ކަޝްމީރުގެ މަސްރަހު ހިސާބަކަށް ހިމޭންވެފައި އޮންނަތާ ޒަމާންތަކެއްފަހުން މިދިޔަ އަންގާރަ ދުވަހު ކަޝްމީރަށް އަނެއްކާވެސް ބިރުވެރިކަމާއި ނާމާންކަން ވަނީ ފެތުރިފައެވެ. ހަގުރާމަވެރި ޖަމާއަތްތަކުގެ ތެރެއިން ރެސިސްޓެންސް ފްރޮންޓޭ ކިޔުނު ބަޔަކު ވަނީ ކަޝްމީރުގެ އިންޑިޔާއިން ކޮންޓްރޯލްކުރާ ފަޅީގެ ޕަހަލްގަމް އަވަށުގައި ނުރައްކާތެރި ހަމަލައެއް ދީފައެވެ. މިއީ ޓޫރިސްޓުންގެ މެދުގައި ވަރަށް މަގުބޫލް މަންޒިލެކެވެ. މި ހަމަލައިގައި ސައްބީސް މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ އިންޑިޔާގެ ފަންސަވީސް ފަތުރުވެރިޔަކާއި ނޭޕާލުގެ ފަތުރުވެރިއެކެވެ. މި ހަމަލަދިން ޖަމާއަތަކީ މަޝްހޫރު ލަޝްކަރީ ތައިބާގެ ގޮތްޕެއްކަމަށް ބުނެވެއެވެ. މިއީ ޕާކިސްތާނުގެ ތެރޭގައި ގާއިމުވެގެން އޮންނަ ޖަމާއަތެކެވެ. ކޮންމެއަކަސް މިއީ 2008 ވަނަ އަހަރު އިންޑިޔާގެ ބޮމްބޭގައި ހަގުރާމަވެރިން ހިންގި ހަރަކާތަށްފަހު މިހާތަނަށް އިންޑިޔާގައި ދެވުނު މިޒާތުގެ އެންމެ ވަރުގަދަ އަދި އެންމެ ނުރައްކާތެރި ހަމަލާއެވެ.
މި ހަމަލައިގެ ޒިންމާ އިންޑިޔާއިން އަޅުވަނީ ޕާކިސްތާނުގެ ބޮލުގައެވެ. ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބެއްލެވުމުގެ ދަށުން އިންޑިޔާގެ ވަޒީރުންގެ މަޖިލީހުގެ ސަލާމަތީ ކޮމިޓީ އެއްތަންވެފައި މިހާރު ޕާކިސްތާނާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. މީގެތެރޭގައި މީގެކުރިން ދުވަހަކުވެސް އަޅާފައިނުވާ ހަރުކަށި ފިޔަވަޅުތަކެއްވެސް ހިމެނެއެވެ. އިންޑިޔާގައި ތިބި ޕާކިސްތާނުގެ އެންމެން އެގައުމުން ފޭބުމަށް އެންގުމާއި ޕާކިސްތާނު މީހުންގެ ވިސާ ކެންސަލް ކުރުމާއި ޕާކިސްތާނުގެ އެމްބަސީގައި މަސައްކަތްކުރާ ގިނަބަޔަކު ބޭރުކޮށްލަން ނިންމުމަކީ މީގެތެރެއިން ފިޔަވަޅުތަކެކެވެ. މީގެ އިތުރަށް މީގެކުރިން ގާއިމުކުރެވިފައިވާ ތާރީޚީ މުހިންމު އެއްބަސްވުންތަކެއް ސަސްޕެންޑްކޮށް ޕާކިސްތާނަށް އަދަބު ދިނުމަށް ނިންމުމަކީވެސް ފިޔަވަޅުތަކެކެވެ. ތިރީގައި ކުރުގޮތަކަށް މި ބަލައިލަނީ އިންޑިޔާއިން ސަސްޕެންޑްކުރި ބައެއް އެއްބަސްވުންތަކަށެވެ. މިކަމުގެ ސަބަބުން ބޮޑުވެގެންވާ ހަގުރާމަޔަކަށް މަގުފަހިވުމުގެ ބިރުއޮތުމުންނެވެ. ތަފްސީލުތައް ބަޔާންކުރުމުގެ ގޮތުންނެވެ.
