މަސްތުވާތަކެތީގެ ވިޔަފާރުކުރާ ބަޔަކު ހައްޔަރުކުރުމުގެ މަސައްކަތް ރާއްޖޭގެ ދެ ސަރަހައްދެއްގައި ފުލުހުން މިވަގުތުވެސް ކުރަމުންގެންދާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އެކި ކަންކަމުގައި މީހުންނަށް ގުޅައި ބިރުދެއްކުމުގައި، މަސްތުވާތަކެއްޗާ ގުޅުންހުރި ފަރާތްތައް، ނުވަތަ ގޭންގުތަކަށް ނިސްބަތްވާ ކަމަށް ތުހުމަތުކުރެވޭ ފަރާތްތައް ބައިވެރިވާ އިރު، އެކަން ހައްލުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކާ ބެހޭގޮތުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، ޑްރަގާއި ގޭންގު މައްސަލައަކީ މީގެ 30 އަހަރަކަށް އަހަރުން ފެށިގެން ބޮޑުވަމުން އައި މައްސަލަތަކެއް ކަމަށެވެ.
އެހެންކަމުން މި ސަރުކާރުގެ އަމާޒަކީ އެކަންތައްތައް މުލުން ލުހެލައި، އެއްކޮށް ހައްލުކުރުން ކަމަށްވެސް ވިދާޅުވިއެވެ.
އެގޮތުން އެންމެ ފުރަތަމަ ކަމަކަށް ކުރިއަށްގެންދަނީ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒުކޮށް ފާރަލުމުގެ މަސައްކަތް ކަމަށްވެސް ވިދާޅުވިއެވެ.
"ފުރަތަމަ ފާރަލައި އެކަން ތަހުގީހުކޮށް ބަލަނީ. އެގޮތަށް ސެކްޓޯރަލްކޮށް ބަލާފައި، ބަހާފައި އެތަންތަނުގައި ތިބި ވިޔަފާރިކުރާ މީހުން ހިފައި ހައްޔަރުކޮށް، ގާނޫނުގެ ކުރިމައްޗަށް އެމީހުން ގެނައުމުގެ މަސައްކަތެއް ފަށައިފިން،" މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން ކުރިއަށްގެންދާ މަސައްކަތްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ.
"މިވަގުތު ހުރި ގާނޫނުތަކުގެ ބާރުގެ ބޭނުންކޮށްގެން ފުވައްމުލައް އެއީ އެގްޒާމްޕަލްއެއް. އަޅުގަނޑުމެން މިހާރު ވާނެ އެތަނުގައި އޮތް އެންމެ ބޮޑެތި ނެޓްވޯކުތައް ނަގައި ހައްޔަރުކޮށްފައި. މިވަގުތު އަޅުގަނޑުމެން މި ވާހަކަތައް ދެކެވެމުންދާ ވަގުތު، އެބަދޭ ރާއްޖޭގެ ދެ ސަރަހައްދެއްގައި މަސްތުވާތަކެތި ވިއްކުމުގެ ވިޔަފާރީގައި އިންވޯލްވާ ބަޔަކު ހައްޔަރު ކުރުުމުގެ މަސައްކަތް މިހާރުވެސް ހިނގަމުން އެބަދޭ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެ މަސައްކަތްތަަކީ އެފަދަ ފަރާތްތަކަށް ޓާގެޓްކޮށްގެން ކުރިއަށްގެންދާ މަސައްކަތްތަކެއް ކަމަށެވެ.
މުޅި ކެންދޫ ދާއިރާއިން އެއްކޮށް ޑްރަގް މައްސަލަ ހައްލުކޮށްދެއްވުމަށް މެންބަރު މައުރޫފު ޒާކިރު އެދިވަޑައިގަތުމުން މިނިސްޓަރު ވިދާޅުވީ، މެންބަރު އެދިވަޑައިގެންނެވިގޮތަށް ކެންދޫ ދާއިރާ ޑްރަގުން އެއްކޮށް ސާފުކޮށްދެއްވާނެ ކަމަށެވެ. އަދި މި ސަރުކާރު ނިމޭނީ ރާއްޖޭގެ ހުރިހާ ދިމާލެއްގައި އޮތް ޑްރަގް މައްސަލަ ހައްލުކޮށްފައި ކަމަށްވެސް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން