ރާއްޖޭގެ ފުޓުބޯޅަ އިދާރާ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އަސާސީ ގަވާއިދަށް ބޮޑެތި ބަދަލުތަކެއް ގެންނަން ގިނަ ކްލަބުތަކެއް އެކުވެގެން ހުށަހަޅައިފިއެވެ.

އިސްލާހުގެ ބައެއް ތަފްސީލުތައް އިއްޔެ އިއުލާނު ކުރެއްވީ އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތިލައްވާނެކަން ކުރިން އިއުލާނު ކުރައްވާފައިވާ، ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ފޯވާޑް އަދި އެފްއޭއެމްގެ ކުރީގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) އެވެ.

ޓޮމްގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ރީިނަޖަނަލް އެސޯސިއޭޝަންތައް ހެދުމަށާއި އެ ހަތަރު ސަރަހައްދުގެ ކުލަބުތަކުން ރާއްޖޭގެ ފުޓްބޯޅައިގެ ކަންކަން ނިންމުމުގައި ބަސްބުނެ ވޯޓްލެވޭނެ ހައްގު ކަށަވަރު ކުރެވޭނެ ގޮތަކަށް އަސާސީ ގަވާއިދު އިސްލާހުކުރުމަށް އެފްއޭއެމް މެންބަރު 17 ކްލަބުގެ ތެރެއިން 10 ކްލަބު ސޮއިކޮށް ހުށަހަޅާފައިވާ ކަމަށެވެ.

އެ އިސްލާހުތައް އިސްވެ ހުށަހެޅި ކްލަބަކީ ޓީސީ ސްޕޯޓްސް ކުލަބެވެ.

އެފްއޭމްގެ އަސާސީ ގަވާއިދަށް ހުށަހަޅާފައިވާ ބަދަލުގައި ރާއްޖެ ހަތަރު ސަރަހައްދަކަށް ބެހިގެންދާނެއެވެ. އެ ހަތަރު ސަރަހައްދުގެ މެންބަރު ކްލަބުތަކަށް ވޯޓު ލުމުގެ ހައްގު ލިބޭނެ ގޮތެއް އެ އިސްލާހުތަކުގައި ހިމަނާފައިވެއެވެ.

އެފްއޭއެމްގެ އޮނިގަނޑަށް ގެންނަން ހުށަހަޅާފައިވާ ބަދަލުގައި ރާއްޖެ ބެހިގެންދާނީ ނޯތު ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ހއ.ހދ.ށ،ނ،ރ،ބ،ޅ،ކުޅުދުއްދުށި ސިޓީ)، ސެންޓްރަލް ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ކ،އއ،އދ،ވ،މ، ފ، ދ)، މާލެ ރީޖަނަލް ފުޓްބޯލަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (މާލެ ސިޓީ ކުލަބުތައް، ސެކަންޑް ޑިވިޝަން އަދި 3 ވަނަ ޑިވިޝަން)، ސައުތު ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް​ (ތ،ލ، ގއ، ގދ، ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ) މީގެ އިތުރުން، ދިވެހި ޕްރިމިއަރ ލީގުގެ ކްލަބުތަކުގެ މައްޗަށެވެ.

އެ ރީޖަނަލް އެސޯސިއޭޝަންތަކާއެކު އެފްއޭއެމްގެ ކޮންގްރެސްގައި 64 ވޯޓު ލެވޭނެ އެވެ. އެއީ، ނޯތު ރީޖަން، ސެންޓްރަލް ރީޖަން، މާލެ ރީޖަން، ސައުތު ރީޖަން، މީގެ ތެރެއިން ކޮންމެ ރީޖަން އަކަށް 11 ވޯޓުގެ އިތުރުން، ދިވެހި ޕްރިމިއާ ލީގުގެ 10 ކްލަބްގެ ތެރެއިން ކޮންމެ ކްލަބަކަށް ދެ ވޯޓުގެ މަގުން 20 ވޯޓެވެ.

މީގެ އިތުރުން ދެން އިސްލާހު ގެންނަން ހުށަަހަޅާފައިވާ މުހިންމު ތިން ކަމެއް ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން ⁠ރީޖަނަލް އެސޯސިއޭޝަންތައް 12 މަސްދުވަހުގެ ތެރޭގައި އުފެއްދުމަށާއި، ގިނަވެގެން 24 މަސްދުވަހުގެ ތެރޭގައި ރީޖަނަލް ލީގުތަކުން ދިވެހި ޕްރިމިއާ ލީގަށް ޕްރޮމޯޓް ވާނެ ގޮތާއި ރެލިގޭޓް ވާނެ ގޮތަށް ލީގުގެ ސްޓްރަކްޗާ ބަދަލުކުރުމުގެ އިތުރުން އެފްއޭއެމް މުބާރަތްތަކުގައި ޖެހިޖެހިގެން ފަސް އަހަރު ކުޅުމުން މެންބަޝިޕް ދިނުމަށް އޮންނަ މާއްދާ، ޖެހިޖެހިގެން ތިން އަހަރު ކުޅުމުން މެންބަޝިޕް ދޭގޮތަށް ބަދަލުކުރުން ހިމެނެއެވެ.

ރާއްޖޭގެ ފުޓުބޯޅަ މާލެއަށް ބަރޯސާވެފައި އޮތް އޮތުމަށް ނިމުން ގެންނަން މީގެ ކުރިންވެސް ތަކުރާރުކޮށް މަސައްކަތް ކުރި ނަމަވެސް، އަތޮޅު ތެރެ ޝާމިލުވާނެ ގޮތެއް އަދި ފުރިހަމައަށް ފެނިގެން ގޮސްފައެއް ނުވެއެވެ.

މިވަގުތު އެފްއޭއެމް އޮތީ ނޯމަލައިޒޭޝަން ހާލަތެއްގައެވެ. އެ ކޮމިޓީއަށް މަތިކޮށްފައިވާ އެއް ކަމަކީ އަސާސީ ގަވާއިދު އިސްލާހު ކުރުމެވެ. ޖުލައި މަހާ ހަމައަށް މެންޑޭޓް ފުރިހަމަ ކުރުމަށް އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީއަށް މުއްދަތު ދީފައިވާ އިރު، އެ މުއްދަތުގެ ތެރޭގައި ޒިންމާތައް ފުރިހަމަ ނުކޮށްފިނަމަ، ރާއްޖެ ފުޓުބޯޅައިން ސަސްޕެންޑް ވެދާނެ ކަމުގެ ބިރު އެބައޮތެވެ.