އެންމެބޮޑު ސަމާލުކަމެއް ލިބުނީ ދެގައުމުގެ ތެރެއިން ދެމިގެންދާ ކޯރުތަކުގެ ފެން ހިއްސާކުރުމާ ބެހޭގޮތުން ސޮއިކުރެވިފައިވާ ތާރީޚީ އެއްބަސްވުމަށް އަމަލުކުރުން ހުއްޓާލި ހުއްޓާލުމަށެވެ. ކޯރުތަކުގެ ފެން ހިއްސާކުރުމާބެހޭ އެއްބަސްވުން ސަސްޕެންޑް ކުރުމުގެ މާނަޔަކީ ކޮބައި ބާވައެވެ. މި އެއްބަސްވުމުގެ ފެށުމަކީ ވަކި ދެ ގައުމެއްގެ ގޮތުގައި އިންޑިޔާއާއި ޕާކިސްތާނު އުފަންވުމެވެ. އިންޑިޔާގެ ހުޅަނގު އުތުރުބިތުގައިވާ ކޯރުތަކަކީ ދަނޑުވެރިކަމަށާއި އަދިވެސް ކިތަންމެ ކިތަންމެ ކަމަކަށް އިންޑިޔާއާއި ޕާކިސްތާނަށް ވަރަށް މުހިއްމު ކޯރުތަކެކެވެ. އިނގިރޭސިންގެ އިސްތިއުމާރު ނިމި 1947 ވަނަ އަހަރު ދެ ގައުމެއްގެ ގޮތުގައި އިންޑިޔާއާއި ޕާކިސްތާނު ވުޖޫދުވުމާ ގުޅިގެން ސުލްހަވެރި މަގަކުން މިދެންނެވި ކޯރުކޯރުގެ ފެން ހިއްސާކުރާނެ ގޮތަކާމެދު އެއްބަސްވުމެއް ފައިދާކުރުމުގެ މަޝްވަރާތަކެއް ފެށުނެވެ. ވޯލްޑް ބޭންކުގެ އިސްނެގުމާއި މެދުވެރިކަމުގެ ދަށުންނެވެ.
އެތައް އަހަރަކަށް ދެމިގެންދިޔަ މަޝްވަރާތަކަށްފަހު އެއްބަސްވުމެއް ފައިދާވީ 1960 ވަނަ އަހަރުއެވެ. އިންޑިޔާގެ އޭރުގެ ބޮޑުވަޒީރު ޖަވާހަރުލާލް ނެހުރޫ އާއި ޕާކިސްތާނުގެ އޭރުގެ ރައީސް ޖެނެރަލް މުހައްމަދު އައްޔޫބު ޚާން އެއަހަރުގެ ސެޕްޓެމްބަރު މަހު ސޮއިކުރެއްވި މި އެއްބަސްވުން ނުވަތަ މުއާހަދާއަށް ކިޔަނީ އިންޑަސް ވޯޓާރސް ޓްރީޓީ، އައި.ޑަބްލިޔު.ޓީއެވެ. މި އެއްބަސްވުމުގެ ދަށުން އިންޑިޔާއިން ކޮންޓްރޯލް ކުރަނީ ޖުމްލަ ހަ ކޯރެއްގެ ތެރެއިން އެންމެ އިރުމަތީގައިވާ ތިންކޯރުގެ ފެނެވެ. އެއީ ރަވީ، ސުތުލެޖް އަދި ބިއާސްއެވެ. ޕާކިސްތާނަށް އެންމެ ހުޅަގުބިތުގައިވާ ތިންކޯރުގެ ފެނެވެ. އެއީ ޖެހެލަމް، ޗެނާބް އަދި އިންޑަސް ކޯރެވެ. މިދެންނެވި ތިންކޯރުވެސް ދެމިގެން އަންނަނީ އިންޑިޔާއިން ކޮންޓްރޯލްކުރާ ސަރަހައްދުގެ ތެރެއިން ކަމަށްވުމާއެކު މިއިން ކޯރެއްގެ ފެނާ ނުކުޅުމަށް މި މުއާހަދާގެ ދަށުން އިންޑިޔާއަށް ލާޒިމުކުރެެއެވެ. ކޮންމެއަކަސް މިއީ ޕާކިސްތާނަށް ނުހަނު މުހިންމު މުއާހަދާއެކެވެ. ޕާކިސްތާނުގެ ފެންހޮޅި ގުޅިފައިއޮތީ މި މުއާހަދާއާއެވެ.
