ޒުވާނުން ނުބައި މަގަކުން ގެންދިޔައީ ސިޔާސީ އޮއިވަރެއްގައި ޖައްސައިގެން ކަމަށާއި އެފަދަ ކަންކަމުގެ ޒިންމާ އެ ފަރާތްތަކުން ނަގަން ޖެހޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވެފައިވާ އިރު، ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅުމައްޗަށް 21 އަހަރުގެ އަންހެނަކު ވެއްޓިފައި އޮއްވައި މިދިޔަ ހުކުރު ދުވަހު ހެނދުނު ވަނީ ފެނިފައެވެ. އެކަމުގައި ހިމެނޭ ޒުވާނުން މަސްތުވާތަކެތި ބޭނުންކޮށްފައިވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެ ހާދިސާއަކީ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށާއި އެކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހޭނީ، މީގެ އަހަރުތަކެއް ކުރިން ބިރަކާ ނުލައި މަޖާކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއްގެ ގޮތުގައި ޕްރޮމޯޓުކުރި މީހުން ކަމަށެވެ.

"އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީން، ދީނުގައި ކަނޑައެޅިފައިވާ އިންތަކާއި މިންތަކާއި އުސޫލުތަކާއި ހަމަތަކަކީ އެއީ މާ މުހިންމު ކަމެއް ނޫނޭ، މަޖާކުރާށޭ، ޒުވާންކަމުގައި ތި ކުދިން ބޭނުންގޮތަކަށް އުޅޭށޭ ކިޔާފައި އެ ހިތްވަރުދިން މީހުން މިއަދު ސިޔާސީ ބޭނުމެއްގައި ނުކުމެ އެ ކުދިން މިސްޔޫސްކުރަމުންދާ ދިއުން ލޯހުޅުވައި ބަލަން އެބަޖެހޭ. އެ ކުދިން އެ މަގުން ދިޔައީ ސިޔާސީ އޮއިވަރެއްގައި ޖައްސައިގެން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޒުވާނުން އެ މަގުން ދިޔައީ މި ގައުމުގައި މާތްވެގެންވާ އިސްލާމްދީނުގެ ހަމަތަކާއި އުސޫލުތަކާއި ރީތި އާދަތަކުން ބޭރަށް މި ގައުމު ނެރެ އެހެން މަގަކުން ގެންދަން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ސަބަބުން ކަމަށެވެ. އަދި އޭގެ ވިކްޓިމައިޒްވެފައި ތިބި ޒުވާނުންތަކެއްގެ ބޭނުންކޮށްގެން ސިޔާސީ ފައިދާއެއް ނަގަން އުޅޭ އުޅުމުގެ ތެރެއަށް ދިވެހި ރައްޔިތުން ވަނުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެއަށްވުރެ އަޅުގަނޑުމެންގެ ލޯ ހުޅުވެން ޖެހޭނެ. އަޅުގަނޑުމެން ވާން ޖެހޭ ތެދާއި ދޮގު ވަކިކުރަން އެނގޭ ބަޔަކަށް. އަޅުގަނޑުމެން ވެގެން ނުވާނެ ޖޯޝުގައި ޖެހިގެން، އިމޯޝަނަލް ވެގެން ބަޔަކު ދައްކާހާ ވާހަކައެއްގެ ތެރެއަށް އަޅުގަނޑުމެންގެ ސިކުނޑި ދޫކޮށްލާ ބަޔަކަށް. އަމިއްލަ ސިކުނޑިން ވިސްނަން ޖެހޭނެ. އަމިއްލަ ސިކުނޑިން ވިސްނައިގެން، އަމިއްލައަށް ކަންކަމާ މެދުގައި ތެދުދޮގު ބެލޭ ބަޔަކަށް އަޅުގަނޑުމެން ވާންޖެހޭނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ކާކުކަން ނޭނގޭ މީހުން ފަތުރާ ދޮގު ވާހަކަތަކުގައި ޖެހި، އެ ދޮގުތަކުގެ އަޅުންގެ ގޮތުގައި ވެގެން ނުވާނެ ކަމަށެވެ. އަދި މާތްﷲ ދެއްވާފައިވާ ބުއްދީގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ އޮތް ވާޖިބެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.