ޖަލަށް ގެންދަންޖެހޭ 90 މީހުން ޖާގަ ނެތުމުގެ ސަބަބުން ޖަލަށް ނުގެންދެވި، އެބަތިބި ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.
ރައްޔިތުނުްގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ކޮމިޓީގެ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިސެންސް އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވީ، ޖަލުގައި ޖާގަ ނެތުމުގެ މައްސަލައަކީ ބޮޑު މައްސަލައެއް ކަމަށެވެ.
ޖަލަށް ހުކުމްކޮށްފައި ކަރެކްޝަނަލް ސާވިސްގެ ދަަށަށް ނުގެންގޮސް ތިބި މީހުންނާ ބެހޭގޮތުން ސުވާލުކުރެއްވި ހިންނަވަރު ދާއިރާގެ މެންބަރު މުހައްމަދު އަބްދުއްރަހްމާން ވިދާޅުވީ، ހިންނަވަރު ކޯޓުން ޖަލަށް ހުކުމްކުރި އެ ރަށު ކުއްޖަކު ޖަލަށް ނުގެންގޮސް ފުލުހުންގެ ބެލުމުގެ ދަށުުގައި ހުންނަތާ ވަރަށް ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ރަށުގައި އެކަހަލަ ކޭހެއް އެބައޮތް، ވަރަށް ގިނަ ދުވަސްވެއްޖެ އެކަމުގައި އަޅުގަނޑުމެން އުޅޭތާ، ނ. މަނަދޫ ޖަލުގައި އެ ކުއްޖާ މިހާރު އޮތީ، އެތާ ކަސްޓަޑީގަ، ދެން ލިބެންޖެހޭ ހައްގުތައް ނުލިބިގެން އޭނާ އެކަނި އެތާ އޮވެގެން މެންޓަލީވެސް ވަރަށް ބޮޑަށް ދަސްވެފަ ހުރީ ދެން ގުޅައިގެން ރޯންވެސް ރޮނީ، ޖަލަށް ބަދަލުކޮށްދޭށޭ ތިމަންނަައަށް ހުކުމްކޮށްފައޭ މިހުރީ،،" އޭނާ ވިދާޅުވިއެވެ.
އެއާއެކު ހުކުމްކޮށްފައި އެގޮތަށް ޖަލަށް ނުގެންގޮސް ތިބެންޖެހޭ އެތައް ކޭހެއް އެގޮތަށް އޮތީ ކީއްވެގެންތޯ މެންބަރު ސުވާލު ކުރެއްވިއެވެ.
ޖަވާބު ދެއްވަމުން ޑެޕިއުޓީ ކޮމިޝަނާ ވިދާޅުވީ، ރިމާޑަށް ޖަހާފައި ޖަލަށް ނުގެންދެވި ފުލުހުންގެ ބެލުމުގެ ދަށުގައި 70 އަށްވުރެ ގިނަ މީހުން އެބަތިބި ކަމަށާއި، ހުކުމްކޮށްފައި ޖަލަށް ގެންދަންޖެހޭ 22 މީހުން ފުލުހުންގެ ބެލުމުގެ ދަށުގައި އެބަތިބި ކަމަށެވެ.
"ދިވެހި ފުލުހުންނާއި އަޅުގަނޑުމެންނާ ދޭތެރޭ އޮތް އެންމެ ބޮޑު ހަނގުރާމައަކީވެސް ތިއީ، ފުލުހުންނާ ވާހަކަ ދައްކައިގެން މާލެކޮޅަށް ގެނެސް އެމީހުން ނަގަމުން މިދަނީ، މިކަމުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ މާލޭގައި ހުރި ޖަލެއް ބަންދުކުރަން ޖެހުނުއިރު ޖާގަ ކުރިއޭޓް ކުރެވިފައެއް ނެތް،" އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރުން އެ މައްސަލަ ހައްލުކުރުމަށް ހޯމް މިނިސްޓަރު އަލީ އިހުސާންއާ މަޝްވަރާކުރައްވަމުން ގެންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް