ޕާކިސްތާނުގެ ފަންނާނުން އިންޑިއާގައި މަސައްކަތްކުރުން މުޅިން މަނާކުރުމަށް އިންޑިއާގެ ވެސްޓާން އިންޑިއާ ސިނީ އެމްޕްލޯއީސް (އެފްޑަބްލިއުއައިސީއީ)ގެ ސެކްރެޓަރީ ޖެނެރަލް އަޝޯކް ދުބޭ ގޮވާލައިފިއެވެ.

އޭނާ އެހެން ގޮވާލީ މިއީ ޖައްމޫ އަދި ކަޝްމީރުގެ ޕަހަލްގާމްގައި މިދިޔަ އަންގާރަ ދުވަހު ދިން ޓެރަރިސްޓް ހަމަލާގައި 26 މީހުން މަރާލި ހާދިސާއާ ގުޅިގެންނެވެ.

އެ ހަމަލާއަށްފަހު އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން އިތުރަށް ހީނަރުވެފައިވާއިރު އަޝޯކް ބުނީ މިއީ ގައުމީ މަސްލަހަތާ ގުޅުންހުރި މައްސަލައެއް ކަމަށާއި މިވަގުތު ގައުމު އިސްކުރަންޖެހޭ ކަމަށެވެ. އަދި އެފްޑަބްލިއުއައިސީއީގެ މެންބަރުންގެ ތެރެއިން އެއްވެސް މީހަކު ޕާކިސްތާނުގެ ފަންނާނުންނާއެކު މަސައްކަތްކުރާކަން އެނގިއްޖެނަމަ، އެ މީހަކާމެދު ފިޔަވަޅު އަޅާނެ ކަމަށްވެސް ބުނެފައިވެއެވެ.

އަޝޯކް އިތުރަށް ބުނީ، މި މައްސަލައިގައި އެފްޑަބްލިއުއައިސީއީއާ ގުޅިފައިވާ ހުރިހާ ޖަމިއްޔާތަކަށާއި އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓަރަށްވެސް ސިޓީ ފޮނުވާފައިވާ ކަމަށެވެ. އިންޑިއާގެ އެއްވެސް މީހަކު ޕާކިސްތާނުގެ ފަންނާނުންނާއެކު މަސައްކަތްކޮށްފިނަމަ، އެ މީހެއްގެ މައްޗަށް ގައުމަށް ގައްދާރުވުމުގެ ދައުވާ އުފުލުމަށް އެދިފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

ހަމަލާއާ ގުޅިގެން ޕާކިސްތާނުގެ ތަރި ފަވާދު ހާން ފެނިގެންދާ ފިލްމު "އަބީރު ގުލާލް" އިންޑިއާގައި ދެއްކުމުގެ ހުއްދަ ނުދޭން އިންޑިއާގެ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން ވަނީ ނިންމައިފަ އެވެ.

ފަވާދު ހާން އިންޑިއާގައި މަސައްކަތްކުރުން މަނާކުރީ 2016 ގައި ދިން ހަމަލާއާ ގުޅިގެންނެވެ. އޭނާގެ އެންމެ ފަހުގެ ބޮލީވުޑް ފިލްމަކީ 2016 ގައި ނެރުނު "އޭ ދިލް ހައި މުޝްކިލް" އެވެ.

އަންނަ މެއި މަހުގެ ނުވަވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ "އަބީރު ގުލާލް" އަކީ ގާތްގަނޑަކަށް ނުވަ އަހަރުގެ މެދުކެނޑުމަކަށްފަހު ފަވާދު ހާންގެ އެނބުރި ބޮލީވުޑަށް އަންނަ ފިލްމެވެ.