މަސައްކަތްތެރިންގެ އިތުރުން ދިވެހި ހުރިހާ ރައްޔިތުންގެ ހައްގުތަކުގެ ދިފާއުގައި މޭޑޭގައި ނުވަތަ މަސައްކަތްތެރިންގެ ދުވަހު މާލޭގައި ބޮޑު އެއްވުމެއް ބޭއްވުމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީން ނިންމައިފިއެވެ.

މަސައްކަތްތެރިންގެ ދުވަހަކީ މެއި މަހުގެ އެއްވަނަ ދުވަހެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ އަލިފުށި ދާއިރާގެ ރައީސް، ކުރީގެ ރައްޔިތުންގެ މަޖިލީހުގެ އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވީ އެ އެއްވުން ފަށާނީ މަސައްކަތްތެރިންގެ ދުވަހުގެ ރޭ 8:30 ގައި އާޓިފިޝަލް ބީޗުން ކަމަށެވެ.

ބިގޭ ވިދާޅުވީ އެ އެއްވުމުގައި ގިނަ އަދަދެއްގެ މަސައްކަތްތެރިން ބައިވެރިވާނެ ކަަމަށާއި އެއްވުމުގައި ހުރިހާ ދިވެހިންގެ ހައްގުގައި އަޑުއުފުލާނެ ކަމަށެވެ.

"އަޅުގަނޑުމެން އެމްޑީޕީގެ ފަރާތުން ކޮންމެ ފަހަރަކުވެސް މަސައްކަތް ކުރަން މަސައްކަތްތެރިންގެ ހައްގުގައި ހައްގުތައް ކަށަވަރު ކުރުމަށް އެ އިރެއްގައި އުނިވެފައި އޮންނަ ހައްގުތައް ކަށަވަރުކޮށްދިނުމަށް އިހުތިޖާޖުކޮށް އެ އަޑު އުފުލުމުގެ މަސައްކަތް އަބަދުވެސް ކުރަމުން ގެންދަން،" ބިގޭ ވިދާޅުވިއެވެ.

"ވަޒީފާގެ މިނިވަންކަމާއެކު ވަޒީފާގައި ހުރުމުގެ މިނިވަންކަމެއް ނެތް. ކިރިޔާ ވެސް ހިޔާލުތަފާތުވާ ބޭފުޅެއް ކަމަށް ވެއްޖެއްޔާ. ހަމަ އެހެންމެ ސިޔާސީ ބޭނުމަށްޓަކައި ތަންނެތް މިންވަރަށް އާމްދަނީއާ ނުކަތާ ވަރަށް، އިގުތިސާދު ފުނޑިގެންދާ ވަރަށް ސިޔާސީ ބޭނުމަށްޓަކައި ވަޒީފާ ދެއްވަމުން އެ ގެންދަނީ،"

މަސައްކަތްތެރިންގެ ހައްގުތައް ގެއްލުމުގެ އިތުރުން ރައްޔިތުން މިހާރުވަނީ ފަރުދީ ގޮތުން ނިކަމެތިވެފައިކަމަށް ބިގޭ ވިދާޅުވިއެވެ. އެގޮތުން ކަރަންޓާއި ފެން، ބޭސް ފަރުވާގެ ކަންކަމުގައި ރައްޔިތުންނަށް މީގެކުރިން ދަތިނުވާ ވަރަށް މިހާރު ދަތިވެފައިވާކަމަށް ބިގޭ ވިދާޅުވިއެވެ.