސް 2 އިން ކަމަށާއި އެތަނުން 465 މީހަކަށް ގޯތި ހަވާލުކޮށްފައި އޮތް ކަމަށެވެ. އަދި މި ސަރުކާރުގައި 159 މީހަކަށް ގޯތި ހަވާލުކޮށްފައިވާ ކަމަށާއި އެގޮތުން މިހާތަނަށް ޖުމުލަ 624 މީހަކަށް ހުޅުމާލެ ފޭސް 2 އިން ގޯތި ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
"ގުޅީފަޅުގައި ހިއްކާފައި ހުރި ސަރަހައްދުތަކުގައި ވަރަށް ގިނަ މަސައްކަތްތަކެއް މި ވަގުތު ކުރެވެމުން އެބަދޭ، ތިލަމާލެ ބްރިޖުގެ މަސައްކަތްތަކާއި ބްރިޖާ ގުޅިގެން ހަދަންޖެހޭ ސައިޓާއި ސްޓޯރޭޖާއި އެ ހުރިހާ ތަންތަނަށް އެ ތަނުން ބިން ކަނޑައަޅާފައިވާތީ ސީދާ ފިޒިކަލީ ގޯތި ހަވާލުކުރުމަށް ކުޑަކޮށް ލަސްތަކެއް އައިސްފައި އޮތީ،" މުއްތަލިބް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ޕްލޭނަށް ބަދަލުތަކެއް ގެނެސްގެން ވީހާވެސް ގިނަ ބަޔަކަށް ވީހާވެސް އަވަހަށް ގޯތި ހަވާލުކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އަންނަ މެއި މަހު ގުޅީފަޅުން ގޯތި ހަވާލުކުރަން ފަށާނެ ކަމަށް ވިދާޅުވި އެވެ.
އިބްރާހިމް ޒަކީ
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
ދެން ގިރާވަރު ފަޅު ދެނީ ކޮންއިރަކުން
ގިރާވަރު ފަޅު - 1 އަހަރު ކުރިން