ލ. އަތޮޅުގެ ޖަމިއްޔާއެއް ކަމަށްވާ ލާމު ޔޫތު ޑެވަލޮޕްމަންޓު (ލީޑް) އިން އިންތިޒާމުކޮށް ކުރިއަށް ގެންދާ ދަ ހޯކްސް ލީޑް ވެޓަރަންސް ކަޕް 2025ގެ ގްރޫޕް ސްޓޭޖު ފަހު މެޗުތަކަށް ގޮސްފައިވާ އިރު، ރޭ މާމެންދޫ ޔުނައިޓެޑާއި ލާމު ބްލޫސް އެއްވަރުވެ، އޭވާލީ އެސްސީއާއި ސީއޭސީ ވެޓެރަންސްވެސް އެއްވަރުވެއްޖެއެވެ.
ލީޑް ވެޓެރަންސް ކަޕްގައި މި އަހަރު 11 ޓީމަކުން ވާދަކުރާއިރު މެޗުތައް ކުޅެމުން ދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.
ގްރޫޕް އޭގައި ބެސްޓް އެސްސީ، ގަން ކައުންސިލް ރެކްރިއޭޝަން ކްލަބު، ލާމު ބްލޫސް، ރަސްހިންނެ އެސްސީ، އަފޭން އަދި މާމެންދޫ ޔުނައިޓެޑް ހިމެނޭ އިރު، ގްރޫޕް ބީގައި ހިމެނެނީ ސީއޭސީ ވެޓެރަންސް، ކިންގް، އެވާލީ އެސްސީ އަދި ކަންމަތި އެސްސީއެވެ.
ގްރޫޕް އޭގައި މިދިޔަ ދެ ރޭ ކުޅުނު މެޗުތަކާއެކު އެ ގްރޫޕް އޮތީ ފޯރިގަދަވެފައެވެ. ރޭ މާމެންދުއާއި ލާމު ބްލޫސް، މަރުގެ މެޗަކަށް ނުކުމެފައިވާ އިރު، އެމެޗު އެއްވަރުވުމުގެ ފައިދާ ނެގީ ލާމު ބްލޫސްއެވެ.
ރޭ ފޮނަދޫ ފުޓްސަލް ދަނޑުގައި ކުޅުނު މެޗު 2-2 އިން އެއްވަރުވެފައިވާ އިރު، އެމެޗުގައި ލާމު ބްލޫސްގެ ގޯލުތައް ޖެހީ މުހައްމަދު ހިޝާންއާއި އާދަމް ވަޖީހެވެ.
މާމެންދޫގެ ގޯލުތައް އަހުމަދު ހަލީމް (އަންމަޑޭ) ޖަހާފައިވާ އިރު، މެޗުގެ ފަހުކޮޅުގައި ހޫނު ވެގެން ދިޔައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ނިމުނުތަކާ އަންމަޑޭއަށް ވަނީ ރަތް ކާޑުވެސް ދައްކައިފައެވެ.
ގްރޫޕް އޭއިން ކަޓާފައި އޮތް ބެސްޓުން ރޭ ރަސްހިންނެ ކައިރިން 15-2 އިން މޮޅުވެފައިވާ އިރު، އެ ގްރޫޕްގެ އެއްވަނައިގައި އޮތީ މާމެންދުއެއެވެ. އެއީ ފަސް މެޗުން 10 ޕޮއިންޓާއެކުގައެވެ.
ދެވަނައިގައި ހަތަރު މެޗުން 10 ޕޮއިންޓާއެކު ލާމު ބްލޫސް އޮތް އިރު، ސެމީގެ އުންމީދާއެކު އޮތް އަފޭން ތިންވަނައިގައި އޮތީ ހަތަރު މެޗުން ނުވަ ޕޮއިންޓާއެކުގައެވެ. އަފޭންނާއި ލާމު ބްލޫސްއަށް އަދި ގްރޫޕް ސްޓޭޖުގައި މެޗެއް އޮތުމުން، މާމެންދުއަށް ޖެހޭނީ މިރޭގެ މެޗުތަކުގެ ނަތީޖާއަށް މަޑުކުރާށެވެ.
ގްރޫޕް ބީގައި ރޭ އެވާލީ އެސްސީއާއި ސީއޭސީ ވެޓެރަންސް ވާދަކުރި މެޗު 5-5 އިން އެއްވަރުވެފައިވާ އިރު، އެ ގްރޫޕްގެ އެއްވަނަ ކަންމަތި ސްޕޯޓްސް ކްލަބުން އޮތީ މާ ކުރިންވެސް ޔަގީން ކޮށްފައެވެ.
ގްރޫޕްގެ ދެވަނައިގައި މިވަގުތު ސީއޭސީ ވެޓެރަންސް ހަތަރު މެޗުން ހަތް ވަނައިގައި އޮތް އިރު، އެވާލީ އެސްސީ ތިންވަނައިގައި އޮތީ ތިން މެޗުން ހަތަރު ޕޮއިންޓާއެކުގައެވެ. ގްރޫޕްގެ ފަހު މެޗުގައި މުންޑޫ ވެޓެރަންސްއާއި އެވާލީ މިރޭ ކުޅޭ އިރު، އެމެޗުން މޮޅުވެގެން ސެމީއަށް ދިޔުމަށް އެވާލީއަށް ފުރުސަތު އެބައޮތެވެ. އެހެން ނަމަވެސް، އެއީ ފައިދާ ގޯލު އިތުރުކޮށްގެންނެވެ.
ރޭ އެވާލީގެ ގޯލުތައް ޖެހީ އަބްދުﷲ ފަޔާޒާއި މުހައްމަދު ސިނާޒްގެ އިތުރުން އަލީ ޝިމާޒް އަދި ހުސައިން ހަމީދެވެ. އަހުމަދު ލަތީފް އަތުން ބައިކޮޅަށްވެސް ގޯލެއް ވަދެފައިވާ އިރު، އޭނާ ވަނީ ސީއޭސީ ވެޓެރަންސްއަށް ދެ ގޯލު ޖަހައިދީފައެވެ. އޭގެ އިތުރުން ސީއޭސީ ވެޓެރަންސްއަށް ދެން ގޯލުތައް ޖަހައިދިބީ އަލީ އިހުސާނާއި އިބްރާހީމް މުހައްމަދު އަދި މުހައްމަދު ފައްޔާޒެވެ.
ދަ ހޯކްސް ލީޑް ވެޓެރަންސް ކަޕްގެ ގްރޫޕް ސްޓޭޖު ފަހު ތިން މެޗު މިރޭ އޮންނާނެއެވެ. މިއަހަރު ލީޑް ވެޓެރަންސް މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.
ލީޑް ވެޓެރަންސް ކަޕް
ލީޑް ވެޓެރަންސް ކަޕް
ލީޑް ވެޓެރަންސް ކަޕް
ލީޑް ވެޓެރަންސް ކަޕް