މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ހިންގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

އެމްއޯސީގެ ހަތަރު އަހަރުގެ ދައުރު މިއަހަރު ހަމަވާ އިރު، ކުރިއަށް އޮތް ދައުރަށް ފުރުސަތު ހުޅުވާލީ އިއްޔެއެވެ. އެމްއޯސީ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އަންނަ މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް އެ ފުރުސަތު ހުޅުވާލާފައިވާ އިރު، އިންތިހާބު ކުރިއަށް ދާނީ ޖޫން މަހުގެ ދެވަނަ ދުވަހު ބާއްވާ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއްގައެވެ.

އެންމެ ފަހުން ހިންގާ ކޮމިޓީ އިންތިހާބު ބާއްވާފައިވަނީ 2021 ވަނަ އަހަރުއެވެ. އެފަހަރު އިންތިހާބު ކާމިޔާބުކޮށް ރައީސްގެ ގޮތުގައި ހޮވުނީ މިހާރުގެ ރައީސް މުހައްމަދު އަބްދުއް ސައްތާރު (ޗަމްޕީ) އެވެ.

އެމްއޯސީ ހިންގާ ކޮމިޓީގައި ޖުމުލަ 13 މެމްބަރުން ހިމެނެއެވެ. އެއީ ރައީސްގެ އިތުރުން، ދެ ނައިބު ރައީސުން، ހަ އޮލިމްޕިކް ސްޕޯޓްސް ރިޕްރެސެންޓިވްސް، ދެ ނޮން އޮލިމްޕިކް ސްޕޯޓްސް ރިޕްރެސެންޓިވްސް އަދި އަންހެން ދެ މެމްބަރުންނެވެ.