ލ. އަތޮޅުގެ ޖަމިއްޔާއެއް ކަމަށްވާ ލާމު ޔޫތު ޑެވަލޮޕްމަންޓު (ލީޑް) އިން އިންތިޒާމުކޮށް ކުރިއަށްގެންދާ ދަ ހޯކްސް ލީޑް ވެޓަރަންސް ކަޕް 2025 ފައިނަލަށް، އެންމެފަހުގެ ޗެމްޕިއަން އަފޭންނާއި ލާމު ބްލޫސްއިން ދަތުރު ކޮށްފިއެވެ.

ލީޑް ވެޓެރަންސް ކަޕްގައި މިއަހަރު 11 ޓީމަކުން ވާދަކޮށްފައިވާ އިރު، ގްރޫޕް ސްޓޭޖު ކުޅުނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕެއްގެވެސް އެއްވަނައާއި ދެވަނަ ޓީމު ސެމީއަށް ދަތުރު ކޮށްފައިވާ އިރު، ސެމީގެ މެޗުތައް ކުޅެފައި ވަނީ ރޭގައެވެ.

ލ. ފޮނަދޫ ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފުރަތަމަ ސެމީގައި ލާމު ބްލޫސްއާއި ސީއޭސީ ވެޓެރަންސް ވާދަކުރި އިރު، އެމެޗު ލާމު ބްލޫސްއިން ކާމިޔާބުކުރީ 7-0 ގެ ނަތީޖާއަކުންނެވެ.

މެޗު ފެށުނީއްސުރެ ލާމު ބްލޫސްއިން ކޮންޓްރޯލްގައި ކުޅެ މެޗު ކާމިޔާބު ކޮށްފައިވާ އިރު، އެޓީމުގެ އާދަމް ވަޖީހާއި މުޖުތާޒް އަލީ، ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖެހިއެވެ. އަނެއް ގޯލުތައް ޖެހީ ހާމިދު ނަސީރާއި މުހައްމަދު ޖަމީލް އަދި މުހައްމަދު ހިސާނެވެ.

ދެވަނަ ސެމީގައި ވާދަކުރީ މިދިޔަ އަހަރު ފައިނަލުގައިވެސް ވާދަކުރި ކަންމަތީ ސްޕޯޓްސް ކްލަބާއި އަފޭންނެވެ. އެމެޗު ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، މެޗު އަފޭން ޓީމުން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ފުރަތަމަ ލީޑު ނެގީ ކަންމަތިންނެވެ. ކަންމައްޗަށް ގޯލު ޖަހައިދިނީ އަލީ އިފާޒެވެ.

އެ ގޯލު ކަންމަތިން ޖަހާފައި ވަނިކޮށް އަފޭން ވަނީ ފަހަތުން އަރައި ތިން ގޯލު ޖަހައިފައެވެ. އެޓީމުގެ ގޯލުތައް ޖެހީ އަބްދުﷲ މިދުހަތު ފަހުމީ، މުހައްމަދު ލިޔާހް އަދި އިބްރާހީމް އަސްވަދު (ގަބޭ) އެވެ.

ކަންމައްޗާއި އަފޭން ރޭ ވާދަކުރި ސެމީ މެޗުގެ ތެރެއިން --- ފޮޓޯ/ ލީޑް

ކަންމަތިން އެއްވަރުކުރަން ކުރި މަސައްކަތުގައި ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، އިތުރަށް ކާމިޔާބު ކުރެވުނީ އެންމެ ގޯލެކެވެ. އެ ގޯލު ޖެހީ އިބްރާހީމް ފުރުގާނެވެ.

ދަ ހޯކްސް ލީޑް ވެޓެރަންސް ފުޓްސަލް ކަޕްގެ ފައިނަލް އޮންނާނީ މާދަމާ ރޭގައެވެ.