ރައީސް ޑރ. މުހައްމަދު މުއިއްޒު، ރަސްމީ ދަތުރުފުޅެއްގައި މިއަދު މެލޭޝިއާއަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރައީސް، މެލޭޝިއާއަށް ކުރައްވާ ދަތުރުފުޅަކީ އެ ގައުމުގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މި ދަތުރުފުޅުގެ އަމާޒަކީ ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ ބަދަހިގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމާއި ދެ ގައުމުގެ ލީޑަރުންގެ ހާޒިރުގައި މުހިންމު ދާއިރާތަކުން އެއްބާރުލުންދިނުމާއި ގުޅުންހުރި އެއްބަސްވުންތަކުގައި ސޮއިކުރައްވައި، ނޯޓް އެކްސްޗޭންޖްތައް ކުރިއަށް ގެންދިއުން ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

މި ދަތުރުފުޅުގެ ތެރެއިން ރައީސްއާއި އަންވަރް އިބްރާހީމް ރަސްމީ މަޝްވަރާތަކެއް ކުރައްވާނެ އެވެ. އަދި އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުންދިނުމާއި ގުޅޭ ގޮތުން މަޝްވަރާކުރުމާއި ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައްސަލަތަކާމެދު ދެ ބޭފުޅުން ހިޔާލުބަދަލުކުރައްވާނެ އެވެ. މީގެ އިތުރުން ދެ ގައުމުގެ ބައިވެރިވުން އިތުރުކުރެވޭނެ ކަންކަމާ ގުޅޭ ގޮތުންވެސް މަޝްވަރާ ކުރައްވާނެ އެވެ.

ރައީސް އޮފީހުން ބުނީ، ދަތުރުފުޅުގެ ތެރެއިން އިކޮނޮމިކް މިނިސްޓްރީން އިންތިޒާމުކުރާ ބިޒްނަސް ފޯރަމްގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އަދި އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އަށް ޒިޔާރަތް ކުރައްވައި އެ ޔުނިވާސިޓީގައި އެ މަނިކުފާނު ތަގުރީރު ކުރައްވާނެ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

އޭގެ އިތުރުން މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާއި ދިވެހި ދަރިވަރުންނާ ރައީސް ބައްދަލުކުރައްވާނެ އެވެ.