ޓިއަންގޮންގް އަށް ދަތުރުކުރާ ފުރަތަމަ ބޭރުމީހަކީ ޕާކިސްތާނު މީހެއް ކަމަށް ކަނޑައަޅައިފިއެވެ.

ޗައިނާގެ ސްޕޭސް ސްޓޭޝަން ''ޓިއަންގޮންގް ސްޕޭސް ސްޓޭޝަން'' އަށް ދަތުރުކުރުމަށް ކަނޑައަޅާފައިވާ ފުރަތަމަ ބޭރުގައުމެއްގެ މީހަކީ ޕާކިސްތާނުގެ އެސްޓްރަނައުޓެއް ކަމަށް ޗައިނާގެ ސްޕޭސް އެޖެންސީން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ އިއުލާންކޮށްފައެވެ.

އެމިޝަން ގައި ދަތުރުކުރުމަށް ހަމަޖެހިފައިވާ ޕާކިސްތާނުގެ އެސްޓްރަނައުޓު އަދި އެ ގައުމުގެ އިދާރާތަކުން ކަނޑައަޅާފައި ނުވާކަމަށް އޮފިޝަލުން ބުނެއެވެ.

އެމެރިކާއާއި ޗައިނާއާ ދެމެދު ގުޅުން ހީނަރުވެފައިވާއިރު ޗައިނާއިން ވަނީ އެހެން ގައުމުތަކާ ގުޅިގެން ޖައްވީ ދާއީރާއިން އިތުރު ކުރިއެރުންތައް ހޯދުމުގެ މަސައްކަތް ފަށާފައި ކަމަށް އޮފިޝަލުން ބުނެއެވެ.

ޗައިނާއާއި ޕާކިސްތާނުން މީގެ ކުރިން ވެސް ދެގައުމު ގުޅިގެން ވަނީ ޖައްވީ ހަރަކާތެއް ހިންގައިފައެވެ. އެގޮތުން ޕާކިސްތާނުން ހަނދަށް ފޮނުވި ސެޓަލައިޓެއް ވަނީ ޗައިނާގެ ލޫނާ އެކްސްޕްލޯރާގައި ހަނދަށް ގެންގޮސްފައެވެ.

ޗައިނާގެ ސްޕޭސް ސްޓޭޝަން ''ޓިއަންގޮންގް ސްޕޭސް ސްޓޭޝަން'' އަކީ ޖައްވުގައި އޮޕަރޭޓް ކުރާ ދެވަނަ ސްޕޭސް ސެންޓަރެވެ. ނާސާގެ އިންޓަނޭޝަނަލް ސްޕޭސް ސެންޓަރަށްވުރެ ޓެކްނޮލޮޖީގެ ގޮތުން ގާބިލު ޓިއަންގޮންގް ސްޕޭސް ސްޓޭޝަންގައި މިހާތަނަށް މަސައްކަތް ކޮށްފައިވަނީ ޗައިނާ މީހުންނެވެ.