މާލޭގެ އިމާރާތަކުން ވެއްޓުނު ހާދިސާގައި އަނިޔާވި ހައްވާ ޔުމްނު ރަޝީދު 21އ އިތުރު ފަރުވާއަށް މިރޭ މެލޭޝިއާއަށް ފުރުވާލައިފިއެވެ.

މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓޯނިއާގެއިން ހ. މިޓާޒްގޭގައި ގުދަނެއްގެ ގޮތަށް ހަދާފައިވާ ދެ ބުރީގެ އިމާރާތެއްގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓިފައި އޮއްވައި ފެނުނީ އެ ދުވަހު ހެނދުނެވެ.

އެ ހާދިސާގައި ލިބުނު އަނިޔާތަކާ ގުޅިގެން ޔުމްނުއަށް ފަރުވާ ދެމުން އައީ އައިޖީއެމްއެޗުގެ އައިސީޔޫގައެވެ.

ޔުމްނު މިރޭ މެލޭޝިއާއަށް ފުރުވާލި އިރު، ޔުމްނު މެލޭޝިއާއަށް ގެންދަން ބޭނުންވާ 25،000 ޑޮލަރު (385،500ރ.) އެންސްޕާ މެދުވެރިކޮށް ސަރުކާރުން ހަމަޖައްސައިދިނެވެ. އަދި 12 މީހުންގެ ޓިކެޓުގެ ފައިސާވެސް ވަނީ ޖަމާކޮށްދީފައެވެ.

ޔުމްނުގެ އާއިލާއިން ވަނީ އޭނާގެ ފަރުވާއަށް 878،940ރ. އަރާ ކަމަށް ބުނެފައެވެ. އެހެންވެ، ޓިކްޓޮކް ލައިވްއެއްގައި ދިވެހިންގެ ދީލަތި އެހީއާއެކު ތިން ގަޑިއިރު ނުވަނީވެސް ވަނީ، ހަތް ލައްކަ އަށްވުރެ ގިނަ ރުފިޔާ ޔުމްނުގެ ފަރުވާއަށް ހޯދައިފައެވެ.

އެނގިފައިވާ ގޮތުގައި ޔުމްނުއަށް ފަރުވާދޭނީ މެލޭޝިއާގެ ޕެންޓަލް ހޮސްޕިޓަލްގައެވެ.

އިމާރާތުން ވެއްޓުމުގެ ސަބަބުން ޔުމްނުއަށް ސީރިއަސް އަނިޔާތަކެއްވެފައިވެއެވެ.