ޒުވާނުންގެ ޖަޒުބާތުގެ ބޭނުންހިފައި ގައުމު ހަލަބޮލިކުރުމުގެ ފުރުސަތު ސިޔާސީ މީހުންނަށް ނުދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

ޔުމްނު ވެއްޓުނު ހާދިސާގައި ސިޔާސީ ފަރާތްތަކާ ގުޅުން އޮންނަ އާއިލާއެއްގެ ބަޔަކު ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ދަނީ ތުހުމަތު ކުރަމުންނެވެ.

އެންމެ ބޮޑަށް އެ ތުހުމަތު އަމާޒު ވަނީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނަށެވެ. އެއީ ޔުމްނު ވެއްޓުމުގެ ކުރިން ބޭއްވި ޕާޓީއެއްގައި އަމީނަށް ބޮޑުބޭބެ ކިޔާ ދެ މީހަކު ބައިވެރިވުމާއި އެ ޕާޓީ އަމީން ދިރިއުޅުއްވާ ގޭގައި ބޭއްވުމާ ގުޅިގެންނެވެ.

އެ މައްސަލައިގައި ތަހުގީގުގެ ކަންކަން ފޮރުވުމުގެ ތުހުމަތު ކުރީގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުގެ އިތުރުން ހޯމް މިނިސްޓަރު އަލީ އިހުސާނަށް ވެސް ދަނީ ކުރަމުންނެވެ. ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް މިހާރު ކުރަމުން އަންނަ މުޒާހަރާތަކުގައި އަންނަނީ އެ ބޭފުޅުންގެ އިސްތިއުފާއަށް ވެސް ގޮވާމުންނެވެ. ސީޕީ ޝުޖާއު ވަނީ އިއްޔެ އިސްތިއުފާ ދެއްވައިފަ އެވެ.

މެލޭޝިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅަށް ފުރާވަޑައިގަތުމުގެ ކުރިން ޕީއެސްއެމް އަށް މިއަދު ދެއްވި އިންޓަވިއެއްގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ޒުވާނުން އެންމެ ފުރަތަމަ މުޒާހަރާކުރަން ފެށީ ސީރިއަސް ކަންބޮޑުވުންތަކަކާއެކުގައި ކަމަށެވެ. ނަމަވެސް ރައީސް ވިދާޅުވީ ޒުވާނުން އެ ކުރަމުން އަންނަ މުޒާހަރާގެ ތެރެއަށް ސިޔާސީ ބަޔަކު ވަދެ ދަނީ އެ މުޒާހަރާ ސިޔާސީ ކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. އެ މުޒާހަރާ ސިޔާސީ ވެގެން ދިއުމަކީ ޒުވާނުން ބޭނުންވާ ގޮތްނޫން ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

"މިހާރު ފެނިގެން އެބަދޭ ސިޔާސީ ފަރާތްތަކުން ތި ކުދިންގެ ބޭނުން، ތި ޝުއޫރުތަކުގެ ބޭނުންކޮށްގެން ގައުމުގައި ހަލަބޮލިކަން އުފައްދަން އުޅޭ ތަން. މި ފެންނަނީ އެކަން ކުރަން ބަޔަކު އުޅޭތަން" ރައީސް ވިދާޅުވިއެވެ.

"އެހެންވީމަ ގައުމުގައި ހަމަނުޖެހުން އުފައްދަން އެއްވެސް މީހަކަށް އެއްވެސް ފަރާތަކުން ފުރުސަތު ނުދޭށޭ. އެއީ އަޅުގަނޑުމެން އެއްވެސް ފަރުދަކަށް މަސްލަހަތު އޮތް ގޮތެއް ނޫނޭ. އަޅުގަނޑުމެން ގައުމުގައި ހަމަޖެހުން އޮތުމަކީ ކޮންމެ މީހަކަށް ވެސް އެންމެ މުހިންމުވާނެ ގޮތް." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޒުވާނުން ކުރަމުން އަންނަނީ ސީރިއަސް ތުހުމަތުތަކެއް ކަމަށާއި އެ ތުހުމަތުތައް ބެލުމަށްފަހު ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އަދި އެ މަނިކުފާނަށް ކޮންމެ މީހަކާމެދުވެސް ފިޔަވަޅު އަޅުއްވަން ކެރިވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.

"އެއްވެސް މީހަކީ އަޅުގަނޑަށް މުހިންމު މީހެއް ނޫން. ޒުވާން ކުދިންގެ ސީރިއަސް ކޮންސާންތަކެއް އެބަހުރި." ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ކަންކަމުގެ ހަގީގަތް ރަނގަޅަށް ބެއްލެވުމަށްފަހު އިންސާފުގާއިމުކޮށްދެއްވާނެ ކަމަށާއި އެންމެ ފުރަތަމަ ދުވަހުންވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމަގުންކަމަށެވެ. ގައުމުގެ ހަމަޖެހުމާއި އަމާންކަމާއި މުސްތަގުބަލަށްޓަކައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއްވެސް އަޅުއްވާނެ ކަމަށާއި ނިންމަން ޖެހޭ ކޮންމެ ނިންމުމެއްވެސް ނިންމަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ވީމާ އެއްވެސް މީހަކު ހިމާޔަތް ކުރުމެއް އަޅުގަނޑަކަށް މުހިންމެއް ނުވާނެ. އިންސާފު ގާއިމުކުރުމުގައި ބިރުގަންނާން ޖެހޭ މީހަކު ނުހުންނާނެ." ރައީސް ވިދާޅުވިއެވެ.