މިއަށް އަމަލުކުރުން ހުއްޓައިލީމާ ޕާކިސްތާނުގެ ދަނޑުވެރިން ފެނަށް ޖެހޭނެއެވެ. ދަނޑުވެރިކަން ހީނަރުވާނެއެވެ. އިގްތިސާދީ ބޮޑެތި ބޮޑެތި މައްސަލަތައް އުފެދޭނެއެވެ. ނަތީޖާއަކަށްވާނީ ހަގުރާމައެވެ. ކުރިން ބަޔާންކުރެވުނު ކޯރުތަކުގެ ފެން ކޮންޓްރޯލް ކުރުމަށް އެ ކޯރުތަކުގައި ޑޭމްހަދައި ފެންބަންދުކުރީމާ ޕާކިސްތާނުގެ ދަނޑުގޮވާމުގެ ވަސީލަތްތަކުގެ ޔަގީންކަން ގެއްލުނީއެވެ. ދެމިއޮތުމުގެ ސުވާލު ކުރިމަތިވީއެވެ. ސަރަހައްދުގެ އަމާންކަން ގެއްލުނީއެވެ. މިއީ އަނގަޔަކުން ގަލަމަކުން ބަޔާންކުރަން ފަސޭހަ މިންވަރަށްވުރެ ނުރައްކާތެރި ކަމެކެވެ. މިދައްކަނީ އާދައިގެ ދެ ގައުމެއްގެ ވާހަކައެއް ނޫނެވެ. ނިއުކުލިއަރ ހަތިޔާރުހުރި ދެބާރެއްގެ ވާހަކައެވެ. ކުރިން މިދެންނެވި އައި ޑަބްލިޔު ޓީ މުއާހަދާ ސަސްޕެންޑް ކުރުމުގެ އިތުރަށް ދެން އިންޑިޔާއިން އެޅި އަނެއް ފިޔަވަޅަކީ ވަގާ-އައްތާރީ ބޯޑަރ ކްރޮސިން ބަންދުކުރުމެވެ. މިދެންނެވި ކްރޮސިންއަކީ އެއްގަމު މަގުން ދެގައުމު ގުޅުވައިދޭ ދޮރާއްޓެވެ.
އެއީ ޕެސިންޖަރުންނާއި މުދަލުގެ ވިޔަފާރީގެ އެންމެ މުހިންމު ޕޮއިންޓެވެ. މިކަމުގެ ގެއްލުން އެންމެ ބޮޑަށް ފޯރާނީ އެއްގަމު މަގުން ހިންގޭ ވިޔަފާރީގެ މައްޗަށް ބަރޯސާވެގެންތިބި މެދުފަންތީގެ ވިޔަފާރިތަކަށެވެ. އަދި އިންޑިޔާގައި ތިބެފައި ޕާކިސްތާނަށް އެއްގަމު މަގުން ރުޖޫއަވާންތިބި ޕާކިސްތާނުގެ އެތައް ލައްކަ ބަޔަކަށްވެސް ތަކުލީފުތައް އުފުލާން ޖެހޭނެއެވެ. މިދެންނެވި ބޯޑަރ ކްރޮސިންއަކީ ޕާކިސްތާނާއި އެއްވަރަކަށް އަފްޣާނިސްތާނަށް ވެސް މުހިންމު ތަނެކެވެ. އެހެނީ އިންޑިޔާއިން އަފްޣާނިސްތާނަށް އެތެރެކުރެވޭ ގިނަމުދާ ޕާކިސްތާނުގެ ތެރެއިންލާފައި ގެންދެވެނީ މިމަގުންނެވެ. މި ދޮރާށި ބަންދުކުރުމުގެ ގެއްލުން އިންޑިޔާއަށްވެސް އެބައޮތެވެ. އެކަމަކު އިގްތިސާދީގޮތުން އިންޑިޔާއަށްވުރެ މިދޮރާށީގެ ފައިދާއޮތީ ޕާކިސްތާނަށެވެ. ދެން މިވަގުތު އަފްޣާނިސްތާނަށެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު ހުސްވި 2024 ވަނަ އަހަރު އެކަނިވެސް މި ދޮރާށިން 454 މިލިޔަން ޑޮލަރުގެ މުދާ ދައުރުވެފައިވެއެވެ. އަދި ލައްކައެއްހައި ޕެސިންޖަރުންވެސް މިމަގު ބޭނުންކޮށްފައިވެއެވެ.
އިމާދު ލަތީފު
ކަޝްމީރު
ކަޝްމީރު
ކަޝްމީރު
ކަޝްމީރު
ކޮމެންޓް