ސިވިލް ސާވިސް ކޮމިޝަންގެ (ސީއެސްސީ)ގެ ނާއިބު ރައީސްކަމުގެ މަގާމަށް މއ. ސިގްމާ/ މުހައްމަދު މުޖުތާޒް އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް މަޖިލީހަށް ފޮނުއްވި މައްސަލަ އިތުރަށް ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މެންބަރުކަމަށް މުޖުތާޒް އައްޔަންކުރެއްވީ، ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. ސީއެސްސީގެ މެންބަރު ކަމަށް މުހައްމަދު މުޖުތާޒް އައްޔަންކުރައްވާފައިވަނީ، މިދިޔަ އާދިއްތަ ދުވަހުއެވެ.

އެ ކޮމިޝަންގެ ނާއިބު ރައީސްކަމަށް މުޖުތާޒް އައްޔަންކުރައްވަން އެދިވަޑައިގެން، ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވެވި ސިޓީގައި ވިދާޅުވެފައިވަނީ ސިވިލް ސާވިސް ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމަށް، މުޖުތާޒް އައްޔަންކުރުމަށް އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ކަމަށާއި، މަޖިލީހުން އެކަމުގައި ގޮތެއް ނިންމެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މުޖުތާޒަކީ މޯލްޑިވްސް ކޮލެޖް އޮފް ހަޔާއެޑިއުކޭޝަނުން ބެޗެލާ އޮފް ލޯ ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. މުޖުތާޒް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓާ އޮފް ސްޓޭޓް ފޯ ޕްރެޒިޑެންޝަލް އެފެއާޒްގެ މަގާމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި އަދި އެނޫންވެސް އިސް މަގާމުތައް ފުރުއްވައިފައެވެ.

ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުގެ މަގާމަށް މުޖުތާޒް އައްޔަން ކުރެއްވީ އެ މަގާމުގައި ހުންނެވި އިބްރާހީމް ރަޝީދު މިދިޔަ މަހުގެ 11 ވަނަ ދުވަހު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާދެއްވީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އޭނާ މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށާފައިވަނިކޮށެވެ. އޭނާ އިސްތިއުފާދެއްވުމުން އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުވެސް ވަނީ ހުސްވެފައެވެ.