މަސްޖިދުއްނަބަވީގެ އިމާމު ފަލީލަތުއްޝައިހް ޑރ. ސަލާހުލް ބުދައިރު ރާއްޖެއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ އިމާމު ރާއްޖެއިން އެނބުރި ފުރާވަޑައިގެންނެވީ މިއަދު ހަވީރު ކަމަށެވެ.
ޑރ. ސަލާހުގެ މި ދަތުރުފުޅަކީ ރައީސް މުއިއްޒުގެ ލަފާފުޅާއެކު އިސްލާމީ އުންމަތުގެ މަތީ އިސްލާމީ ޝަހުސިއްޔަތުތައް ރާއްޖެ ވަޑައިގެންނެވުމަށް އިސްލާމިކް މިނިސްޓްރީން އެރުވި ދައުވަތުގައި ކުރެއްވި ދަތުރުފުޅެކެވެ.
އެ ދައުވަތު ގަބޫލުފުޅު ކުރައްވައި އިމާމު ރާއްޖެ ވަޑައިގެންނެވީ މިދިޔަ ހޯމަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ.
އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މިއީ 41 އަހަރުފަހުން ހަރަމްފުޅުގެ އިމާމެއް ރާއްޖެ ވަޑައިގަތް ފުރަތަަމަ ފަހަރު ކަމަށެވެ.
އިމާމުގެ މި ދަތުރުފުޅުގެ ތެރެއިން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވައިފައެވެ. އަދި ވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖީލީހާ ބައްދަލުކުރައްވައިފައެވެ. އަދި ޒުވާން ހަތީބުންނާއި ހާފިޒުންނާއި އިމާމުންނާވެސް ބައްދަލުކުރެއްވިއެވެ.
މީގެ އިތުރުން ރާއްޖޭގެ ދީނީ އިލްމުވެރިންނާއި ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒާއި އަމިއްލަ މުއައްސަސާތަކުގައި ގުރުއާން ހިތުދަސްކުރާ ދަރިވަރުންނާ އިމާމު ބައްދަލުކުރެއްވިއެވެ. ހަމައެއާއެކު ސައުދީ ރަސްގެފާނުގެ ހިލޭއެހީގައި ބިނާ ކުރައްވާފައިވާ ސަލްމާން ރަސްގެފާނު މިސްކިތަށްވެސް ރަސްމީ ޒިޔާރަތެއް ކުރައްވިއެވެ.
ޝައިހު ޑރ. ސަލާހު ވަނީ ސަލްމާނު މިސްކިތުގައި އިމާމުވެ މަގްރިބް ނަމާދާއި އިޝާ ނަމާދު ވެސް ކުރައްވައިފައެވެ. އަދި އިސްލާމީ މަރުކަޒުގައި އިމާމުވެ އިޝާ ނަމާދު ކުރެއްވިއެވެ.
އިޝާ ނަމާދަށްފަހު ހާއްސަ ދަރުހެއް ދެއްވި އިރު، މިއަދު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރެއްވީ ޑރ. ސަލާހެވެ.
މިއީ ހަރަމްފުޅުގެ އިމާމެއް ރާއްޖެ ވަޑައިގަތް ދެވަނަ ފަހަރެވެ. ހަރަމްފުޅެއްގެ އިމާމަކު ފުރަތަމަ ފަހަރަށް ރާއްޖެ ވަޑައިގެންނެވީ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށެވެ. އެފަހަރު ވަޑައިގެންނެވީ މައްކާގެ ހަރަމްފުޅުގެ އިމާމު ޝައިހު މުހައްމަދު އައްސުބައްޔިލެވެ.
މުހައްމަދު އިޝާން
މަސްޖިދުއް ނަބަވީ
މަސްޖިދުއް ނަބަވީ
މަސްޖިދުއް ނަބަވީ