ލ. އަތޮޅުގެ ޖަމިއްޔާއެއް ކަމަށްވާ ލާމު ޔޫތު ޑެވަލޮޕްމަންޓު (ލީޑް) އިން އިންތިޒާމުކޮށް ކުރިއަށްގެންދާ ދަ ހޯކްސް ލީޑް ވެޓަރަންސް ކަޕް 2025ގެ ގްރޫޕް ސްޓޭޖުގެ ކުޅުން ނިމި، ސެމީ ފައިނަލްގެ ކުރިމަތިލުންތަކަށް ތައްޔާރުވެއްޖެއެވެ.
ލީޑް ވެޓެރަންސް ކަޕްގައި މިއަހަރު 11 ޓީމަކުން ވާދަކޮށްފައިވާ އިރު، ގްރޫޕް ސްޓޭޖު ކުޅުނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.
ދެ ގްރޫޕުގެވެސް އެންމެފަހު މެޗުތައް ރޭ ކުޅެފައިވާ އިރު، ގްރޫޕް އޭގެ އެއްވަނަ ހޯދި ލާމު ބްލޫސްއިން ރޭ ވަނީ ގަން ކައުންސިލް ރެކްރިއޭޝަން ކްލަބު ކައިރިން 3-10 ގެ ނަތީޖާއަކުން މޮޅުވެފައެވެ.
އެ މެޗުގައި ލާމު ބްލޫސްގެ އާދަމް ވަޖީހު ވަނީ ހަތް ގޯލު ޖަހައިފައެވެ. ވަޖީހު ވަނީ މިހާތަނަށް މުބާރާތުގައި 18 ގޯލު ޖަހައިފައެވެ. މިވަގުތު ވަޖީހަކީ ޓޮޕް ސްކޯރާގެ މަގާމުގައިވެސް އޮތް ކުޅުންތެރިޔާއެވެ.
ވަޖީހުގެ އިތުރުން މުޖުތާޒު އަލީ ލާމު ބްލޫސްއަށް ދެ ގޯލު ޖަހައިދީފައިވާ އިރު، ގަމު ކައުންސިލް ރެކްރިއޭޝަން ކްލަބުގެ އަލީ ޔޫސުފް އަތުން ބައިކޮޅަށްވެސް ގޯލެއް ވަދެފައިވެއެވެ.
ގަމު ކައުންސިލުން ޖެހި ތިން ގޯލަކީވެސް ފަހުދު އަދްނާން ޖެހި ތިން ގޯލެވެ.
ގްރޫޕް އޭގެ ދެވަނަ ހޯދި އަފޭން ރޭ ރަސްހިންނަ ސްޕޯޓްސް ކްލަބު ބަލިކުރީވެސް 3-10 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި އަފޭންގެ މުހައްމަދު ލިޔާހް ތިން ގޯލު ޖެހި އިރު، އިބްރާހީމް އަސްވަދު (ގަބޭ)، ހަސަން ތޮލާގު، ހުސައިން ޝަކީލް ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖަހައިފައެވެ. އަދި އޭގެ އިތުރުން ހަސަން އިބްރާހީމްވެސް މެޗުގައި ގޯލެއް ޖެހިއެވެ.
ރަސްހިންނެގެ ތިން ގޯލުވެސް ޖަހައި ހަސަން އިބްރާހީމް ހެޓްރިކް ހެދިއެވެ.
ގްރޫޕް ބީގެ ފަހު މެޗަށް މުންޑޫ ވެޓެރަންސްއާ ދެކޮޅަށް އެވާލީ އެސްސީ ނުކުތް އިރު، މުންޑޫ އޮތީ ކަޓައިފައެވެ. އެވާލީ އެސްސީއަށް ހަތަރު ގޯލުގެ ފަރަގަކުން މޮޅުވެ، ގްރޫޕް ބީގެ ދެވަނަ ހޯދެން އޮތް ނަމަވެސް، އެ މެޗު މުންޑޫ ވެޓެރަންސްއިން ކާމިޔާބުކުރީ 5-4 ގެ ނަތީޖާއަކުންނެވެ.
އެ މެޗުގައި މުންޑޫގެ އިބްރާހީމް ޝަފްރާޒް (ޝަފްލޭ) ހެޓްރިކް ހެދި އިރު، އަހުމަދު އަބްދު ޝަކޫރު، އަދި އަހުމަދު ފިޔާއު ގޯލު ޖެހިއެވެ. އެވާލީގެ ގޯލުތައް ޖެހީ އެޓީމުގެ ކީޕަރު އަބްދުﷲ ނާފިޒު، އާދަމް ވަހީދު އަދި އަބްދުﷲ ފަޔާޒެވެ. އަދި މުންޑޫގެ އުމަރު މުހުތާރު އަތުން ބައިކޮޅަށްވެސް ގޯލެއް ވަދެފައިވެއެވެ.
ލީޑް ވެޓެރަންސް ކަޕް މިއަހަރުގެ ސެމީ ފައިނަލް ދެ މެޗު އޮންނާނީ މާދަމާ ރޭގައެވެ. ފުރަތަމަ ސެމީގައި ލާމު ބްލޫސްއާއި ގްރޫޕް ބީގެ ދެވަނަ ސީއޭސީ ވެޓެރަންސް ވާދަކުރާ އިރު، ދެވަނަ ސެމީ މެޗުގައި މިދިޔަ އަހަރު ފައިނަލުގައި ވާދަކުރި ކަންމައްޗާއި އަފޭން ވާދަކުރާނެއެވެ.
ލީޑް ވެޓެރަންސް ކަޕް
ލީޑް ވެޓެރަންސް ކަޕް
ލީޑް ވެޓެރަންސް ކަޕް
ލީޑް ވެޓެރަންސް ކަޕް