މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތައް އެކަންތައް ވަގުތުން ހުއްޓާލުމަށް ހޯމް މިިނިސްޓަރު އަލީ އިހުސާން އިންޒާރު ދެއްވައިފިއެވެ.

ޑްރަގް މައްސަލަތުގެ ކަންބޮޑުވުންތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ ޑްރަގް މައްސަލަތައް މުޅި ގައުމުން ފޮހެލައްވާނެ ކަމަށެވެ.

އެ މަސައްކަތް ކުރަމުން އަންނަ އިރު ޑްރަގް ވިއްކާ ފަރާތްތަކަށް ވަރުގަދަ އިންޒާރެއް ވެސް އެ މަނިކުފާނު މިއަދު ވަނީ ދެއްވައިފައެވެ.

"އެ ހުރިހާ ފަރާތްތަކަށް އަޅުގަނޑު އިންޒާރުދެން އެކަންތައް ހުއްޓާލަންވީ، ހުއްޓާނުލާކަމަށްވެއްޖެއްޔާމު ހިފައި ހައްޔަރުކޮށް މިރާއްޖެ ސާފު ކުރާނަން، އަދި އެ ފަރާތްތަކުން ރާއްޖޭގެ ރައްޔިތުންނަށް ދެމުންގެންދާ ގެއްލުމަށް ޒިންމާ ކުރުވާނަން،"

މިނިސްޓަރު ވިދާޅުވީ، މިވަގުތު ހުރި ގާނޫނުތަކުގެ ބާރުގެ ބޭނުންކޮށްގެން ޑްރަގް ވިއްކާ ފަރާތްތަކަށް އަމާޒުކޮށްގެން، ޑްރަގްގެ އެންމެ ބޮޑެތި ނެޓްވޯކުތަކާ ގުޅޭ ފަރާތްތައް ހައްޔަރު ކުރަމުން އަންނަ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އެ މަސައްކަތްތަަކަކީ އެފަދަ ފަރާތްތަކަށް ޓާގެޓްކޮށްގެން ކުރިއަށްގެންދާ މަސައްކަތްތަކެއް ކަމަށެވެ.

މި ސަރުކާރު ނިމޭނީ ރާއްޖޭގެ ހުރިހާ ދިމާލެއްގައި އޮތް ޑްރަގް މައްސަލަ ހައްލުކޮށްފައި ކަމަށްވެސް ވިދާޅުވިއެވެ.