ރެއާލް މެޑްރިޑްގެ ޖަރުމަނު ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ، ކޮޕާ ޑެލް ރޭ ފައިނަލުގައި ރެފްރީކަން ކުރި ރިކާޑޯ ޑި ބާގޮސް ބެންގޮއެޒާ ކިބައިން މައާފަށް އެދިއްޖެއެވެ.
ފޯރިގަދަ އެލް ކްލެސިކޯގެ އިތުރު ވަގުތުގައި ގޯލު ޖަހައިގެން ރެއާލް ބަލިކޮށް، ބާސެލޯނާއިން ކޮޕާ ޑެލް ރޭ ކާމިޔާބު ކޮށްފައިވާ އިރު، ސެވިއްޔާގައި ކުޅުނު ކްލެސިކޯގެ ފުރިހަމަ ވަގުތު ހަމަވި އިރު މެޗު އޮތީ 2-2 އިން އެއްވަރުވެފައެވެ. މެޗުގެ އިތުރު ވަގުތުގައި ބާސާއިން 3-2 އަކަށް ނަތީޖާ ބަދަލުކޮށްލި އިރު، މޮޅުވި ގޯލު ޖަހައިދިނީ ފްރާންސް ޑިފެންޑަރު ޖޫލް ކޫންޑޭ އެވެ.
ރޭގެ ފައިނަލް މެޗުގެ އެންމެ ބޮޑު ސަމާލުކަމެއް ހުއްޓިފައި އޮތީ މެޗުގެ ރެފްރީ ރިކާޑޯ އަށެވެ.
މެޗުގެ ދެ ދުވަސް ކުރިން ރެއާލް ޓީވީގެ ޝޯއެއްގައި ރެފްރީއަށް ވަރަށް ބޮޑަށް ފާޑު ކިޔާފައިވާ އިރު، އެ މައްސަލައިގައި ރެފްރީވެސް ވަނީ ނޫސްވެރިންނާ ބައްދަލުކޮށްފައެވެ.
އެހިސާބުން ރެއާލުން ވަނީ މެޗު ބޮއިކޮޓް ކުރާނެ ކަމަށް ބުނެ ބިރު ދައްކައިފައެވެ.
މެޗުގައި ރެފްރީގެ މާ ބޮޑު ގޯހެއް ނުފެނުނު ނަމަވެސް، ފަހު ވަގުތުގައި ބާސާ އޭރިއާ ތެރެއިން ކިލިއަން އެމްބާޕޭ ހިފަހައްޓަން އެރިކް ގާސިއާ ކުރި ޗެލެންޖަކުން އެމްބާޕޭ ވެއްޓުނެވެ. އެހިސާބުން ރެފްރީ ނިންމީ އެމްބާޕޭ ފައުލް ކުރި ކަމަށެވެ. އެހެންވެ އެ ނިންމުމަށް ރެއާލް ބެންޗު ވަނި ކެކި އަރައިފައެވެ.
އުމުރުން 33 އަހަރުގެ ލޫކަސް ވަޒްކޭޒާއި ރުޑިގާއަށް ރަތް ކާޑު ދެއްކި އިރު، ރުޑިގާ އައިސް ކިއުބެއް އެއްލައި ރެފްރީއާ ދިމާލަށް ދާން ފެށުމުން މަތަކުރީ ރެއާލް އޮފިޝަލުންނެވެ.
"އަހަރެން މައާފަށް އެދެން. އެއީ އެއްވެސް ހާލެއްގައި އަހަރެންގެ އަހުލާގު ހުރެގެންވާނެ ގޮތެއް ނޫން. ރެފްރީގެ ކިބައިންވެސް އަހަރެން މައާފަށް އެދެން. ސަޕޯޓަރުންގެ ކިބައިންވެސް މައާފަށް އެދެން. އެއީ އަހަރެންގެ ގޯހެއް، އެކަން ތަކުރާރެއް ނުވާނެ،" ރުޑިގާ ބުންޏެވެ.
އެ މައްސަލަ ސްޕެއިންގެ އެފްއޭއިން ބަލަމުން އަންނަ އިރު، ރުޑިގާއަށް ދިގު މުއްދަތުގެ ސަސްޕެންޝަނެއް އައުމުގެ ފުރުސަތު އެބަ އޮތެވެ. އެއީ ރެފްރީއަށް ހަމަލާ ދޭން މަސައްކަތެއް ކުރުމުންނެވެ.
މުޙައްމަދު ޝަމްޢޫން
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް