މަސްޖިދުއް ނަބަވީގެ އިމާމު ޑރ. ސަލާހުލްބުދައިރު ރާއްޖެ ވަޑައިގަންނަވަނީ އަންނަ ހޯމަ ދުވަހު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް އެގޮތަށް ވިދާޅުވީ މީޑިއާތަކަށް މައުލޫމާތު ފޯރުކޮށްދިނުމަށް އިސްލާމިކް މިނިސްޓްރީން ބޭނުންކުރާ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައެވެ.

ޝަހީމް މިދިޔަ އަންގާރަ ދުވަހު ވިދާޅުވެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅާއެކު، އިސްލާމީ އުންމަތުގެ މަތީ އިސްލާމީ ޝަހުސިއްޔަތުތައް ރާއްޖެ ވަޑައިގެންނެވުމަށް އިސްލާމިކް މިނިސްޓްރީން އެރުވި ދައުވަތުގައި، މަދީނާގެ ހަރަމްފުޅުގެ އިމާމް އަދި ހަތީބު ޝައިހު ޑރ. ސަލާހުލްބުދައިރު، ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާ ކަމަށެވެ.

ސައުދީ ރަސްގެފާނު ސަލްމާން އެކަމަށް ހުއްދަ ދެއްވާފައިވާ ކަމަށާއި އެ ދަތުރުފުޅުގައި އިސްލާމީ މަރުކަޒުގައި ހުކުރު ހުތުބާ ދެއްވުމުގެ އިތުރުން އާންމު ރައްޔިތުންނަށް ދީނީ ދަރުސެއް ދެއްވުމަށާއި ރާއްޖޭގެ އިލްމުވެރިންނާ ބައްދަލުކުރެއްވުމާއި ސަލްމާން މިސްކިތަށް ޒިޔާރަތް ކުރެއްވުމާއި އިސްލާމީ މުއައްސަސާތަކަށް ޒިޔާރަތްކުރެއްވުގެ އިތުރުން ރައީސް މުއިއްޒުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާނެ ކަމަށްވެސް ޝަހީމް ވިދާޅުވެފައިވެއެވެ.

"މިއީ 40 އަހަރު ފަހުން ހަރަމްފުޅެއްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. ހަރަމްފުޅެއްގެ އިމާމަކު ވަޑަައިގެންނެވީ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށެވެ. އެފަހަރު ވަޑައިގެންނެވީ މައްކާގެ ހަރަމްފުޅުގެ އިމާމު ޝައިހު މުހައްމަދު އައްސުބައްޔިލެވެ." މިނިސްޓަރު ވިދާޅުވެފައިވެއެވެ.

އިސްލާމީ ދުނިޔޭގެ އިހުތިރާމާއި ލޯބި ލިބިވަޑައިގެންފައިވާ ޑރ. ސަލާހުލާހުލްބުދައިރަކީ ވަރަށް ރީތިކޮށް ގުރުއާން ކިޔަވައި ވިދާޅުވާ އަދި މަދީނާގެ ހަރަމްފުޅުގައި އިމާމުވެ ތަރާވީހު ނަމާދު ކުރައްވާ ބޭފުޅެކެވެ.

ޝަހީމް އިތުރަށް ވިދާޅުވެފައިވަނީ މި ޒިޔާރަތުގެ ކަންކަން ކުރިއަށްދަނީ ރައީސް ޑރ. މުއިއްޒުގެ އިރުޝާދުގެ ދަށުން ކަމަށެވެ.